ވިއެޓްނާމްގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ ސީހޯމް ސަފަޔާ ކިޔާ ބޯޓު ތިލަފުށި ފަޅުގައި އޮތީ 30 ޖުލައި 2012 އިން ފެށިގެންނެވެ. މިބޯޓުގެ ސަބަބުން ލިބެމުންދާ އެތައް ގެއްލުމަކާ ގުޅިގެން މިބޯޓް އެތަނުން ނަގާ ނައްތާލުމަށް ހަވާލުކުރީ ޕާކަވަން އިންވެސްޓްމަންޓަށެވެ. މިމަސައްކަތް އެކުންފުނިން ކުރަމުން ދަނިކޮށް މިމަސައްކަތް ހުއްޓުވަން ފުލުހުން އެ ބޯޓަށް އެރުމުން އޭރު މަސައްކަތް ހުއްޓިފައިވާ ގޮތަށް އެމަސައްކަތް މިއަދާ ހަމައަށް ވެސް އޮތީ ހުއްޓިފަ އެވެ.
އެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 780،000 ޑޮލަރު (10.9 މިލިއަން ރުފިޔާ) ނަގައިދޭން އެދި އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރިއިރު އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޕާކަވަންއަށް ދައުލަތުން ބަދަލުދޭން ޖެހޭ ކަމަށާއި އެގޮތުން ބަދަލުގެ ގޮތުގައި 597،800 ޑޮލަރު (9.2 މިލިއަން ރުފިޔާ) ނަގައިދިނުމަށެވެ.
އެ ހުކުމްގައި ބުނާ ގޮތުގައި އެ އަދަދަކީ އެ ބޯޓުގެ ބާދަގަނޑުގެ ގޮތުގައި ވިއްކާލައިގެން ލިބެން ޖެހޭ އަދަދެކެވެ. އެހެންކަމުން، އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމްގައިވެ އެވެ.