ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލު، އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ޝައުގުވެރިވާ ފަރާތްތަކަށް އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1500 ރުފިޔާ (100 ޔޫ.އެސް ޑޮލަރު) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ 22 އޮކްޓޫބަރު އިން 15 ނޮވެމްބަރުގެ ނިޔަލަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށެވެ.
އަދި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 450,000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް. ޑޮލަރުން ހުށަހެޅިދާނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެ އެވެ.
އޭގެ އިތުރުން މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީއަށް އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅަންޖެހޭނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ 16 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާ ކުރާ މާލަމުގަ އެވެ.
ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށާއި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި، ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި ކަމަށް ބުނެ އެވެ.
އަދި އެ މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
އިއުލާނުގައި ބުނީ މިދިޔަ އަހަރުގެ މާޗު 20 ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ރާއްޖެއިންބޭރު ކުންފުނިތަކުން ބީލަން ހުށަހެޅުމުގެ ކުރިން، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަދި ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާއި ބެހޭ އެންމެހައި މައުލޫމާތު ހޯދަން ޖެހޭނެ ކަމަށެވެ.