ފަޒްނާ ތަމްސީލް ކުރައްވާ ލޯފާމެއް ކަމަށްވާ ލިޓިޖަންޓްސް އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމް.އެން.އެން) ކިޔާ ރާއްޖޭގެ އޮންލައިން ނޫހެއްގައި، މިމަހުގެ 22 ގައި ފަސްޓްލޭޑީއާ ބެހޭގޮތުން، ކަނޑައެޅިގެން ބުހުތާން ދޮގު ވާހަކަ ފަތުރާފައިވާ ކަމަށެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ގާއިމުކުރަމުންދާ ޕާކާ ގުޅުވައިގެން ޝާއިއުކުރި އާޓިކަލްގައި ވަނީ އެ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.
އަދި އެއީ ސާބިތުނުހިފޭ ދޮގު ވާހަކައެއްކަން ފާހަގަކޮށް ފަސްޓްލޭޑީގެ ފަރާތުން ނެރުއްވި ބަޔާނުގައި ބުނީ ފަސްޓްލޭޑީގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެ
ކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މިހާރު މިނިސްޓްރީ އޮފް ޓްރޭޑްގެ އޮންލައިން ޕޯޓަލް އިން، ރަޖިސްޓަރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މައުލޫމާތު ފެންނަން އެބަ ހުރި ކަމަށާއި އަދި ސްރީލަންކާގައި ވެސް އެ ފަދައިން ހޯދެން އެބަހުރި ކަމަށެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ބުނީ ފަސްޓްލޭޑީގެ ފަރާތުން އެދިވަޑައިގަންނަވަނީ އެ ކަމަނާގެ ނަން ބޭނުންކޮށްގެން، ދޮގު މައުލޫމާތު ނުފަތުރައި، އެ ބުނާ ކުންފުންޏެއް އޮތް ނަމަ އެކަން ހާމަކުރުމަށް ކަމަށެވެ. އަދި ފަސްޓްލޭޑީ "ކޮންމެވެސް" ފައިސާއެއް، މޮރިޝަސްއަށް ބަދަލުކުރި ވާހަކައިގައި ވެސް،
މޮރިޝަސްގައި ހިންގަނީ ކޮން ވިޔަފާރިއެއްކަމެއް، އަދި ފައިސާ ހުރިނަމަ އެ ހުރީ ކޮން ބޭންކެއްގައި ކަމެއް، އަދި އެންމެ ކުޑަމިނުން މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއް ވެސް ލިޔުމުގައި ނެތް ކަމަށެވެ.
އަދި އެ ހުރިހާ އިލްޒާމަކަށް ވެސް ފަސްޓްލޭޑީ އިންކާރު ކުރައްވާ ކަމަށް ވެސް އޭގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާކަމުގައިވާ ސައްހަ ލިޔުމަށް ބަދަލުގެ ނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް
އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށް ކަމަށާއި އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީވެސް ކުށެއް ކަމަށެވެ. 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ އަމަލުތައް ހިންގުމަކީވެސް ކުށެއްކަން ފާހަގަކޮށް ބަޔާނުގައި ވަނީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެ ލޯފާމްގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށެވެ.