ads
ސަޗިން ޝަނަވާސް-- ވީޑިއޯގެ ސްކްރީންޝޮޓް: މުހައްމަދު ފައިސަލް/ ޓްވިޓާ
ފަރުދީ ޒިންމާގެ ނަމޫނާ: އެކަނި މާ އެކަނި ކުނި ނަގާ މީހެއްގެ ވާހަކަ!
ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަމާއެކު ދެމެހެއްޓުމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. ރާއްޖޭގައި އެ ވާހަކަައިގެ އަޑު ގަދަވެފައި ވަނީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުން އެންމެ ދެ މީޓަރު އުހުގައި މި އޮތް ކުދި ޖަޒީރާތައް ކަނޑުގެ އަޑިއަށް ހިނގައި ދާނެ ކަމުގެ ބިރު ބޮޑުވުމުންނެވެ.

ތިމާވެށި ހިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް ކޮންމެވެސް ކަމެއް ކުރަމުންދާ ކަމުގެ ހަބަރު ދޭތެރެއަކުން ލިބެ އެވެ. ބަޔަކު ނިކުމެ ގޮނޑުދޮށް ސާފުކުރުމާއި، މޫދުން ކުނި ނެގުން ފަދަ ކަންކަން ކުރާ ކަމުގެ ހަބަރު ޓީވީތަކާއި ނޫސްތަކުން ފެންނާނެ އެވެ. އެކަމަކު އެނަކި މާ އެކަނި މި މަސައްކަތަށް ނިކުމެ އުޅޭ މީހެއްގެ ވާހަކަ އިވޭނީ މަދު ފަހަރަކު އެވެ.

ސަޗިން ޝަނަވާސް އަކީ އެފަދަ މީހެކެވެ. އެކަނި މާ އެކަނި ހުޅުމާލެ ބީޗަށް ނިކުމެ، އެތަނަށް އުކާފައި ހުރި އެކި ބާވަތްތަކުގެ ޕްލާސްޓިކާއި އެހެނިހެން ކުނި ނަގަން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. އެ މަންޒަރު ފެނުނީ ކްރިކެޓް ބޯޑުގެ މިހާރުގެ ރައީސް މުހައްމަދު ފައިސަލް އަށެވެ.

ޓްވިޓާ މެދުވެރިކޮށް ފައިސަލް ހިއްސާކުރި ވީޑިއޯއިން ފެންނަނީ ހުދު ގަމީހަކާއި ކަޅު ސޯޓެއް ލައިގެން، ކޮނޑުގައި ދަބަހެއް އަޅައިގެން ހުރި ފިރިހެނަކު ބީޗަކަށް ޖަމާވެފައި ހުރި ކުނިތައް ކަޅު ކޮތަޅަކަށް އަޅާ މަންޒަރެވެ. މީހަކު އެކަނި ކުނި ނަގާ މަންޒަރު ފެނި، ހައިރާންވެގެން ފައިސަލް ވެސް ވަނީ އެއީ ކީއްވެ ކުރާ ކަމެއްތޯ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ސަޗިން ޝަނަވާސް ނަމަކަށް ކިޔާ އެ ބޭރު މީހާ ބުނީ އެއީ އޭނާގެ އަންހެން ދަރިފުޅުގެ ފުރަތަމަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. 

"މިއީ އުފާ ފާޅު ކުރާއިރު، އެހެން މީހުންނަށް ވެސް ކަމެއް ކޮށްދޭން ރަނގަޅު ގޮތެއް. އަޅުގަނޑުމެންގެ ގައުމު ސާފުކޮށް ބޭއްވުމަށް ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭނެ. ޒިންމާދާރުވަމާ،" 36 ސިކުންތުގެ ވީޑިއޯކޮޅަކާއެކު ކުރި ޓްވީޓުގައި ފައިސަލް ލިޔެފައި ވެއެވެ. 

މީގެ ހަފްތާއެއް ކުރިން ސޯޝަލް މީޑިއާއިން މިފަދަ އެހެން ޕޯސްޓެއް ފެނުނެވެ. އެކަމަކު އެ ހާދިސާ ތަންކޮޅެއް ތަފާތެވެ. ވެޑިންގެ އުފަލުގައި ދިވެހިންގެ ބަޔަކު ހުޅުމާލެ ބީޗަށް ޖަމާވެ، މުޅި ތަން ގޮނޑުކޮށްފައި ދިޔުމުން އެ ކުނިތައް ނަގާ ޑަސްބިނަށް އެޅުމުގެ ފަރުދީ ޒިންމާ އަދާކުރި ބޭރު މީހެއްގެ ވާހަކަ އެވެ. 

"ކައިވެނިކޮށްގެން ވެޑިންޑްރެސްގައި ފެމެލީއާއެކު ފޮޓޯނަގަން އަތިރިމައްޗަށް އައި ބަޔަކު، ކައިބޮއެ ހަދާފަ މުޅިތަނަށް އުކާފަހުރި ކުނިތައް، އެދިމާއިން މޫދަށް އެރެންދިޔަ ދޮން މީހަކު ހޮވައިގެން ގެންގޮސް މަގުގެ އަނެއް ފަރާތުގައި ހުރި ޑަސްބިނަކަށް ލަނީ،" ފޮޓޯ އާއެކު ހިއްސާކުރި ޕޯސްޓުގައި ލިޔެފައި ވެއެވެ. 

ކޮންމެ ކަމެއްގައި ހެޔޮ ބަދަލު ގެނައުމަށް ފަރުދީ ޒިންމާއަކީ އެންމެ މުހިއްމު އެއްޗެވެ. ކުނީގެ މައްސަލަ އާއި ތިމާވެށި ހިމާޔަތް ކުރުމުގައި ވެސް ފަރުދީ ޒިންމާ ބޮޑެވެ. ތަންތަނަށް ކުނި އެޅުން ހުއްޓާލުމާއި، އުފައްދާ ކުނި މަދު ކުރުން ފަދަ ފިޔަވަޅުތަކުގެ އިތުރުން ތަންތަން ސާފު ކުރަން ނިކުތުމަކީ ވެސް އާއްމު ފަރުދުންނަށް ކުރެވިދާނެ ކަމެކެވެ. 

އަމިއްލަ ގައުމުގައި އުޅޭ ބިދޭސީން ޒިންމާ އަދާ ކުރާ ވަރަށް ދިވެހިން ވެސް ފަރުދީ ޒިންމާ އަދާ ކުރަން ޖެހެ އެވެ. ދިވެހިންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް މި ދެކެވެނީ އެ ވާހަކަ އެވެ. ފަރުދީ ޒިންމާ އަދާކޮށްގެން ކޮވިޑް-19 އިން އަރައިގަންނަން މަސައްކަތް ކުރަން ޖެހޭ ވާހަކަ އަބަދުމެ މިހާރު ދަނީ ދެކެވެމުންނެވެ.

ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އެހެނިހެން ފަރާތްތަކުން ކުނި ނެގުމަށް ހިންގާ ހަރަކާތްތަކުގައި އެތައް ބަޔަކު ބައިވެރިވެ، ގިނަ އަދަދެއްގެ ކުނި އަބަދުވެސް ނަގަ އެވެ. އެކަމަކު ވަކިވަކި ފަރުދުން ނިކުމެ މިފަދަ ކަމެއް ކުރާ ކަމުގެ ވާހަކައެއް މީގެ ކުރިން އިވިފައެއް ނުވެ އެވެ. 

އެހެންކަމުން ދިވެހިންނަށް ދިމާވެފައިވާ ކޮންމެ އިޖުތިމާއީ މައްސަލައަކަށް ހައްލު ހޯދަން ފަރުދީ ޒިންމާގެ ދައުރު މުހިއްމު ކަމަށް ފެނެ އެވެ. ކުނި ނާޅަމާ ހިނގާށެވެ. ކުނި ފެނިއްޖެ ނަމަ ގޮސް ނަގަމާ ހިނގާށެވެ. މޫސުމަށް އަންނަ ބަދަލާއި ތިމާވެށި ހިމާޔަތް ކުރުމުގައި ވެސް އޮތީ މިގޮތެވެ. 

ސަޗިން ޝަނަވާސް ފަދައިން އުފާ ފާޅުކުރުމުގައި ވެސް އެހެން ބަޔަކަށް ފައިދާވާ، ހެޔޮ ކަމެއް ކޮށްދޭ ބަޔަކަށް ވަމާ ހިނގާށެވެ. ވަކިވަކި ފަރުދުން ކުރާ ކުދިކުދި ކަންކަމުން ބޮޑު ނަތީޖާ ފެންނާނެކަން ޔަގީނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް