ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފިއެވެ.

Advertisement
ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފިއެވެ.
ޖަލު ތަޅާލުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ރާއްޖެޓީވީން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ދޫނިދޫ ޖަލަކީ މީހުން ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެހެންކަމުން އެތަން ތަޅާލުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް މިއަހަރުވެސް ތައްޔާރުވި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ނުގެންދެވުނީ އޭރު ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލު ތަޅާލުމަށްފަހު ހަމަ އެތަނުގައި އިތުރު ޖަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށެވެ. މީގެކުރިން އެއްގޮތަކަށްވެސް މީހުން ބަހައްޓަން އެކަށީގެން ނުވާ ތަންތަނުގައިވެސް މީހުން ބަހައްޓާފައިވާކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު އެތަންތަނުގައި އެއްވެސް މީހަކު ބަންދުކޮށްފައި ނުބަހައްޓާ ކަމަށެވެ. ދޫނިދޫގައި ދެން އަޅާނެ ޖަލަކީ އިންސާނުން އެތަނުގައި ބަންދުކޮށްފައި ބަހައްޓަން އެކަށީގެންވާ ތަނަކަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.