ads
އަހުމަދު އަދީބު-- ފޮޓޯ: އޭއެފްޕީ
އަދީބު ގެއަށް ބަދަލުކުރީ ނިދަން މެޝިނެއް ބޭނުންވާތީ: އިމްރާން
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ނިދުމަށް ހާއްސަ މެޝިނެއް ބޭނުންވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމަުން މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ ކުރިން ޖަލުގައި ހުއްޓާ ޖަލުގެ ގޮޅިއަށް ވެއްޓުނު ފަހުން އަދީބު ނިދުމަށް ވަކި މެޝިނެއް ޑޮކްޓަރު ދެއްވާފައިވާ ކަމަށެވެ. 

އަދި ގެއަށް ދޫކޮށްފައިވަނީ އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއްކަމަށް ނުވަތީ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މީގެ ކުރީ ފަހަރެއްގަ ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް ވެއްޓި ނިތްކުރި މަތި ދުޅަވެ ދެން ކަންތައްތަކެއް ހިނގާފައި ހުރި. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. ދެން އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ. އެހެންވެ ގޭގަ އެމެޝިން ގާއިމްކުރެވިފައި ހުރިކަމަށްވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާކަމަށް މިވަނީ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަދީބުގެ ނިދުމުގައި މައްސަލަތަކެއް ހުންނަ ކަމަށެވެ. އަދި ފުއްޕާމެއާއި ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިއުންތަކުގައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭގަފަހުން މިމަހުގެ ހަތްވަނަ ދުވަހު އަދީބު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

13%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
78%
ވަރަށް ސަލާމް
ކޮމެންޓްސް