އަނގޮޅިތީމް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ ސަރަހައްދު މޮބިލައިޒްކޮށްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގައެވެ.
މި މަޝްރޫއުގެ ދަށުން 42،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ހިއްކުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91.44 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެއް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރާނެއެވެ.
މި މަޝްރޫއު މި މަހުގެ އަށް ވަނަ ދުވަހު ހަވާލުކޮށްފައިވާ އިރު، ޖުމްލަ 44.31 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.