ads
މެމްބަރު މީކާއިލް، މެމްބަރު ހަސަން އަހުމަދު--
އޭސީސީ މެމްބަރުން ވަކިކުރުމަށް ވޯޓު ދެއްވީ ހަސަން އަދި މީކާއިލް، މައްސަލަ ފާހެއް ނުވި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ފާހެއް ނުވި އެވެ.

މިއަދު ކުރިއަށް ދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހަސަން ހުށަހެޅުއްވި މައްސަލައަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. 

ކޮމިޓީގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި އޭސީސީގެ އަގު ވެއްޓިފައިވާ ކަމަށެވެ. އަދި ކަންކަން ރަނގަޅު ކުރުމަށް އޭސީސީން އިސްނަގައިގެން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި ކޭސްތަކަށް އިސްކަން ދިނުމުގައި ވެސް އޭސީސީން އަމަލު ކުރާނެ އުސޫލެއް އެކުލަވާލާފައި ނުވާ ކަމަށް ވިދާޅުވި އެވެ. 

މީކާއިލް ވިދާޅުވީ މިވީ އެއް އަހަރުގެ ތެރޭގައި އޭސީސީން ރަނގަޅަށް ޕާފޯމް ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑެއް ނުދަންނަވަން އޭސީސީ އެކަނި ކަމަކަށް މި ކަންކަމުގައި ޒިންމާ ނަގަން ޖެހޭނީ. އެހެން ނަމަވެސް މި ކޮމިޓީގެ ބެލެނިވެރިކަމުގެ ދަށުގައި ވަނީ އޭސީސީ ކަމަށް ވާތީ މި ހުށަހެޅުމަށް ތާއީދު ކުރަން،" މީކާއިލް ވިދާޅުވި އެވެ.

 

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މައްސަލައަށް ވޯޓު ދެއްވީ ހަސަން އަދި މީކާއިލް އެކަންޏެވެ. އެހެންކަމުން އެ ހުށަހެޅުން ފާހެއް ނުވި އެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްވީ، އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ކަންކަން ސާފު ކުރުމަށެވެ. 

އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީއަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތި ދައުވާ ނުކުރުމަށް ނިންމާފައި ވަނިކޮށެވެ. 

އޭސީސީގެ މަސައްކަތްތަކާ މެދު މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެންމެ ރަނގަޅަށް އޭސީސީގެ މަސައްކަތްތައް ނުކުރާ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް