ads
އެކި ކަރަންސީތައް---
މުދާ އެތެރެ ކުރަން ޑޮލަރު ނޫން ފައިސާއެއް ބޭނުން ކުރަން ތައްޔާރުވެއްޖެ
ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ޑޮލަރު ނޫން ބޭރުގެ އެހެން ކަރަންސީއެއް ބޭނުން ކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
Advertisement

ބްލެކް މާކެޓްގައި ޑޮލަރު ވިއްކާ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ހާޒިރުކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހާޝިމް ވިދާޅުވީ ޑޮލަރަށް އޮތް ޑިމާންޑް ދަށްކުރުމުގެ ގޮތުން ބޭރުގެ އެހެން ކަރަންސީއެއް ބޭނުންކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖެއާ ވިޔަފާރީގެ ގުޅުން އެންމެ ބޮޑަށް ހިނގާ ގައުމުތަކުގެ ކަރަންސީ ބޭނުން ކުރެވޭނެ ކަމަށް ފާހަގަކުރައްވަމުން ހާޝިމް ވިދާޅުވީ ޗައިނާގެ ޔުއާން އަދި އިންޑިއާގެ ރުޕީސް ބޭނުން ކުރެވިދާނެ ކަމަށެވެ.

އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބެލެންސް އޮފް ޓްރޭޑާ އެއް ގޮތަށް ރުފިޔާ އާއި ރުޕީސް ނުވަތަ ޔުއާން އަށް އެކްސްޗޭންޖް ކުރެވޭނެ ކަމަށް ހާޝިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވިދާޅުވީ މިއީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަމަށާއި މީގެ ސަބަބުން އެމެރިކާ ޑޮލަރަށް އޮންނަ ޑިމާންޑު ކުޑަ ވާނެ ކަމަށެވެ.

"އެހެން ގައުމުތަކުން ވެސް މިހާރު ބޭނުން ކުރަމުން އަންނަ އެކްސަސައިޒެއް މިއީ. އެ ތަނެއްގެ ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެ ނިޒާމެއް ހެދުން. މާނައަކީ އަޅުގަނޑުމެންގެ ލޯކަލް ކަރަންސީ ބޭނުން ކޮށްގެން އެހެން ޖުރިސްޑިކްޝަނެއްގައި ހުންނަ މުދަލާއި ހިދުމަތް އަޅުގަނޑުމެންނަށް ހޯދޭނެ މެކޭނިޒަމެއް އެސްޓަސްބްލިޝް ވީމަ ޔޫއެސް ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ،" ޑޮލަރު ނޫން އެހެން ކަރަންސީއެއް ބޭނުންކުރުމާ ގުޅޭ ގޮތުން އިމާދު ވިދާޅުވި އެވެ.

ކޮވިޑް 19 ގެ ސަބަބުން ފަތުރުވެރިކަން ހީނަރުވެ، ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދު ވަނީ ވަރަށް ބޮޑު ތަނުން ވެއްޓިފަ އެވެ. 

އޭގެ ނޭދެވޭ އަސަރު މާލީ އަދި އިގްތިސާދީ ގޮތުން ކުރަމުން ދާއިރު، އެމްއެމްއޭ އިން ވަނީ އަސަރު ކުޑަ ކުރުމަށް ފިޔަވަޅުތައް ވެސް އަޅާފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް