ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ފޭރެން މަސައްކަތް ކުރީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު އެވެ.
ފުލުހުން ބުނީ، މިހާރު ތަހުގީގު ކުރަމުންދާ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ބޭންކް އޮފް ސިލޯން ކުރިމަތިން ފައިސާތައް ފޭރެން އުޅުނު ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވެސް އަންނަނީ ދައުރުވަމުންނެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ރޫޓްގެ ވެހިކަލެއް ބޭންކް ކުރިމަތީގައި މަޑުކުރުމާއެކު ދެ ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ހަތަރު މީހަކު އައިސް ފައިސާތައް ފޭރެން އުޅެ އެވެ.
އެކަމަކު އެ މަސައްކަތް ނާކާމިޔާބުވުމާއެކު އެ ހަތަރު މީހުން ފިލާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.