ads
ސްކޫލުގައި އެއްޗެއް ގޮއްވާލުމުން ލިބުނު ގެއްލުންތައް ބަލަނީ-- ފޮޓޯ: އީޕީއޭ
ޕާކިސްތާނުގެ މަދަރުސާއެއްގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ޕާކިސްތާނުގައި ދީނީ ތައުލީމް އުނގަންނައިދޭ މަދަރުސާއެއްގައި ދިން ބޮމުގެ ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގައި ހިންގާ މަދަރުސާއެއްގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން މިހާތަނަށް އަށް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކުޑަކުދިންތަކެއްގެ ފުރާނަ ދުއްވާލަން ދިން އެ ހަމަލާ ފަދަ ހުރިހާ ޓެރަރިޒަމްގެ އަމަލެއް ރާއްޖެއިން ކުށްވެރި ކުރާ ކަމަށެވެ. 

އިއްޔެ ހެނދުނު ޖަމިއާ ޒުބޭރިއާ މަދަރުސާގައި އެއްޗެއް ގޮއްވާލި ވަގުތު ކުދިން ތިބީ ކްލާސްތަކުގައި ކިޔަވާށެވެ. އެތަނުގައި ގޮއްވާލީ އަމިއްލައަށް އުފައްދާފައިވާ އެއްޗެއް ނުވަތަ އައިއީޑީއެއް ކަމަށް ބެލެވެ އެވެ.

އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ވެރިރަށް އިސްލާމްއާބާދުގައި ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ. 

އޭގެ އިތުރުން އިއްޔެ އަފްގާނިސްތާނުގެ ކާބުލްގައި ވެސް މަދަރުސާއެއްގައި އެއްޗެއް ގޮއްވާލާ 24 މީހުން މަރާލާފައި ވެއެވެ. ރާއްޖެއިން ވަނީ އެ ހަމަލާ ވެސް ކުށްވެރިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް