ads
އައްޑޫސިޓީ ފުވައްމުލައް ކުޅި——ފުޓޯ: ހުސެއިން ސޮލާހް ޓްވިޓާ
އައްޑޫ އަދި ފުވައްމުލައް، ބޮޔަސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅައިފި
ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯ އިން ދެމުން އަންނަ ހާއްސަ ލަގަބެއް ކަމުގައިވާ ބަޔޮސްފިއާ ރިޒާވްގެ ލަގަބު މިއަދު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ލިބިއްޖެ އެވެ.

ފުވައްމުލައް ސިޓީއަށް މި ލަގަބު ލިބިފައިވަނީ މިއަދު މެންދުރު އޮންލައިންކޮށް ބޭއްވި "ޔުނެސްކޯ އިންޓަނޭޝަނަލް ކޯޑިނޭޓިން ކައުންސިލް އޮފް ދަ މޭން އެންޑް ދަ ބައޮސްފިއާ ރިޒާވް ޕްރޮގްރާމްގެ 32 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

ބަޔޮސްފިއާ ރިޒާވްގެ ލަގަބަކީ ގުދުރަތީ ރީތި ސިފަތަކާއިއެކު އިންސާނުންނަށް ދިރިއުޅެވޭނެ ފަދަ ސިފަތަކެއް ހުރި ތަންތަނަށް ދެވޭ ލަގަބެކެވެ. ބަޔޮސްފިއާ ރިޒާވްގެ ލަގަބު ލިބޭތަނަކަށް ތިމާވެށި ރައްކާތެރިކުރުމާއިއެކު އަމިއްލަ އުފެއްދުންތައް މާކެޓް ކުރުމާއި އަދި ބައިނަލްއަގްވާމީ ގޮތުން ހިލޭ އެހީ ލިބުންފަދަ ފައިދާތައް ހިމެނެއެވެ. 

ގައުމެއްގައި ބައޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ތަނެއް ކަނޑައަޅަން ބޭނުންވެއްޖެނަމަ އެ ކަނޑައަޅަން ބޭނުންވާ ސަރަހައްދު ޔުނެސްކޯގެ މޭން އެންޑް ބައޮސްފިއާ ރިޒާވް ޕްރޮގްރާމަށް ހުށަހެޅުމުން ބައޮސްފިއާ ރިޒާވް ލަގަބުއަރުވަނީ ޔުނެސްކޯއިންނެވެ.

މުޅިން އަލަށް ބަޔޮސްފިއާ ރިޒާވްގެ ލަގަބު ހޯދުމަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނޭ ގޮތަށް ޖުމްލަ 26 ސަރަހައްދަކުން ވަނީ ކުރިމަތިލައިފަ އެވެ. އަދި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅައިފައިވާ ގައުމުތަކުގެ ތެރެއިން މުއްދަތު އިތުރުކުރުމަށް ނުވަތަ ކަނޑައަޅައިފައިވާ ސަރަހައްދު ބަދަލުކުރުމަށް އެދި ހަ ސަރަހައްދެއްގެ ނަން ވަނީ ކައުންސިލަށް ހުށައަޅައިފައެވެ. 

ފުވައްމުލަކުން ބަޔޮސްފިއާ ރިޒާވް އަށް ހެދުމަށް ހުށައަޅައިފައިވާ ސަރަހައްދުގެ ބޮޑު މިނަކީ 491.7 ހެކްޓަރު އަދި ރަށާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދުން 461.7 ހެކްޓަރެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭނެ މަސައްކަތް ނުކުރެވޭނެ ހަތަރު ސަރަހައްދެއް ފާހަގަކުރެވިފައިވާއިރު އޭގެ ތެރޭގައި އެކި ކަހަލަ ފަރުތަކާއި ޗަސްބިން ފަދަ ސަރަހައްދުތައް ހިމެނެއެވެ. އެ ސަރަހައްދުތަކުގެ ބޮޑުމިނުގައި 474.32 ހެކްޓަރު ހިމެނޭއިރު އެއީ ރަށުގެ 15.34 ހެކްޓަރު އަދި ކަނޑުގެ ސަރަހައްދުން 458.98 ހެކްޓަރެވެ. 

އާދައިގެ ގޮތުން މީހުން ދިރިއުޅޭ އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދު، ޓްރާންސިޝަނަލް އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޯ އޭރިއާ އަދި ބަފާ ޒޯންގެ ބޭރުން ހިމެނޭ ހުރިހާ ސަރަހައްދެކެވެ. އެއީ ރަށުގެ 376.07 ހެކްޓަރާއި ކަނޑުގެ ސަރަހައްދުން 163.08 ހެކްޓަރެވެ. އެ ސަރަހައްދުގެ ބޮޑުމިނަކީ 539.15 ހެކްޓަރެވެ.

ދުނިޔޭގައި ޖުމްލަ 120 ގައުމެއްގައި މި ލަގަބު ލިބިފައިވާ 669 ސަރަހައްދެއް ހިމެނޭއިރު ދިވެހިރާއްޖެއިން މީގެ ކުރިން މި ލަގަބު ލިބިފައިވަނީ ބ. އަތޮޅަށް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް