ads
އެސްޓީއޯ-- ފޮޓޯ: ރާއްޖެއެމްވީ
ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އިއްޔެ އެސްޓީއޯ އިން ނެރުނު އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 100.3 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު، 4.6 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 14 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެސްޓީއޯ އަށް ވަނީ އާމްދަނީގެ ގޮތުގައި ޖުމްލަ 1.546 ބިލިއަން ރުފިޔާ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބިފަ އެވެ. ދެވަނަ ކުއާޓަރަށް ވުރެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާ އިރު، ފުރަތަމަ ކުއާޓަރަށް ވުރެ ވަނީ ދަށްވެފަ އެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި 1.299 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، 2.492 ބިލިއަން ރުފިޔާ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައި ވެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 1.546 ބިލިއަން ރުފިޔާ ލިބުުނުއިރު، ތެލުން 818.6 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައި ވެއެވެ. އަދި ތެޔޮ ނޫން ތަކެތިން 727 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައި ވެއެވެ.

އެސްޓީއޯ އަށް ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިން ކުންފުނީގެ ހަރަދުތަކަށް 158.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މާކެޓިން އަށް 76.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެހެންކަމުން ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި 120.6 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ ކުއާޓަރަށް ވުރެ 35.6 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެސްޓީއޯގެ ހިއްސާދާރުންނަށް ޖުމްލަ 89 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާ އިރު، މިދިޔަ ކުއާޓަރުގައި ހިއްސާދާރުންނަށް 93 މިލިއަން ރުފިޔާ ބަހަން ނިންމާފައި ވެއެވެ. އަދި ފުރަތަމަ ކުއާޓަރުގައި 101 މިލިއަން ރުފިޔާ ބަހަން ނިންމާފައި ވެއެވެ. އެހެންކަމުން މި އަހަރުގެ އެހެނިހެން ކުއާޓަރުތަކާއި ތިންވަނަ ކުއާޓަރުގައި ހިއްސާދާރުންނަށް ބަހާ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް