
ސްނީކް ޕީކުން ފެންނަނީ ކްލޮއީއަށް ކޮވިޑް ޖެހިފައިވާ ކަމަށް އޭނާ ބުނާ މަންޒަރު ރިކޯޑު ކުރަނިކޮށެވެ. އޭރުވެސް އޭނާއަށް ރޯގާ ޖެހިފައިވާ ކަން އަޑުން އެނގެ އެވެ.
ކްލޮއީ ބުނަނީ އޭނާއަށް ކޮވިޑް ޖެހިފައިވާ ކަން އެނގުނީ ހަމަ ދެންމެ ކަމަށާއި ކޮޓަރީގައި އުޅެމުން ދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި ކުރިން ހާލު ގޯސްވި ނަމަވެސް މިހާރު ރަނގަޅު ކަމަށް ވެސް ބުނެ އެވެ.
ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށާއި އޭގެ ތެރޭގައި ހޮޑުލެވުމާއި، ކެއްސާ، ތުރުތުރު އެޅުމާއި ކުއްލިއަކަށް ހަށިގަނޑު ފިނިވެ ހޫނުވުމާއި، ބޮލުގައި ރިއްސުން ހިމެނޭ ކަމަށް އެ ވީޑިއޯގައި ކްލޮއީ ބުނެ އެވެ.
އޭގެ އިތުރުން ކިމް ކާޑޭޝަން އާއި އެމީހުންގެ މަންމަ ކްރިސް ޖެނާ އެކަމާ މެދު ކަންބޮޑުވެގެން އުޅޭ މަންޒަރު ވެސް ސްނީކް ޕީކުން ފެނެ އެވެ.
އެ ޝޯގެ މިހާރުގެ އެޕިސޯޑުތައް ޝޫޓުކޮށްފައި ވަނީ މީގެ މަސްތަކެއް ކުރިންނެވެ. މި ސްނީކް ޕީކްގެ ކުރިން ނެރުނު ޓީޒާއެއްގައި ކިމް ކޮވިޑް ޓެސްޓު ހަދާ މަންޒަރު ވެސް ދައްކާލާފައި ވެއެވެ.
ސާދަ އަހަރު ވަންދެން މެދުނުކެނޑި 20 ސީޒަން ދެއްކުމަށް ފަހު އެ ޝޯ ނިންމާލަން އުޅޭ ކަން އިއުލާން ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.