ads
ލަންކާ--
ލަންކާ އިން ކޮވިޑް ޖެހުނު އަދަދު ދިހަ ހާހާ ގާތަށް
އަވަށްޓެރި ސްރީލަންކާގައި ދެ މަސް ދުވަސް ވަންދެން ކޮވިޑް ކޮންޓްރޯލްކުރެވިފައި އޮތުމަށް ފަހު، ގާމެންޓް ފެކްޓަރީއެއްގައި މަސައްކަތް ކުރާ ބަޔަކު ޕޮޒިޓިވްވެ ބަލި އިތުރަށް ފެތުރެމުން އަންނައިރު އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 9791 އަށް އަރައިފި އެވެ.

މިމަހުގެ ކުރީކޮޅާ ހަމައަށް އެގައުމުން ބަލި ޖެހުނީ އެންމެ ތިން ހާހެއްހާ މީހުންނަށެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު އުޅުނީ 13 ގަ އެވެ. އެކަމަކު މިހާރު ބަލި ޖެހުނު މީހުންގެ އަދަދު ދިހަ ހާހާ ގާތްވެފައިވާއިރު 19 މީހަކު ވަނީ މަރުވެފަ އެވެ. 

މިހާރު އެގައުމުގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 500 ގައި އުޅޭއިރު ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވެސް ދަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން މިހާރު ވެސް 60 އެއްހާ ސަރަހައްދުގައި ކާފިއު ދަނީ ހިންގަމުންނެވެ. އަދި 29 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ވަނީ ލަންކާގެ ވެރިކަން ކުރާ ކޮލަމްބޯގެ ވެސްޓަން ޕްރޮވިންސްގައި 72 ގަޑިއިރަށް ކާފިއު ހިންގަން ފަށާފަ އެވެ. 

އޭގެ އިތުރުން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ވެސް މިވަގުތު އޮތީ ބަންދުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ޖަލްސާތައް ނުބާއްވަން ނިންމާފައި މިވަނީ ކޮލަމްބޯގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ކޮމިއުނިޓީ ޓްރާންސްމިޝަނުގެ ބިރު ބޮޑުވެފައިވާތީ އެވެ. އަދި އަލުން ޖަލްސާތައް ފަށާއިރު ކުރިއަށް ގެންދާނީ ހަތަރު ގަޑިއިރަށް ކަމަށް ވެސް ބުނެ އެވެ.

އާބާދީގައި 21 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ލަންކާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އައިސްފައިވާތީ ވަނީ އެއްވުން ވެސް މަނާކޮށްފަ އެވެ. އަދި ބާތަކާއި ސްޕާތައް އަދި ރެސްޓޯރަންޓުތަަކާއި ނައިޓްކްލަބްތައް ވެސް ބަލި ފެތުރެމުންދާތީ ވަނީ ބަންދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް