
އިންޑިއަން ސުޕަ ލީގުގެ ހުރިހާ މެޗެއް ވެސް މި ފަހަރު ކުޅޭނީ ގޯއާގައެވެ. ގޯއާގެ ހަތަރު ސްޓޭޑިއަމެއްގައި މެޗުތައް ކުޅެން ހަމަ ޖައްސާފައިވާއިރު ގިނަ ޓީމުތަކުން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ހުކުރު ދުވަހު އާއްމުކޮށްފައިވަނީ މުބާރާތުގައި ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ކުޅޭ މެޗުތަކެވެ. ބާކީބައި އިއުލާންކުރާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބާކީ ހުރި މެޗުތައް އިއުލާން ކުރާނީ ޑިސެމްބަރު މަހު، އޭއެފްސީން އަންނަ އަހަރުގެ އޭއެފްސީގެ މުބާރާތްތަކުގެ ޝެޑިއުލް އާއްމު ކުރުމުން، އެއަށް ފުށު ނާރާ ގޮތަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ ވިހި ވަނަ ދުވަހު ބައްދަލު ކުރާނީ އޭޓީކޭ މޯހަން ބަގާންއާއި ކެރެލާ ބްލާސްޓާ އެވެ. މީގެ ތެރެއިން އޭޓީކޭ މޯހަން ބަގާން އަކީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނޭ ޓީމެކެވެ.
މި މުބާރާތުގެ ލީގު ޗެމްޕިއަންކަން ހޯދާ ބަޔަކަށް އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެއެވެ. އަދި ދެވަނަ އަށް އަންނަ ޓީމެއް އޭއެފްސީ ޕްލޭ އޮފްގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ވާދަކުރާނެއެވެ.