އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް އަށް 259 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ އިރު، ދެވަނަ ކުއާޓަރުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 106 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ 153 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ، ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 291 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 32 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި ލިބުނު ވަރު ދަށް ކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެހެންކަމުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު ވަރު 48 މިލިއަން ރުފިޔާ ވަނީ ދަށްވެފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބީއެމްއެލް އިން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އާންމުންނާއި، ވިޔަފާރިތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް އެހީތެރިވުމަށް ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުމާއި، ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކުން ވިޔަފާާރިތަކަށް ލޯން ދޫކޮށްފައިވުން ހިމެނެ އެވެ.
ބީއެމްއެލް އިން ވަނީ މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކަށާއި، އަދި މުޖުތަމައުގެ ތަރައްގީ އަށް ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކޮވިޑް އާއި ގުޅިގެން ބީއެމްއެލް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 10 ހޮސްޕިޓަލަކަށް ޕީޕީއީ ހަދިޔާކޮށްފަ އެވެ.
މި ކުއާޓަރުގައި ރަނގަޅު ނަތީޖާއެއް ލިބިފައި ވިޔަސް އަހަރުގެ ބާކީ އޮތް ކުއާޓަރުގައި ޕްރޮވިޝަން ޗާޖް ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އެހެންކަމުން އަންނަ ކުއާޓަރުގައި ދަތިތަކާއި ކުރިމަތިވާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވަނީ ވިދާޅުވެފަ އެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މިހާރު ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށާއި، ދިވެހިންނާއެކު ބޭންކް ދެމި އޮންނާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.