ސުނާމީ ބިނާމައިޒާން އާއްމުނަށް ހިތްހަމަޖައްސާލަން ގޮސް ތިބެވޭނެ ފަދަ ގޮތަކަށް ތަރައްގީކޮށް ހުޅުވާލާފައިވަނީ 2016 ވަނައަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން އެ ބިނާ ބަހައްޓާފައިވަނީ ލޮނުޒިޔާރަތްކޮޅުގަ އެވެ. އެ ބިނާ މިހާރު ހުރި ސަރަހައްދަށް ބަދަލުކޮށްފައިވަނީ ސިނަމާލެ ބްރިޖް މަޝްރޫގެ މަސައްކަތް ކުރުމަށްޓްކައި 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.
މި ބިނާ މިހާރު ބަހައްޓާފައިވަނީ ކުރިން ތިން ރުއް ޕާކު ހުރި ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ސުނާމީ ބިނާ މައިޒާން އޭރުގެ ސަރަުކާރުން ތަރައްގީކޮށްފައިވަނީ ހިތް ގައިމު ޕާކެއް ގޮތަށެވެ. އެހެެންނަމަވެސް އެ ސަރަހައްދުގެ ތޮށިގަނޑު ކައިރިން ގާތަށް ނެއްޓި ވެލިގަނޑު މިހާރު ވަނީ ގިރާފަ އެވެ.
ވެލިގަނޑު ގިރާފައިވުމުގެ ސަބަބުން ރާޅުޖެހުމާއި ތޮށިގަނޑުގެ އަޑީގައިވާ ވެލިގަނޑު ރާޅާއެކު ދަމައިގެންދާތީ ގާތަށް ނެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި ނެއްޓިފައިވާ ގާތަށް ވެސް އެކި ތަނަށް އުކާލެވިފައިވުމުގެ ސަބަބުން އެ ސަރަހައްދަށް ދާ އާއްމުންނަށް އުނދަގޫތަކެއް ދަނީ ކުރިމަތި ވަމުންނެވެ.
އެކަމާއި ގުޅިގެން އާއްމުން ޝަކުވާ ކުރަމުންދާތީ މޭޔާ ޝިފާ ވިދާޅުވީ މިއަހަރު އެކަނިވެސް ފަސް ފަހަރު މަރާމާތު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ ތޮށިގަނޑުތަކަށް ލިބެމުންދާ ގެއްލުންތަކާއި އޭގެ ސަބަބަުން ތަނަށް ލިބެމުންދާ ގެއްލުންތަކަށް ދާއިމީ ހައްލެއް ހޯދަދެވިފައި ނުވަނީ ކީއްވެގެން ކަމެެއް ޝީފާ ހާމަކޮށްފައެއް ނުވެއެވެ.
ސުނާމީ ބިނާ އަކީ 2004 ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކަށް އެރި ސުނާމީ ކާރިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ.