ads
ސެންޓްރަލް ޔޫރަޕުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެނީ
ސެންޓްރަލް ޔޫރަޕްގެ ގައުމުތައް ކަމަށްވާ ހަންގޭރީ އާއި ޕޮލެންޑް އިން ރެކޯޑް އަދަދަކަށް ކޭސްތައް ފެނިއްޖެ އެވެ.

އެގޮތުން އިއްޔެ ޕޮލެންޑް އިން 21،629 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، ހަންގޭރީގައި 3،286 މީހުންނަށް ޖެހިފައިވެ އެވެ. މިއީ މިހާތަނަށް އެއް ދުވަސް ތެރޭ ދެ ގައުމުގައިވެސް އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ފަހަރެވެ. އަދި ޖެހިޖެހިގެން ޕޮލެންޑްގައި އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަސްވަނަ ދުވަހެވެ.

ޕޮލެންޑް އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ އެގައުމުގައި އެބޯޝަން މަނާކުރުމާއި ދެކޮޅަށް މަގުތަކުގައި މުޒާހަރާ ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ޕޮލެންޑްގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އެގައުމުގައި އެއްވެ އުޅުން މަނާކޮށް، ގިނަ ސްކޫލްތައް ބަންދުކޮށްފައިވާ އިރު، އެ ގައުމުގެ ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ވަނީ ޓޭކްއަވޭ ހިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ.

އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ހަންގޭރީގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމުގެ ސަބަބުން އެ ގައުމުގައި ދުވާލަކު ކޮވިޑް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މަރުވާ މީހުންގެ ރޭޓްވެސް އަންނަނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ. އެގޮތުން އިއްޔެ ހަންގޭރީ އިން 65 މީހުން މަރުވެފައިވާ އިރު، މިއީ އެ ގައުމުގައި މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވެފައިވާ އަދަދެވެ.

މިހާތަނަށް ޕޮލެންޑް އިން 363،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، ހަންގޭރީ އިން 75،321 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ޕޮލެންޑް އިން ޖުމްލަ 5،631 މީހުން މަރުވެފައިވާ އިރު، ހަންގޭރީ އިން 1،750 މީހުން މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް