ކަޑިންމަ މޯލްޑިވްސް--
ރިސޯޓުތަކުން އުސޫލަށް އަމަލު ނުކޮށްފި ނަމަ ފުރާނައަށް ނުރައްކާ!
Share
ކޮވިޑް-19 ގެ ލޮކްޑައުނަށް ފަހު ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ދަނޑިވަޅެއް ދިޔަ އެވެ. ހޮސްޕިޓަލުތަކުގައި ކޮވިޑަށް ހާއްސަ އެނދުތަކުގެ 60 އިންސައްތައަށް ވުރެ ބޮޑު ބައެއް ފުރި، ގިނަ ބަޔަކަށް އައިސީޔޫގައި ވެސް ފަރުވާ ދޭން ޖެހުނެވެ. އެއާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިއަދު މި ވަނީ އަނެއްކާވެސް ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑު ތަނުން ދަށް ކުރެވިފަ އެވެ.
Advertisement

ރައްޔިތުން ދެވަނަ ލޮކްޑައުނަކަށް ނުގޮސް، ކޭސްތައް މަދު ކުރެވިފައި ވަނީ ފިޔަވަޅުތައް ހަރުދަނާ ވެފައި އެ ފިޔަވަޅުތަކަށް ގިނަ ބަޔަކު ބޯލެނބުމުން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. 1،500 އަށް ވުރެ ގިނަ ސާމްޕަލް ގެ ތެރެއިން އެންމެ 16 ޕޮޒިޓިވް ސާމްޕަލް މިއަދު އަންނަމުން ދަނީ ހުރިހާ އެންމެން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ. 

ތޮއްޖެހިފައިވާ މާލޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ކުރެވެން ފަށާފައި ވާއިރު، މުޅިން އެހެން ދިމާލަކުން މި ބަލީގެ ބިރުވެރިކަމާ މި ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެއީ އިގްތިސާދުގެ މައި ދާއިރާ، ފަތުރުވެރިކަމުންނެވެ. ލޮކްޑައުނާ ގުޅިގެން ބަންދުކުރި ބޯޑަރުތައް ޖުލައި 15 ގައި ހުޅުވާލުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނަށް ފެތޭ ރިސޯޓުތަކުން އޮޕަރޭޓް ކުރަން ފަށާފައި ވާއިރު، ފުރަތަމަ ފަހަރަށް ރޭ ވަނީ ކޮވިޑުގައި ރިސޯޓު މުވައްޒަފެއް މަރުވި ހަބަރު ލިބިފަ އެވެ. 

ކޮވިޑް ޖެހިގެން ރާއްޖެއިން 38 ވަނަ އަށް މަރުވި މީހާއަކީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި އުމުރުން 60 އަހަރުގެ މީހެކެވެ. ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ސާމްޕަލް ނެގީ އޭނާގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިފައި ވާތީ ކަމަށެވެ. އޭނާގެ ސާމްޕަލް މާލެ ގެނެސް ޓެސްޓްްކޮށް ނަތީޖާ ލިބުނީ އިއްޔެ އެވެ. 

އެނގިފައިވާ ގޮތުގަައި މަރުވެފައި ވަނީ ދ. މާއެނބޫދޫ މީހެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔެއީ ބަލިވެ އުޅޭތާ ދެތިން ދުވަސް ފަހުން ކަމަށާއި ކަނޑިންމަ ރިސޯޓްގައި ކޮވިޑްގެ އަލާމާތްތައް ހުރި މީހުން ތިބި ކަަމަށް ރިޕޯޓެއް ލިބިގެން ދ. އަތޮޅު ހޮސްޕިޓަލުން އެ ރަށަށް ޓީމެއް ފޮނުވަން އުޅުނު ކަމަށް ވެއެވެ. އެކަމަކު އެ ރިސޯޓުން އެކަމަށް އެއްބާރުލުން ނުދިން ކަމަށް އަޑުތައް ފެތުރުނެވެ. 

އެކަމާ ގުޅޭ ގޮތުން ރޭ ޑރ. ނަޒްލާ ސީދާ އެއްޗެއް ވިދާޅެއް ނުވެ އެވެ. ހޮސްޕިޓަލްގެ ޓީމެއް ރިސޯޓަށް އެރިޔަ ނުދިނުން ކަހަލަ ކަމެއް ދިމާވިތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ އަލާމާތްތައް ހުރި މީހުން އެރަށުގައި ތިބިކަމުގެ މައުލޫމާތު ލިބުމުން ހޮސްޕިޓަލުން ރިސޯޓާ މުއަމާލާތް ކުރި ކަމަށެވެ. ނަމަވެސް އެ ވަގުތު އަލާމާތްތައް ހުރި މީހަކު ނެތް ކަމަށް މައުލޫމާތު ލިބުނު ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ މަރުވުމާ ގުޅިގެން އެ ރިސޯޓު މިހާރު އޮތީ މޮނިޓަރިން ގައެވެ. އެ ރިސޯޓުން އިތުރު ސާމްޕަލް މިހާރު ވެސް ނަގާފައި ވާއިރު، މިއަދު ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. 

މިހާތަނަށް 27 ރިސޯޓަކުން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފަ އެވެ. އަދި ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރިސޯޓްތަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު އުޅެނީ 166 ގައެވެ. އެއީ 35 ފަތުރުވެރިންނާއި 81 މުވައްޒަފަކެވެ. ބޯޑަރު ހުޅުވާލިތާ ފަސް މަސް ފަހުން އަދަދު މައްޗަށް ޖެހެން ފެށިއިރު، މީގެ ކުރިން ކޭސްތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. 

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާ ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން (ޓީމް) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓީމްގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރް މިދިޔަ ހަފްތާގައި ސީއެންއެމަށް ވިދާޅުވީ ރިސޯޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ނުކުރެވޭ ކަމަށެވެ.  

އޭނާ އެހެން ވިދާޅުވެފައި ވާއިރު، ކަނޑިންމަ މައްސަލާގައި ފެތުރުނު އަޑުތަކަށް ބަލާއިރު ވެސް ފާހަގަވަނީ އުސޫލަށް އަމަލު ނުކުރުމުގެ މައްސަލަ އެވެ. އެގޮތުން ބަލީގެ އަލާމާތް ހުރި ނަމަވެސް، ނެތް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ދިނުމުގެ ސަބަބުން އިތުރު ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އަދި ރިސޯޓުގެ ހާލަތު ގޯސްވެ، އޮޕަރޭޝަން ހުއްޓާލަން ޖެހޭ ހިސާބަށް ހިނގައި ދާނެ އެވެ.

ގިނަ ރިސޯޓުތަކުން މިފަދަ ގޮތްތަކަށް އަމަލު ކުރަން ފަށައިފި ނަމަ، ކޮވިޑުގެ ނުރައްކާ ރިސޯޓު މުވައްޒަފުންނަށް ބޮޑުވެގެން ދާނެ އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާއިރު، އޭގެ ތެރޭގައި މުވައްޒަފުން ހިމެނޭ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 31،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް 2،000 އަށް އަރާފައި ވާއިރު، ގެސްޓުހައުސްތަކާއި ސަފާރީތައް އޮޕަރޭޓް ކުރަން ފެށުމާއި، ފިނި މޫސުމާއި އަހަރު ނިމޭ ދުވަސްވަރާ ދިމާވާތީ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ވާނެ ކަމަށް ބެލެވެ އެވެ. 

އެކަމަކު އެޗްޕީއޭގެ އުސޫލާ އެއް ގޮތަށް ރިސޯޓާއި، ގެސްޓުހައުސްތައް އަދި ސަފާރީތަކުން ވެސް އަމަލު ކުރަމުން ނުދާ ނަމަ، މުޅި ސިނާއަތް ހުށަހެޅިގެން ދަނީ ނުރައްކަލަށެވެ. މީގެ އެންމެ ނުރައްކާ ބޮޑު ވަނީ މުވައްޒަފުންގެ ފުރާނައަށް ކަމަށް ވާއިރު، ހާލަތު ގޯސްވެ، ޕީކް ސީޒަނާ ދިމާކޮށް ފަތުރުވެރިކަން ހުއްޓާލަން ޖެހިއްޖެ ނަމަ އަންދާޒާ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އިގްތިސޯދަށް ކުރިމަތިވާނެ އެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް