މި އަހަރުގެ މިހާތަނަށް އައިއިރު ކުރި ބުރަ މަސައްކަތުން ދަަނޑުތަކުގައި އޮތީ މޭވާ އަޅާ ބަރާވެފަ އެވެ. ދަނޑުވެރިން ތިބީ ގޮވާން ކަނޑާ އޭގެ މަންފާ ހޯދުމަށް ކެތް މަދުވެފަ އެވެ. މަސައްކަތުގެ މަންފާ ލިބުމަށް އުންމީދުކޮށްގެން ތިއްްބާ ފެނަށް ވެގެން ދިޔައީ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގަ އެވެ.
އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ އިރުއެރުމާއެކު އެ ހުރިހާ ކަމެއް އޮތީ ބަދަލުވެފަ އެވެ. ދަނޑުތައް ހެއްދުމަށް ކުރި ބުރަ މަސައްކަތް ބައެއްގެ އަތުން ކޮށާ ކުދިކޮށްލާފައި ވާ މަންޒަރު ބަލަން ޖެހުނީ އުންމީދާއެކު ފަތިހު ކޮނޑުއަޅައިގެން ދަނޑުތަކަށް ވަތް ދަނޑުވެރިންނަށެވެ.
މި ހާދިސާގެ މައުލޫމާތު ސީއެންއެމް އާ ހިއްސާކުރައްވަމުން ނަރުދޫ ކައުންސިލުގެ މެމްބަރު މުހައްމަދު ނިޒާރު ވިދާޅުވީ އެކަމުގެ ރިޕޯޓް ކޮށްފައިވަނީ ރޭގެ ފަތިހު 5:30 ހާއިރު ކަމަށެވެ. ވަރަށް ރީތިކޮށް ގަސްތައް ހެދި މޭވާ އަޅާ ބަރާވެފައިވާ ފަސް ދަނޑަކަށް އެކިވަރުގެ ގެއްލުންތައް ދީފައިވާއިރު އެއް ދަނޑު އެއްކޮށް ވަނީ ކޮށާލާފައި ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި އެކަން އެގޮތައް ކޮށްފައިވަނީ އެތަކެތި ބާޒާރުގައި ވިއްކުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ދަނޑުގައި ކަރާ، ބަރަބޯ، އަދި ކިއުކަންބާ ފަދަ ތަކެތި އަޅާ ބަރާވެފައިވާ ކަމަށް ނިޒާރް ވިދާޅުވި އެވެ. އަދި އެހެން ދަނޑެއްގައި ހުރި ގިތެޔޮ މިރުސް ގަސްތައް ވެސް ވަނީ އެއްކޮށް ކޮށާލާފައި ކަމަށް އޭނަ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އިނދަޖެހިފައިވާ މި ދަނޑުވަޅުގައި ހަމައެކަނި ފަތުރުވެރިކަމަށް އިގްތިސޯދު ބިނާކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމުން ސަރުކާރުން އަންނަނީ ދަނޑުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުގެ މަތިން ރައްޔިތުންނަށް ބޭނުންވާ ކާނާ ޔަގީންކުރުމަށްޓަކައި ދަނޑުވެރިކަން ކުރަން ބޭނުންވާ ބިން ރަށުގެ ނިސްބަތުން ރަަށްރަށުގެ ކައުންސިލްތަކުން އަންނަނީ ދޫކުރަމުންނެވެ. ނަރުދޫ ދަނޑުބިންތަކަކީ ވެސް އެގޮތުން އެ ރަށު ކައުންސިލުން ހިލޭ ދޫކޮށްފައިވާ ދަނޑުބިންތަކެކެވެ.
ދަނޑުބިިންތަކަށް ދީފައިވާ ގެއްލުންތައް ފުލުހުން މިހާރު ބަލައި އެ މައްސަލަ ތަހްގީގު ކުރަމުންދާއިރު މި ހާދިސާގެ ސަބަބަުން ދަނޑުވެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކައުންސިލުން ބުނީ ގެއްލުން ލިބިފައިވާ ދަނޑުތަކަށާއި ދަނޑުވެރިންނަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމެއް އޮތްތޯ ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ދަނޑުވެރިންނަށް ލިބިފައިވާ ގެއްލުންތަކަށް ސަރުކާރުގެ ފަރާތުން އެހީ ލިބުމަށް އުންމީދު ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.