ads
ނައިބު ރައީސް ފައިސަލް ނަސީމް --
ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބުން ވަރަށް މުހިންމު: ފައިސަލް ނަސީމް
ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) އިން ތައުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީޕީއެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުމާއި، އީޕީއެސް ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާހްކުރުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ އެ މަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އާކުރައްވާ، އީޕީއެސް ސްކޫލުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން، އީޕީއެސް ސްކޫލުން ދަރިވަރުވި އެތަކެއް ބަޔަކު މިއަދު ގައުމުގެ ޒިންމާދާރު އެކިއެކި މަގާމުތަކާއި މަސައްކަތްތަކުގައި ހިދުމަތްކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެހެންކަމުން، ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތަށް އީޕީއެސް ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ބޭއްވި ޖަލްސާގައި ނައިބު ރައީސް ވަނީ އީޕީއެސް ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު "އީޕީއެސް ހަނދާން" މަޖައްލާ ވެސް ރަސްމީގޮތުން އިފްތިތާހުކޮށްދެއްވާފަ އެވެ. އީޕީއެސް ސްކޫލް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ ސްކޫލުން 26,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް