ads
ބީޗަކަށް ލައްގާފައި އޮތް މާސްކެއް--
މާސްކާއި އަންގި ބީޗުތަކަށް ލައްގަނީ، ރާއްޖެއަށް ގެއްލުން ބޮޑު!
ކޮވިޑް-19 ބަލިމަޑުކަމާއެކު ދުނިޔެއަށް މި ވަނީ އެހެން މައްސަލަތަކެއް ވެސް ކުރިމަތިވެފަ އެވެ. އެއީ ކޮވިޑުން ރައްކާތެރިވުމަށް ޕްލާސްޓިކް ތަކެތި ބޭނުން ކުރުން އިތުރުވުމާއެކު އެ ތަކެތި ނައްތާލެވޭނެ ރައްކާތެރި ނިޒާމެއް ނެތުމެވެ. އެއާއެކު ގައުމުތަކުން ބީޗުތަކަށް ލައްގާ ކުނީގެ ތެރެއަށް ވަނީ މާސްކާއި، އަންގި އަދި ޕީޕީއީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ މަހު ގައުމުތަކުގެ ބީޗުތަކާއި އައްސޭރިފަށް ސާފުކޮށް ބޭއްވުމަށް ކުރިއަށް ގެންދިޔަ "އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް" ހަރަކާތުން ވަނީ 62،210 ޕީޕީއީ ބީޗުތަކުން ހޮވާފަ އެވެ. މި ހަރަކާތަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު އެތައް ހާސް ވޮލަންޓިއަރުންނެއް ގުޅިގެން ހިންގާ ސާފުކުރުމުގެ ހަރަކާތެކެވެ. 

މި އަހަރުގެ ހަރަކާތުގައި 76 ގައުމެއް ބައިވިވިއިރު 1.6 މިލިއަން ޕައުންޑުގެ ކުނި ބީޗުތަކުން ނަގާފައި ވެއެވެ. އޭގެ ތެރޭގައި ކޮވިޑުން ރައްކާތެރިވުމަށް ބޭނުންވާ އެތައް ހާސް ތަކެއްޗެއް ހިމެނެ އެވެ. މި ހަރަކާތް ކުރިއަށް ގެންދާތާ 35 އަހަރު ވެފައި ވާއިރު، މީގެ ކުރިން ދުވަހަކު ވެސް ޕީޕީއީ ބީޗުތަކުން ނަގަން ނުޖެހޭ ކަމަށް މި ހަރަކާތް ހިންގާ ފަރާތުން ވަނީ ބުނެފަ އެވެ.

ސައިންޓިފިކް ޖާނަލް އެންވާރަމަންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީން ލަފާކުރާ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކޮންމެ މަހަކު 129 ބިލިއަން ޑިޒްޕޯޒަބަލް މާސްކާއި 65 ބިލިއަން އަންގި ދަނީ ބޭނުން ކުރަމުންނެވެ. މި ތަކެއްޗަކީ އޭގައި ރަބަރު ނުވަތަ ޕްލާސްޓިކް ހިމެނޭ ތަކެއްޗަށް ވުމުން ނެތި ދިޔުމަށް އެތައް އަހަރެއް ނަގާނެ އެވެ. އެހެންކަމުން މިއީ ދުރު ރާސްތާގައި ތިމާވެއްޓާއި ދިރުންތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. 

މި ފަހުން ވަނީ ދުނިޔޭގެ ދިރުންތަކަށް މީގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ވަރަށް ރަނގަޅަށް ދައްކުވައިދޭ ފޮޓޯއެއްވެސް ވައިރަލްވެފަ އެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކު ނެގި އެ ފޮޓޯއިން ފެންނަނީ ޑިޒްޕޯސަބަލް މާސްކެއް ތުނބުގައި ލައިގެން އިން ގާދޫންޏެކެވެ. 

ކޮވިޑާއެކު މާސްކު އެޅުން މަޖުބޫރުވެފައި ވާއިރު، ރާއްޖޭގައި ވެސް މަގުތަކަށް މާސްކު އުކާފައި ހުންނަ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ. ކާނުތަކުގެ ތެރޭގައި އަދި ޕޭމަންޓުގެ ކަނަށް ބައެއް ފަހަރު މާސްކު އަޅާފައި ހުރެ އެވެ. އަދި ފިހާރަތަކުން ބޭނުން ކުރަން ދޭ ޕްލާސްޓިކް އަންގި ޑަސްބިނަށް އެއްލާލުމުގެ މަދަލުގައި ފިހާރައިގެ ބޭރަށް ވެސް އަޅާފައި ހުރެ އެވެ. 

މިފަދަ އަމަލުތަކުގެ ނޭދެވޭ އަސަރު ކުރަން ފަށާފައި ވާއިރު، އެންމެ ބޮޑު ގެއްލުމެއް ވާނެ އެއް ގައުމަކީ ރާއްޖެ އެވެ. އެއީ ގުދުރަތީ ރީތިކަން ލިބިފައިވާ ބީޗުތައް މާސްކާއި އަންގިން ތަގައްޔަރު ވާން ފަށައިފި ނަމަ ފަތުރުވެރިކަމަށް އޭގެ އަސަރު ކުރާނެތީ އެވެ. އަދި ކަނޑުގެ ދިރުންތަކަށް ޕްލާސްޓިކުން ލިބޭ ގެއްލުމުގެ އަސަރު ވެސް ރާއްޖެ ފަދަ ކަނޑު ވަށައިގެންވާ ގައުމަކަށް ކުރާ މިންވަރު ބޮޑު ވާނެ އެވެ. 

އެހެންކަމުން މާސްކު، އަންގި އަދި ޕީޕީއީ ބޭނުން ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުން މުހިއްމެވެ. ޑިޒްޕޯޒަބަލް ތަކެތީގެ ބަދަލުގައި ރީޔޫޒަބަލް ތަކެތި ހިޔާރުކޮށް، އެއްޗެއް އެއްލާލަން ޖެހިއްޖެ ނަމަ ރައްކާތެރި ގޮތުގައި އެކަން ކުރުން މުހިއްމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް