މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރަށް އާމްދަނީގެ ގޮތުގައި 1.737 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 904.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު 48 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން ޓެކްސްގެ ގޮތުގައި މި އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރަށް އާމްދަނީގެ ގޮތުގައި 764.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި 1.040 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު 26.5 އިންސައްތަ ދަށް އަދަދެކެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ބީޕީޓީ އިން ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވާ އިރު، ބީޕީޓީގެ ގޮތުގައި 535.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖީއެސްޓީ އިން ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވާ އިރު، ޖީއެސްޓީގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނޮން-ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރަށް 672.9 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ނަން-ޓެކްސްގެ ގޮތުގައި ސަރުކާރަށް 120.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 82.1 އިންސައްތަ ދަށް އަދަދެކެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ނަން-ޓެކްސްގެ ގޮތުގައި ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ފީ މެދުވެރިކޮށެވެ. އެއީ 39.8 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނަން-ޓެކްސްގެ ގޮތުގައި ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރިސޯޓް ކުލިންނާއި ބިމުގެ ވިޔަފާރި ކޮށްގެންނެވެ. އެއީ 330.2 މިލިއަން ރުފިޔާ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަންދާޒާކޮށްފައިވާ ވަރަށް ވުރެ ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފައެވެ.