ފެންހެންދޫގެ އާބާދީ ކުޑަކަމާއިއެކު ކިޔަވާ ކުދިންގެ މަދުކަމުން އެ ރަށުގެ ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލާފައިވަނީ 2008 ވަނަ އަހަރުއެވެ. އޭރު އެރަށު ސްކޫލްގައި ކިޔަވަމުންދިޔައީ ދެތިން ކުދިންކަމުން ރަނގަޅު ތައުލީމެއް އެކުދިންނަށް ފޯރުކޮށްދިނުމަށް އެކަން ކުރަން މަޖުބޫރުވީ އެވެ.
ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށްޓަކައި ބެލެނިވެރިންނަށް ދެން އޮތްގޮތަކީ ހަމައެކަނި އެރަށާއި އެއް ފަޅެއްގައި އޮންނަ، އެއަތޮޅު ގޮއިދޫއަށް ކުދިން ފޮނުވުމެވެ. ޒަމާންތައް މާޒީވެ ކިޔަވާ ކުދިންގެ އަދަދު 26 އަށް އިތުރުވީ އެވެ. ކަނޑުމަތީގައި ކަނޑު ހުރަސްކޮށް އުފުލަންޖެހޭ ބުރަ ދެގުނަވީ އެވެ. އެ 26 ކުދިން ގެންދިޔުމަށްޓަކައި ފަޅެއް ހުރަސްކޮށް ދެތިން ކުދިން ގޮވައިގެން ޑިންގީއެއްގައި ކޮންމެ ދުވަހެއްގެ ހެނދުނު ތިން ހަތަރު ބުރު އަޅަންޖެހޭއިރު އެއީ ފަސޭހަކަމަކަށްވެސް ނުވާނެއެވެ.
އެތައް ވަގުތެއް ކަނޑުމަތީގައި ހޭދަކުރާއިރު ގަދަ ވިއްސާރައިގެ ސަބަބުން ކްލާސްތައް ކެންސަލްވީ ކިތައް ދުވަސްކަމެއް ނޭނގެއެވެ. ކަނޑުގަދަ ދުވަސްވަރެއްގައި ނަމަ ދެކޮޅަށް ކިރެމުން ޑިންގީގައި ތެމި ފޯވެގެން ސްކޫލައް ދިޔަ ދުވަސްތަކާއި އަވީގެ ސަބަބުން ދާހިއްލާ ފޯވެގެން ފޫހިކަންމަތީ ކިޔެވުމުގެ ދައުރު ނިންމާލީ ކިތައް ދަރިވަރުން ތިބޭނެތޯ އެވެ؟ ދޭތެރެއަކުން އެކުދިން ސްކޫލަށްދާ ގޮތުގެ ހިތްދަތި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ޅަފަތުގެ ކިޔެވުމުގެ މުހިންމު ދައުރުތައް ފެހެންދޫ ކުދިން ހޭދަކުރީ އެގޮތުގައެވެ. އޭގެފަހުން 2013 ވަނަ އަހަރު ދޯނި ޑިންގީއަކަށް ބަދަލުވިނަމަވެސް ކުދިން އުފުލަންޖެހޭ ބުރަޔަކަށް މާކަބޮޑު ލުޔެއް ނުލިބެއެވެ. އެގޮތައް ދަތުރުކުރަމުން ދަނިކޮށް އެވެސް ހަލާކުވެ އޭގެފަހުން ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އަނެއްކާވެސް މިކުދިންގެ ތައުލީމީ ދައުރު ދިޔައީ ކުރިއަށެވެ.
ކެތްތެރިންނަށް އޮންނަ ރިޒުގް ބޮޑުވާނޭ ބުނާހެން އޭގެ 12 އަހަރު ފަހުން އެކުދިންގެ އިންތިޒާރީތަކަށް ނިމުން ގެނުވީ އިންޑިއާ ސަރުކާރުން، ހަދިޔާކުރި "ސްކޫލު ފެރީ" އާއި އެކުއެވެ. ތިރީސް ކުދިންގެ ޖާގައިގެ އެ ލޯންޗު ހަދާފައި ވަނީ އިންޑިއާ އިން ރާއްޖެއަށް ދިން 2.5 މިލިއަން ރުފިޔާގެ ގްރޭންޓް އެހީގެ ދަށުންނެވެ. މިއަދު ހެނދުނު ހަތެއް ޖެހިއިރު އެ "ސްކޫލު ފެރީ" އެއޮތީ އެކުދިންގެ އިންތިޒާރުގައެވެ.
މިއަދު 12 އަހަރުފަހުން ފެހެންދޫ ރައްޔިތުންނަށާއި ކިޔަވާ ކުދިންނަށް ފަތިހުގެ އިރު އެރީ ހިނިތުންވަމުންނެވެ. އެއްބައި ކުދިން ސްކޫލްތަކައް ދިއުމަށްޓަކައި ފަތިހު ހޭލާ ފެންވަރާ ނަލަވެގެން ސައިބޮއެގެން ހެނދުނު ހަތެއް ޖަހަންދެން ތިބީ މިއަދު ސްކޫލައް ގަޑި ނުޖެހޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީމައެވެ. އަދި ސްކޫލަށް ދިއުން ކެންސަލް ނުވާނެކަމުގެ ވެސް ފުރިހަމަ ޔަގީންކަން އޮތީމައެވެ. ބަނދަރަށް ދެވުނު އިރު އެ ދަރިވަރުގެ އިންތިޒާރުގައި އެއޮތީ އެއްކަލަ ކުޑަ ޑިންގީއެއް ނޫނެވެ. މިއަދު މިވަނީ އެކުދިންނަށް ހަދިޔާކުރި ލޯންޗުގައި ސްކޫލަށް ދިއުމުގެ ފުރުސަތު ލިބިފަ އެވެ.
ބާރަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ހަމަޖެހިލާގެން ފެހެންދޫ ދަރިވަރުންނަށް ސްކޫލަށް ދިއުމަށް ސީޓްތަކުގައި ހަމަޖެހިލައިގެން ތިބިއިރު މި ފެރީ އެކުދިން ގެންގޮސްލީ ހަމައެކަނި ގޮއިދޫގެ ބަނދަރަކަށް ނޫނެވެ. މި ފެރީ އެކުދިން ގޮވައިގެން ދަތަުރު އެފެށީ ފެހެެންދޫ ކިޔަވާ ކުދިންގެ އެތައް އުންމީދުތަކަކާއިއެކު އެކުދިންގެ ފާގަތި މުސްތަގުބޮލަކަށް ވާސިލުވުމަށް އެކުދިން އިންތިޒާރު ކޮށްގެން ތިބި މަންޒިލަށެވެ. އެކުދިންގެ ތައުލީމުގެ އާ ހަރުފަތް ތަކަކަށެވެ.
ފެހެންދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ފަޒީލް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފެރީގެ ސަބަބުން ކިޔަވާ ކޮންމެ ދުވަހަކު އެކުދިން ސްކޫލްތަކަށް ދިއުމަށްޓަކައި ތިން ހަތަރު ބުރު އަޅަން ނުޖެހި އެއް ދަތުރުން ހުރިހާ ކުދިންނަށް ސްކޫލަށް ދިއުމުގެ ފުރުސަތަު ފަހިވެގެން ދާނެކަމަށެވެ.
މިއަދު މިފެށިގެން ދިޔަ "ސްކޫލް ފެރީ" އާއި އެކު ފެހެންދޫއަށް އާ ފަތިހަކަށް އަލިވިލިއްޖެ އެވެ. 12 އަހަރަށްފަހު ކުދިންގެ އުންމީދުގައި ކުލަޖެހިއްޖެ އެވެ. ނިދި ހަމަނުކޮށް ފަތިހު ފަތިހާއި ކަންނެތް ކަންމަތީ އަވަސް އަރުވާލާފައި ސައިފޮދެއްވެސް ނުބޮއި ދުންޖަހާފައި ބަނދަރަށް ދުވި ޒަމާން ފަހަތަށް ގޮސް އޮބާލައިފިއެވެ. ވެހޭހާއި ވާރެއެއްގައި ދޭހާ އަތްވެއްގައި ސްކޫލައް ނުދާންވެގެން ކްލާސްތައް ކެންސަލްކުރި ދުވަސްތަކަށްވެސް މިއަދު ނިމުމެއް އައީއެވެ.