ads
ސީއެޗްއެސްއީ އާ އިމާރާތުގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
ސީއެޗްއެސްއީގެ އާ އިމާރާތުގެ ބިން އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފި
ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ އާ އިމާރާތުގެ ބިން އެޗްޑީސީއިން އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްފި އެވެ.
Advertisement

އެންމެ ފުރަތަމަ ސީއެޗްއެސްއީ ހުޅުވިއިރު ހުރި ދެ ބުރި އިމާރާތް، ބާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެތަނަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އެމްއެންޑީއެފުން އެންގުމާއެކު މީގެ ފަސް ވަރަކަށް އަހަރު ކުރިން ވަނީ އެތަނުގައި ކިޔަވައިދިނުން ހުއްޓާލާފަ އެވެ. އެހެންވެ، 1500 ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލަށް ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

އެޔަށްފަހު 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ސީއެޗްއެސްސީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެސްކޫލު މިހާރު ހުރި އިމާރާތުގައި އަށް ބުރީގެ އިމާރާތެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. އޭރު 30 މިލިއަން ރުފިޔާއަށް އެމަސައްކަތް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެހެންނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިނިސްޓްރީން ވަނީ އެ ސްކޫލް ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައެވެ. އެޔަށްފަހު އޭރު ރަޝީދު ކާޕެންޓްރީން އެތަނުގައި އަޅަންފެށި އިމާރާތުގެ މަސައްކަތް ހުއްޓާލާފައިވާއިރު އެތަން ކުއްލިއަކަށް އޭރު ހުޅުމާލެއަށް ބަދަލުކުރަން ނިންމި ސަބަބު ސާފެއް ނުވެ އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު މިދިޔަ އަހަރު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އާ އިމާރާތެއް ހުޅުމާލޭގައި އެޅި ނަމަވެސް މިހާރު ބޭނުން ކުރަމުން އަންނަ އިމާރާތް ވެސް ކިޔަވައިދިނުމަށް ބޭނުން ކުރާނެ އެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސީއެޗްއެސްއީގެ އާ އިމާރާތުގެ ބިން އެޑިޔުކޭޝަން މިނިސްޓްރީއާއި އެޗްޑީސީން މިއަދު ހަވާލުކޮށްފައިވާއިރު އެ ބިން ހަވާލުކޮށްފައި އެވަނީ އެ ސްކޫލް ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމިތާ 11 މަސް ފަހުންނެވެ. މިކަމާއި ބެހޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް