ads
ޓްރަމްޕް އަދި ބައިޑެން--
އެމެރިކާގައި ވޯޓުލާން ފަށައިފި، ޓްރަމްޕާއި ބައިޑެންގެ ސިޔާސަތުގެ ތަފާތަކީ ކޮބާ؟
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ. އިންތިހާބުގެ މައި ދެ ކެންޑިޑޭޓުންނަކީ ރިޕަބްލިކަން ޕާޓީ ތަމްސީލް ކުރައްވާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑެން އެވެ.
Advertisement

އެންމެ ފުރަތަމަ ވޯޓުލުން ފަށާފައި ވަނީ ވާމޮންޓް ގައެވެ. އެމެރިކާގައި އޮންނަ އާލީ ވޯޓިން ނިޒާމުގެ ތެރެއިން މިހާރު ވެސް 100 މިލިއަނެއްހާ މީހުން ވަނީ ވޯޓު ލާފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިއީ އެމެރިކާގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ވޯޓުލާނެ އިންތިހާބަށް ވެގެން ދިޔުން އެކަށީގެންވެ އެވެ. 

މިހާތަނަށް ހިންގާފައިވާ ގައުމީ ޕޯލްތަކަށް ބަލާއިރު ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. ނަމަވެސް އެމެރިކާގައި މޮޅުވާ ކެންޑިޑޭޓަކު ބިނާވެފައި އިލެކްޓޯރަލް ކޮލެޖް ނުވަތަ ސްޓޭޓްތަކުން ލިބޭ ވަކި މިންވަރެއްގެ ވޯޓަށެވެ. އެގޮތުން ރައީސަކަށް ވެވޭނީ މަދުވެގެން 270 ވޯޓު ސްޓޭޓުތަކުން ލިބިގެންނެވެ. 

ޖުމްލަ 538 ވޯޓު ސްޓޭޓްތަކަށް ބަހާލާފައި ވަނީ އެ ސްޓޭޓެއްގެ އާބާދީއަށް ބަހާލައިގެންނެވެ. މި ނިޒާމުގެ ސަބަބުން ވަކިވަކި ވޯޓުން އެއް ކެންޑިޑޭޓަށް ކުރި ލިބުނު ނަމަވެސް، ސްޓޭޓްތަކުން ލިބޭ ވޯޓު މަދުވެއްޖެ ނަމަ އިންތިހާބު ކާމިޔާބެއް ނުވާނެ އެވެ. 2016 ވަނަ އަހަރު ހިލަރީ ކްލިންޓަނަށް ދިމާވީ މިގޮތެވެ.

އިންތިހާބުގެ ވޯޓުލުން މިއަދު ފަށާފައި ވާއިރު، ކޮވިޑް-19 ބަލިމަޑުކަމުގެ އަސަރު އެމެރިކާއަށް ވެސް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް އެގައުމުން 84،000 އިތުރު ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ. 

ކަޅު ނަސްލުގެ މީހުންނަށް ތަފާތު ކުރާ މައްސަލަ އޮންނަ ސްޓޭޓުތަކުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. އެހެންކަމުން ނިއު ޔޯކް އަދި ވޮޝިންޓަން ފަދަ މުހިއްމު ސަރަހައްދުތަކުގެ ބައެއް ވިޔަފާރިތައް ވަނީ ބަންދުކޮށްފަ އެވެ.

ޓްރަމްޕާއި ބައިޑެންގެ ސިޔާސަތުތަކުގެ ތަފާތަކީ ކޮބާ؟

ކޮވިޑް-19 ބަލިމަޑުކަމުގެ މައްސަލާގައި ޓްރަމްޕްގެ ވިިސްނުމަކީ މިދިޔަ ޖެނުއަރީ މަހު އުފެއްދި ޓާސްކްފޯސް މެދުވެރިކޮށް ގައުމު އަލުން އެއްކޮށް ހުޅުވާލުމެވެ. އޭގެ އިތުރުން ކޮވިޑަށް ކުރެވޭނެ ފަރުވާއަކާއި ވެކްސިނެއް ހޯދުން އަވަސްކުރުމަށް ވެސް އިސްކަންދެއްވަ އެވެ. އެފަދަ ޕްރޮޖެކްޓުތަކަށް ވަނީ 10 ބިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ.

ބައިޑެން ހުށަހަޅުއްވާފައި ވަނީ ކޮންޓެކްޓް ޓްރޭސް ކުރުމަށް ގައުމީ ޕްރޮގްރާމެއް ފެށުމަށެވެ. އަދި ކޮންމެ ސްޓޭޓެއްގައި 10 ޓެސްޓިން ސެންޓަރު ގާއިމްކޮށް، ހިލޭ ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް ހުށަހަޅާފައި ވެއެވެ. އަދި މާސްކު އެޅުން މަޖުބޫރު ކުރުމަށް ވެސް ބައިޑެން ތާއީދުކުރައްވަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ޓްރަމްޕް މަސައްކަތް ކުރައްވަނީ އިއާދަނުކުރެވޭ ހަކަތައިގެ ބާވަތްތައް ފުޅާކޮށް، ޕެރިސް ކްލައިމެޓް އެކޯޑް އެއްބަސްވުމުން ވަކިވުމަށެވެ. ބައިޑެން ބޭނުންވެ ވަޑައިގަންނަވަނީ އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށް، 2050 ވަނަ އަހަރު އައުމުގެ ކުރިން އެމެރިކާ "ޒީރޯ އެމިޝަން" ޓާގެޓަށް ދިޔުމަށެވެ.

އިގްތިސޯދީ ސިޔާސަތަށް ބަލާއިރު ޓްރަމްޕް ވައުދުވެ ވަޑައިގެންފައި ވަނީ 10 މަސް ތެރޭ 10 މިލިއަން ވަޒީފާ އުފެއްދުމަށެވެ. އަދި އެ މުއްދަތުގައި އެއް މިލިއަން ކުދި ވިޔަފާރި އުފައްދާ، އިންކަމް ޓެކްސް ކުޑަކޮށް، ކުންފުނިތަކުން ވަޒީފާ ދަހަމައްޓާ ނަމަ ޓެކްސް އިން ލުއި ދިނުމެވެ. 

ބައިޑެން ބޭނުންވެ ވަޑައިގަންނަވަނީ އިންކަމް ޓެކްސް ބޮޑުކޮށް، އެ ފައިސާއިން ޕަބްލިކް ހިދުމަތްތައް ހަރުދަނާ ކުރުމަށެވެ. އޭގެ އިތުރުން އެންމެ ކުޑަ އުޖޫރަ ބޮޑު ކުރަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް