ޗެމްޕިއަންސް ލީގުގެ ތިންވަނަ މެޗަށް ރިއަލް މެޑްރިޑް މިރޭ ނުކުންނައިރު މި މުބާރާތުގައި އަދި އެ ޓީމު މޮޅެއް ނުވެއެވެ. ފުރަތަމަ މެޗުގައި ހޯމްގައި ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކް އަތުން 3-2 އިން ބަލިވިއިރު ދެވަނަ މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ވީ ދޭއް ދޭކުން އެއްވަރެވެ.
އެހެންކަމުން މިރޭގެ މެޗުން މޮޅުވުން ރިއަލް މެޑްރިޑަށް މުހިއްމެވެ. މިރޭގެ މެޗަށް ނުކުންނައިރު، ކޮވިޑު ޖެހިގެން ޑިފެންޑަރު އެޑާ މިލިޓާއޯއަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
އަނެއްކޮޅުން މިރޭގެ މެޗުގައި އިންޓަމިލާންގެ ރޮމެލޫ ލުކާކޫއަށްވެސް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އިންޓަމިލާންވެސް އަދި މި ފަހަރުގެ މުބާރާތުގައި މޮޅެއް ނުވެއެވެ. އިންޓަމިލާނާ މެޑްރިޑްގެ މެޗު ފެށޭނީ ދަންވަރު އެކެއް ޖަހާއިރުއެވެ.