ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އޮތް ގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރެފައި، އަދި ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮތް ނަމަ އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށް މި އަހަރު ހައިކޯޓުން އޮތީ ކަނޑައަޅާފަ އެވެ.
އަަދި ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ނެތް ނަމަވެސް، ބަންދުކުރާ ފަހުން އެ މިންވަރަށް ހެކި ލިބިއްޖެ ނަމަ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ އިހްތިޔާރީ ކަމެއް ކަމަށާއި، އަދި 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ޖިނާއީ ބޮޑު ކުށަކަށް ނުވާ ނަމަ، 15 ދުވަހަށް ވުރެ އިތުރަށް މީހުން ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
މި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. މި އަޑުއެހުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ހައި ކޯޓުގެ ނިންމުން އޮތް ގޮތުން، 60 ވަނަ މާއްދާގެ (ށ) ގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ލާޒިމް ކަމަށް މާނަކޮށްފައި އޮތުމުން، ކިތަންމެ ކުޑަ ކުށެއްގައި ބަންދުކުރި ނަމަވެސް އެގޮތަށް އަމަލުކުރަން ފަނޑިޔާރުންނަށް ލާޒިމްވާ ކަމަށެވެ. އޭރުން ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ތިބެން ޖެހުމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނިކުމެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބައިތިއްބާނެ ރިމާންޑް ޖަލުތައް އަތޮޅުތެރޭގައި ނެތްއިރު، ރަށްރަށުގެ މެޖިސްރޭޓް ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި މާލެއިން އެ މީހުން ރަށްރަށަށް ގެންދެވެން ނެތި ޝަރީއަތްތައް ކުރިއަށް ނުގެންދެވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށް ވެސް ޝަމީމް ފާހަގަކުރައްވި އެވެ.
ޝަމީމް ވިދާޅުވީ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) މާނަ ކުރަން ޖެހޭނީ އިހްތިޔާރީ ބާރެއްގެ ގޮތުގައި ކަމަށާއި، ގާނޫނުގެ މަގްސަދު ހާސިލް ވާނީ އޭރުން ކަމަށެވެ.
ޝަމީމް މިހެން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ، ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުންނަށް ލާޒިމްކުރާ ބާރު އިހްތިޔާރީ ކަމަކަށް ވާނީ ކިހިނެއްތޯ ސުވާލުކުރައްވާފަ އެވެ. ޝަމީމް ވިދާޅުވީ ގާނޫނުގެ މަގްސަދަކީ މިނިވަން ކަމާއި ހައްގުތައް ވީހާ ވެސް ކުޑަކޮށް ހިފެހެއްޓުން ކަމަށެވެ. އަދި މިކަމަށް ހައްލު ދޭންވީ ކޯޓުތަކުން ތޯ ނުވަތަ މަޖިލީހުން ތޯ ބެންޗުން ސުވާލު ކުރެއްވުމުން ޝަމީމް ވިދާޅުވީ، ކޯޓުން އެކަމަށް ހައްލެއް ގެނެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.