ސީއެންއެމަށް އެނގިފައިވާ ގޮތުގައި ބަޖެޓް ފާސްނުކޮށް ބޮޑެތި ހަރަދުތަކެއް ކުރުން ފަދަ އެތައް ހިންގުމުގެ މައްސަލައެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހެޅީ ވެމްކޯ ބޯޑުގެ ތިން މެމްބަރެކެވެ.
ބަޖެޓު ފާސްނުކޮށް ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް ބުނެފައިވާ މައްސަލާގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އާދަމް އާއެކު ކުންފުނީގެ ބޯޑުގައި ތިއްބަވާ ފަސް މެމްބަރުން މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ ޕީސީބީއަށް ހާޒިރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ކުންފުނީގެ ހިންގުމުގައި ހުރި މައްސަލަތަކުގެ ޝަކުވާ ޕީސީބީއަށް ހުށަހެޅީ ބޯޑުގެ ތިން މެމްބަރެކެވެ.
އޮޑިޓުން ފާހަގަކުރި މައްސަލަތައް ވެސް ރަނގަޅެއް ނުކުރޭ!
ކުނި އުކާލުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ހިންގުމާ ގުޅުން ހުރި އެތައް މައްސަލަތަކެއް ހުރި ކަމަށާއި އެކަންކަން ތަކުރާރުކޮށް އިންޓާނަލް އޮޑިޓުން ފާހަގަކޮށް މެނޭޖްމަންޓަށް ހުށަހަޅާފައިވާ ކަމަށް ވެއެވެ.
"އޮޑިޓް ކޮމެޓީ އާއި އެންއާރް ކޮމެޓީން އެކަންކަން ބަލައި މަޝްވަރާ ކުރުމަށް ފަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑުގައި ތަކުރާރުކޮށް މަޝްވަރާ ކުރުމަށް ފަހު ވެސް އެފަދަ އެއްވެސް ކަމެއްގައި އަމަލީ ހެޔޮ ބަދަލެއް އަދާ ހަމައަށް، އައިސްފައި ނުވޭ،" ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ކޮޕީކޮށް ޕީސީބީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވެއެވެ.
ވެމްކޯ ހިންގުމުގައި ސީޖީ ކޯޑާއި އަދި ކުންފުނީގެ ހިންގާ ގަވާއިދަށް އަމަލުނުކޮށް ގިނަ ކަންކަން ނިންމަމުންދާ ކަމަށާއި އަދި އަހަރުގެ މިހާ ހިސާބަށް އައި އިރު ވެސް ކުންފުނީގެ މިއަހަރުގެ ބަޖެޓް ފާސްނުކޮށް ބޮޑެތި ގިނަ ހަރަދުތަކެއް ކުރަމުންދާ ކަމުގެ ޝަކުވާ ވެސް ޕީސީބީއަށް ވަނީ އުފުލާފަ އެވެ.