ads
ވާހަކަ: ޝަކުވާ
އޮލަ ވާހަކައިގައި ތިބެގެން އަޒްކާއާ ފަރްހާ ހިނގަމުން ދިޔައިރު ނަވްޔާ ހުރީ ތަންކޮޅެއް ފަހަތުގައެވެ. ޚިޔާލުތަކުގެ ތެރެއަށް ގެނބެމުން ދިޔައިރު ފިޔަވަޅުތައް ވެސް ލަސްވަމުން ދިޔައެވެ. ކުއްލިއަކަށް މީހަކު ނަވްޔާގެ އަތުގައި ހިފާފައި ގަސްތަކުގެ ތެރެއަށް ދަމައިގަތުމުން ނަވްޔާގެ އަނގައިން ހަޅޭކެއްގެ އަޑު ބޭރުވިއެވެ. ނަމަވެސް ހަމަ އެ ހިނދު އެ މީހާ ނަވްޔާގެ އަނގަމަތީގައި އަތްއެޅިއެވެ.
ޝަކުވާ (14 ވަނަ ބައި)

އޮލަ ވާހަކައިގައި ތިބެގެން އަޒްކާއާ ފަރްހާ ހިނގަމުން ދިޔައިރު ނަވްޔާ ހުރީ ތަންކޮޅެއް ފަހަތުގައެވެ. ޚިޔާލުތަކުގެ ތެރެއަށް ގެނބެމުން ދިޔައިރު ފިޔަވަޅުތައް ވެސް ލަސްވަމުން ދިޔައެވެ. ކުއްލިއަކަށް މީހަކު ނަވްޔާގެ އަތުގައި ހިފާފައި ގަސްތަކުގެ ތެރެއަށް ދަމައިގަތުމުން ނަވްޔާގެ އަނގައިން ހަޅޭކެއްގެ އަޑު ބޭރުވިއެވެ. ނަމަވެސް ހަމަ އެ ހިނދު އެ މީހާ ނަވްޔާގެ އަނގަމަތީގައި އަތްއެޅިއެވެ.

"ނަވްޔާ."

ހައްޔާންގެ އަޑު އިވުމުން ނަވްޔާ ގަނެފައި ހުރި ބިރު ވަގުތުން ފިލިއެވެ.

********

ނަވްޔާގެ ހަޅޭކުގެ އަޑު އަޒްކާމެންނަށް ވެސް އިވިގެން ދުވެފައި އެ ދިމާއަށް ދިޔައީ ހާސްވެފައި ތިބެގެންނެވެ. ތަންކޮޅަކަށް ދިޔަތަނުން ގަސްތަކުގެ ތެރެއިން ނަވްޔާ ނުކުންނަ ތަން ފެނުނުނެވެ. ކިހިނެއްވީތޯ އެހުމުން ނަވްޔާއަށް ބެލުނީ ފަހަތެވެ. ކުށެއް ކުރަނިކޮށް ފަޅާ އެރުމުން ހާސްވާހެން ހާސްވެ މޫނުމަތިން އޮށްދާހިއްލަން ފެށިއެވެ. އަޒްކާއާއި ފަރްހާއަކީ އެންމެ ގާތް، ހެޔޮ އެދޭ ދެ އެކުވެރިން ކަމުގައި ވިޔަސް ކުއްލިއަކަށް ހައްޔާންގެ ވާހަކަ ބުނަން ނަވްޔާ ނުކުޅެދުނެވެ.

"ބުޅަލެއް ފަހަތުން އައީތަ؟" އަޒްކާ ހެވިފައި އެހިއެވެ.

"އާނ، ހޫނ، ކޮބާ ބުޅާ؟" ނަވްޔާ އަޅައަޅައި ގަނެފައި ވާހަކަދެއްކިއެވެ.

"މަށަކަށް ހިޔެއްނުވޭ ބުޅަލެއް ހެންނެން. ތިވާނީ އިމާޒުކަމަށް. އިރުއިރުކޮޅާ ނަވްޔާއަށް ބަލާގޮތް މަ ދުށީމޭ." ފަރްހާ ދިމާކޮށްލިއެވެ.

"ސާބަސް ފަރްހާ، ކޮންމެ އެއްޗެއް ވެސް ކިޔާފާނެ." ހެމުންހެމުން އަޒްކާ ބުންޏެވެ.

ނަސީބަކުން އެ ހިސާބުން އެ ވާހަކަ ހުއްޓުނެވެ. އިރުއޮއްސި އަނދިރިވުމުގެ ކުރިން ގެއަށް ދާން ބޭނުންވެފައި ތިބުމުން މާ ގިނަ ވާހަކަތަކެއް ދެއްކުމެއް ނެތި އެއްގަމަށް ދާން ހިނގައިގަތީއެވެ. ގެއަށް އާދެވުމާ އެކު އަވަސްއަވަހަށް ނަވްޔާ ބަދިގެ ފަރާތަށް ދިޔައީ ކުރަން ހުރި ކަންތައް ކޮށް ނިންމާލުމަށެވެ.

އެ ވަގުތު ދުރުން ނަސީމާ އަންނަތަން އަޒްކާއަށް ފެނުނެވެ. ނަވްޔާއާ ދެމީހުން އެއްކޮށް އައިތަން ނުފެނުނުކަން ނަސީބެކޭ އަޒްކާ ހިތަށްއެރިއެވެ. އެހެން ނޫންނަމަ ކަންތަކާ ޖެހުނީހެވެ. ނަވްޔާ ތުނޑިއަށް ދިޔައީ ހަރީރާއްތަ ގާތުން ހުއްދަ ހޯދައިގެން ކަމުގައި ވީ ނަމަވެސް ޓިއުޝަން ދޭން ނުގޮސް ތުނޑިއަށް ދިޔަކަން އެނގިއްޖެނަމަ ނަސީމާ ވަރުބޭލީހެވެ. ނަސީމާގެ މިޒާޖާ ދޭތެރޭގައި ވިސްނަމުން އަޒްކާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

"އަޒްކާ." އެ ވަގުތު ހައްޔާން ގޮވައިލި އަޑު އިވުނެވެ.

އަޒްކާ ފަހަތް ބަލައިލި އިރު ބަރޯ ގާޑިޔާ ހިފައިގެން ހައްޔާން ހުއްޓެވެ.

"ކޮންތާކު މި ބަހައްޓަންވީ؟" ހައްޔާން އެހިއެވެ.

"އަހަރެމެންގެ ގޭގެ ތަށިތައް ނަގާފައި މިހިރީ."

"މިތާ ބަހައްޓާ." ގޯތި ތެރެއަށް އިޝާރަތް ކޮށްލަމުން އަޒްކާ ބުންޏެވެ.

އަޒްކާއާ ވާހަކަ ދެއްކުމަށްފަހު ނުކުމެގެން ދަމުން ހައްޔާން ފަސް އެނބުރި ބަލައިލިއެވެ. އޭރު އަޒްކާ ގޭތެރެއަށް ވަންނަނީއެވެ. ދުށުމަށް އެދޭ މޫނު ނުފެންނާނެކަން އެނގިހުރެ ވެސް ފަހަތް ބަލައިލެވުނީތީ ހައްޔާންގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. ގެއާ އަރާ ހަމަވި ނަސީމާއަށް މި މަންޒަރު ފެނުމުން ހީވީ އަޒްކާއާ ދިމާއަށް ބަލާލައިފައި ހައްޔާން ހިނިތުންވެލިހެންނެވެ. ވީ އުފަލުން ވަގުތުން ހުމެއިދާގެ ނަންބަރަށް ނަސީމާ ގުޅިއެވެ.

ފެންވަރާ ހަދައިގެން އަޒްކާ ނުކުތްއިރު ޝަމްނާ ސޯފާގައި އިނެވެ. ތުނޑިއަށް ނުދިޔައީ ކީއްވެތޯ އަހަމުން ޝަމްނާގެ ގާތުގައި އަޒްކާ އިށީނެވެ. މި ބޮޑު ބަނޑާއެކު ދާނީ ކިހިނެއްހެއްޔޭ ކިޔާފައި ޝަމްނާ ހީނލި ނަމަވެސް އެ ހިތުގައިވީ ނުތަނަވަސްކަމެވެ.

ޝަމްނާ ތުނޑިއަށް ނުދިޔައީ އިޔާދު ދާން އެއްބަސް ނުވުމުންނެވެ. ފިހާރައިގައި އުޅޭ ކުއްޖާ ބަލިވެ އުޅޭތީ ކޮންމެހެން ވެސް ފިހާރައަށް ދާންޖެހޭ ކަމަށް ބުނެ އިޔާދު އުޒުރު ދެއްކިއެވެ. ނަމަވެސް ނިޒާރު ހަވީރު ސައިބޯން އިނދެފައި އިޔާދު ފިހާރައަށް ނުދާތީ އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި އަޑު ޝަމްނާއަށް އިވުނެވެ. ޝައްކާއި ވަހުމަށް ޖާގަ ލިބި، ނުތަނަވަސް ކަން ހިތުތެރޭގައި އަށަގަތުމުން ޝަމްނާގެ ނޭވާ ކުރުވެ ހާސްވިއެވެ. އިޔާދަށް ގުޅާފައި ކޮންތާކުތޯ އެހެމުން މިހާރު ހުރީ ފިހާރައިގަ ކަމަށާއި ކުރިން ރައްޓެއްސަކާ އެކު ކޮފީއަކަށް ދިޔަ ވާހަކަ ބުނުމުން ވެސް ޝަމްނާގެ ހިތުން ނުތަނަވަސްކަން ފިލާގޮތެއް ނުވިއެވެ. ނޭނގޭ ބިރަކުން ނަފުސު ހިސޯރުކޮށްފައިވެއެވެ. އެ ޚިޔާލުތަކާ ދުރަށް ދާންވެގެން އަޒްކާއާ ޝަމްނާ ވާހަކަދައްކަން ފެށިއެވެ. އަޒްކާ ވެސް ނުހަނު ގަޔާވެފައި ބޭބީގެ ވާހަކަ ދައްކަން ފެށުމުން ވިހަން މާލެ ދާއިރު އަޒްކާ ގޮސްދޭން ވާނެއޭ ޝަމްނާ ބުންޏެވެ. އަޒްކާ އެއްބަސްވީ އުފަލާ އެކުއެވެ.

******

ވަރުބަލިވެގެން އަޒްކާއަށް ވެސް ނިދުނީ ކަންނޭނގެއެވެ. ކާކަށް ވެސް ނާދެއެވެ. އެރޭ ކާން އައީ ހަމައެކަނި ނަސީމާއްތައާ ބޮޑުބެއެވެ. އެހެން ކަމުން ބަދިގޭގެ މަސައްކަތް ތަންކޮޅެއް އަވަހަށް ނަވްޔާއަށް ނިންމާލެވުނެވެ. ކޮޓަރިއަށް ގޮސް ފެންވަރައިގެން ހަވީރު ލާން ގެންގުޅޭ ހެދުންތަކުގެ ތެރެއިން ހުދު ފަށުވިން ވެޔޮގަނޑެއް ކަުރަހާފައިވާ ވިލު ނޫކުލައިގެ ކުރުތާ ނަވްޔާ ލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ފަރުވާތެރިކަމާ އެކު ނަލަ ހެދެން ފެށިއެވެ. ކުރުކޮށް ހުންނަ އިސްތަށިތައް އެއްފަރާތަކަށް ގެނެސް އެސްޖެހި ދައްޗަކުން ހަރުކޮށްލުމަށްފަހު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލިއެވެ. މޭކަޕް ނުކުރި ނަމަވެސް މޫނުގައި ކްރީމްކޮޅެއް އުނގުޅައިލުމުން މޫނުގެ ތާޒާކަން އިތުރުވިއެވެ. ހިތްހަމަ ޖެހޭވަރު ވުމުން ނަވްޔާ ގޮސް އެނދުގައި އިށީނދެ ގަޑި ބަލައިލިއެވެ. އިރުކޮޅަކުން އަނެއްކާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި އެހެން ގޮތަކަށް ފުނާ އެޅިއެވެ.

ބާރަ ޖަހަން ކައިރިވީ ވަރަކަށް ނަވްޔާގެ ހިތުގެ ތެޅުން ވެސް ދިޔައީ އަވަސްވަމުންނެވެ. ހަވީރު ގަސްތަކުގެ ތެރެއަށް ގެންގޮސްފައި މިރޭ އަންނާނެ ވާހަކަ ހައްޔާން ބުނީއްސުރެ ނަވްޔާގެ ބޭޤަރާރުކަމެއް ނުފިލައެވެ. ރޭގަނޑުގެ ކާން ހަދާ ތަށިތައް ނެގުމުގައި އުޅުނު އިރު ވެސް އިރުއިރުކޮޅާ ނަވްޔާއަށް ހިނިތުންވެފައި ދުރުބަލަހައްޓައިގެން ހުރެވެއެވެ. ހުޔޫންގެ ބަދަލުވެފައިވާ މިޒާޖު ފެނުމުން ކަނިވަމުން ދިޔަ ލޯބީގެ ހުޅުކޮޅަށް އަލުން ދިރުން ލިބުނު ކަހަލައެވެ. ހައްޔާންގެ އެންމެ އިޝާރާތަކާ އެކު ބާރެއް ނުފޯރާ ލޯބީގެ އޮއިވަރުގައި ހިތް ބެހިގެން ދާން ދޫކޮށްލެވުނީ އެހެންވެއެވެ. އުންމީދުގެ ރިވެލި ހަނާ އަޅަމުން ދިޔަ ހިތަށް އިންތިޒާރުގެ އެންމެ ސިކުންތަކީ ވެސް ޤަރުނެއްކަމުގައި ވެފައިވެއެވެ.

ބާރަ ޖަހާ އިރުކޮޅެއް ނުވެ ހައްޔާން އައިސް ހުރި ކަމަށް ބުނެ މެސެޖު ކުރިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ނަވްޔާ ދެކޮޅު ބަލައިލުމަށްފަހު ކޮޓަރިން ނުކުތެވެ. ބޭރު ދޮރު ހުޅުވުމާ އެކު ދަންވަރުގެ ފިނިފިނި ރޯޅިތައް ނަވްޔާގެ ގައިގައި ބީހިލިއެވެ. މޭމައްޗަށް ދެއަތް ހުރަސް ކުރަމުން މަޑު ފިޔަވޅުތަކެއްގައި ނަވްޔާ ކުރިއަށް ދިޔައެވެ. ނަވްޔާ ފެނުމުން ޖޯލިފަތީގައި އޮތް ހައްޔާން ތެދުވިއެވެ. ބޮކީގެ ފަނޑު އަލީގެ ތެރެއިން ހައްޔާންގެ ހިނިތުންވެފައިވާ މޫނު ފެނުމުން ނަވްޔާއަށް ވެސް ހިނިތުންވެލެވުނެވެ. ހައްޔާން ހުރީ ކަޅުކުލައިގެ އަތްދިގު ޓީޝާރޓަކާއި ކަޅު ޖީންސެއް ލައިގެންނެވެ.

"ތިހެން އަބަދުވެސް ހިނިތުންވެފަ ހުންނަ ނަމަ." ނަވްޔާ ކައިރިއަށް އައުމުން ހައްޔާން ބުންޏެވެ.

"ނަވްޔާ ހީނލީމަ ވަރަށް ލޯބި."

އެ ބަސްތައް އަޑުއިވުމުން ނަވްޔާ ރަކިވިއެވެ. ހައްޔާންގެ ތޫނު ނަޒަރުން ސަލާމަތް ވާން ވެގެން އެސްފިޔަތައް ތިރިކޮށްލިއެވެ.

"އަދި ލަދުގަތީމަ މާ ލޯބި." ލާނެތް ކަމާ އެކު ހައްޔާން ބުންޏެވެ.

ނަވްޔާ އިތުރަށް ލަދުގަތެވެ. ހައްޔާންގެ ކުރިމަތީގައި ނުހުންނާންވެގެން ޖޯލިފަތީގައި ގޮސް އިށީނުމުން ހައްޔާން ވެސް އައިސް ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އެ ދެމެދަށް ދެން ވެރިވީ ހަމަހިމޭންކަމެވެ.

"ނަވްޔާ." ހަމަހިމޭންކަން ނަގައިލަމުން ހައްޔާން ގޮވައިލިއެވެ.

ނަވްޔާ ހޫނއަކުން ޖަވާބު ދިނެވެ.

"ކުރީ ރޭގައި އެވަރަށް ވާހަކަދައްކާފައި މިރޭ އެއްވެސް އެއްޗެއް ނުބުނަންތަ ތި އިންނަނީ؟" ހައްޔާން އެހިއެވެ.

ދެން ވެސް ނަވްޔާ އަނގަޔަކުން ނުބުންޏެވެ. އަތުގެ އިނގިލިތަކާ ކުޅެލަކުޅެލާ އިނީއެވެ. މިރޭ ނަވްޔާގެ ދޫ ތަޅުލެވިފައިވާ ކަހަލައެވެ.

"އޯކޭ، މިރޭ ވާހަކަ ދައްކާނީ އަހަރެން. އަޑު އަހައްޗޭ. އަހަރެންގެ މީހަކަށް ނަވްޔާ ހަދަން އަހަރެން ބޭނުން. އެކަމުގައި ނަވްޔާގެ ކުށެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް މީހުން ދައްކާފާނެ ވާހަކައަކަށް އަހަރެންގެ ފަރުވާލެއް ނެތް. އަހަރެންގެ އާއިލާގެ މީހުންގެ ރުހުން ލިބޭނެކަން އަހަރެންނަށް ކަށަވަރު. ދެން އޮތީ ނަވްޔާގެ ރުހުން. އޭރުން ނިމުނީ. ނަވްޔާ ބޭނުންވާ ގޮތެއް ބުނެބަލަ. އަހަރެންގެ އަތުގައި ހިފާނަންތަ؟" ހައްޔާން އަޑުގައި ވަނީ ސާބިތުކަމެވެ.

ހައްޔާން އަތް ދިއްކޮށްލުމުން ލަސްލަހުން އެ އަތްތިލައިގައި ނަވްޔާ ހިފިއެވެ. ނަވްޔާގެ ފިނިވެފައިވާ އަތަށް ހައްޔާންގެ އަތުގެ ހޫނުކަން ލިބުމުން ހިމާޔަތް ލިބުނުފަދަ އިހުސާސެއް ކުރެވުނެވެ.

"މާޒީގައި ނަވްޔާއަށް ކުރިމަތިވި ކަންތައްތަކެއް އަހަރެންނަކަށް ނޭނގޭ. އަދި އެ ކަންތައްތަކެއް އަހަރެންނަކަށް ބަދަލެއް ވެސް ނުކުރެވޭނެ. އެކަމަކު ދެން ކުރިމަތިވާ ކޮންމެ ކަމެއްގައި އަހަރެން ނަވްޔާއާ އެކު ވާނަން. މިއަތުގެ ހިމާޔަތް އަބަދު ވެސް ނަވްޔާއަށް ލިބޭނެ." ނަވްޔާގެ އަތްތިލައިގައި ބޮސްދެމުން ހައްޔާން ވައުދުވިއެވެ.

*****

އޭގެ ފަހުން ދެ ހަފްތާ ފާއިތު ވެގެން ހިނގައްޖެއެވެ. ޝަމްނާ ވިހަން މާލެ ދިޔައިރު އަޒްކާއާއި އިޔާދު ވެސް ދިޔައެވެ. އެ މީހުން ފުރިތާ ދެ ދުވަހެއް ފަހުން އިމާޒު ވެސް އަތޮޅު ފުޓުބޯޅަ މުބާރާތުގައި ބައިވެރިވާން ރަށު ޓީމާ އެކު ފުރިއެވެ. އަޒްކާ ނެތުމުން ނަވްޔާ ފޫހިވި ނަމަވެސް މިވީ ދުވަސްތަކުގައި ނަވްޔާގެ ހިތް ހީވަނީ އުފަލުން ބަންޑުން ވެދާނެހެންނެވެ.

ކޮންމެ ރެއަކު ދަންވަރު ބާރަޖަހާ އިރު ނަވްޔާއާ ބައްދަލުކުރަން ހައްޔާން އާދެއެވެ. ގަޑިއެއްހާ އިރު އިނދެފައި ދަނީ ތަރިހަނދު ހެކިކޮށް ލޯބީގެ އެތައް ވަޢުދާއި ހުވާކޮށްފައެވެ. ކުދިކުދި ހަދިޔާ ގެނެސް ނަވްޔާގެ ހިތް އުފާކޮށްދެއެވެ. އެއް ރެއަކު މިރިހިމަލުގެ ގުލްދަސްތާއެއް ހަދައިގެން ގެނައިއްޔާ އަނެއް ރެއަކު ޗޮކްލެޓެއް ގެނެސް ދީފާނެއެވެ. ނަވްޔާދެކެ ލޯބިވާ ވާހަކަ ކޮންމެ ރެއަކު ބުނެއެވެ. ނަވްޔާއާ ދެ މީހުން އެކުގައި ދިރިއުޅުން ހޭދަކުރާނެ ގޮތް ސިފަކޮށްދެއެވެ. އެ ކަހަލަ ވަގުތުތަކުގައި ހީނލަހީނލާ ނަވްޔާ އިނދެއެވެ. ނަވްޔާގެ ހިތުގައިވާ މާޔޫސްކަމާ އެކަނިވެރިކަން ފިލާ، ކޮންމެކަމެއް ދިމާވި ނަމަވެސް އެކުގައިވާނެ ބައިވެރިއަކު ލިބުނުކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ހައްޔާންދެކެ ނަވްޔާ ވާ ލޯބި ދުލުން ބަޔާންކުރަން ނުކުޅެދިފައިވީ ނަމަވެސް އެ ހިތުގެ ކޮންމެ ކަނެއްގައި ވަނީ ހައްޔާންގެ ލޯތްބެވެ. މިވީ ދުވަސްތަކުގެ ތެރޭގައި ހައްޔާންއާ ނުލާ ނޫޅެވޭ ވަރަށް ހައްޔާން ދެކެ ލޯބިވެވިއްޖެހެން ނަވްޔާއަށް ހީވެއެވެ.

ބައެއްފަހަރު މި އުޅެވެނީ ހުވަފެނެއްގައި ބާވައޭ ނަވްޔާ ހިތަށްއަރައެވެ. މި ދުވަސްތަކުގެ ތެރޭގައި ދޭތެރެއަކުން ނުރުހުމުގެ އެއްޗެއް ބުނެލި ނަމަވެސް މާ ބޮޑު ހަސްކާއެއް ނަސީމާއްތަގެ ފަރާތުން ވެސް ނަވްޔާއަކަށް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް ބައެއްފަހަރަށް ނަސީމާއްތަގެ ވިހަގަދަ ބަސްތައް ހަނދާންވުމުން ހައްޔާން ބީވެދާނެކަމުގެ ބިރު ހީވެ ހިތުގެ ހަމަޖެހުން ގެއްލެއެވެ.

(ނުނިމޭ)
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް