ads
ރައީސް ސޯލިހު ފެހެންދޫއަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
ޖަޒީރާ ދިރިއުޅުމެއްގެ ހުވަފެން "ބިލާހަކަށް"!؟
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިތާ މިއަދަށް މިވަނީ ދެ އަހަރު ފާއިތުވެފަ އެވެ. ބައިބޯ މާލޭގައި ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވާ ޖެހުމުގެ ބަދަލުގައި ޖަޒީރާ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭނެ ކަމުގެ ވައުދު މި ބޭފުޅުން ވެވަޑައިގަތެވެ. ބާކީ އޮތް ތިން އަހަރުގެ ތެރޭގައި އެ މަންޒިލަށް ވާސިލުވުމަށް ސަރުކާރުން ފާއިތުވި ދެ އަހަރު ކުރި މަސައްކަތަށް ބަލާލުން މުހިއްމެވެ.
Advertisement

މާލޭ ސަރަހައްދަށް ހިދުމަތްތައް ބަހާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެ ހިދުމަތްތައް އަތޮޅު ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން މިނިސްޓްރީތަކުގެ އެކި ޔުނިޓްތައް އަތޮޅުތެރޭގައި ގާއިމުކުރުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ވަނީ ފަށާފަ އެވެ.

އެ ވައުދު ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅިގެން ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގައި ގާއިމުކުރާނީ ކޮން މިނިސްޓްރީތަކެއްގެ ޔުނިޓްތަކެއްކަމާއި އެތަންތަނަށް ފޮނުވާނީ ކޮން މުވައްޒަފުންނެއްކަން އަދި ކަނޑައެޅިފައި ނުވި ނަމަވެސް އެ މަސައްކަތް ކުރެވެމުން އެބަދެ އެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުމަށް ލާމަރުކަޒީ ގާނޫނެއް ވުޖޫދަށް ގެނެސް، ރަށު ކައުންސިލްތަކަށް ބާރުތައް ދިނުމަށް ނިންމާފައިވެ އެވެ. 

your imageސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ-- ފޮޓޯ: ސީއެންއެމް

އޭގެ އިތުރުން ރައްޔިތުން ބާރުވެރިކުރުމަކީ ވެސް ޖަޒީރާ ސިޔާސަތުގައި ހިމަނާފައިވާ މުހިއްމު ކަމެކެވެ. އެގޮތުން ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން ރައްޔިތުންގެ ޕެޓިޝަނަކުން ސިޔާސަތު ކަނޑައެޅުމަށާއި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހޭނެ ފުރުސަތު ފަހިކޮށްދީފައި ވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ބާރުވެރިކުރުމަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ. 

އަދި މާލޭ ކައިރީގައި ޕިކްނިކް ހަދާލަން ދާނެ ރަށެއް ނެތި، އާންމުންގެ ކަންބޮޑުވުން ހުރުމުގެ ނަތީޖާއަކީ އެފަދަ ރަށެއް ގާއިމުކުރުމަށް ވެސް މެނިފެސްޓޯގައި ހިމެނުމެވެ. އަދި ވަރަށް ފޯރީގައި އެ މަސައްކަތް ކުރެވެމުން ދިޔައިރު އެނބޫދޫފަޅުގައި އެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމި އެވެ. އެހެންނަމަވެސް އަދި އަދަށް ވެސް އެތަން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަމަޖެހިފައެއް ނުވެ އެވެ. މާލޭގެ ރައްޔިތުންނަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ރައްޔިތުންނަށް ހިތްފަސޭހަ ހަމަ ޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް މާބޮޑު ކަމެއް ސަރުކާރަށް ކުރެވިފައިވާ މަންޒަރެއް ނުފެނެ އެވެ. ހަމައެކަނި ކުރެވުނު ކަމަކީ ލޮނުޒިޔާރާތް ކޮޅުގައި ޕާކެއް ތަރައްގީކޮށް ހުޅުވުމެވެ. 

އަތޮޅު ތެރޭގެ ރައްޔިތުންނަށް ވެސް ތަރައްގީގެ މަޝްރޫއުތަކެއް

އަތޮޅު ތެރެއަށް ބަލާއިރު މިސަރުކާރުން ރަށްފުށުގެ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން އެކި އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތަކެއް އެބަ ހިންގަމުންދެ އެވެ. 

ވައިގެ ދަތުރުފަތުރު: ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރަށްރަށް ގުޅުވާލުމުގެ ގޮތުން އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ވެސް ދިޔައީ ކުރަމުންނެވެ. އެގޮތުން މާވަރުލުގައި އެއާޕޯޓެއް ތަރައްގީކުރުމަށް 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ މަަސައްކަތް ނިންމާލާފަ އެވެ. އެކަމަކު ކޮވިޑާއި ގުޅިގެން އެތަން އަދިވެސް އޮތީ ނުހުޅުވި އެވެ. 

your imageހޯރަފުށީ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖެއްސުން-- 

ރާއްޖޭގެ އެންމެ އުތުރަށް ބަލާލާއިރު ހއ. ހޯރަފުށީގައި ވެސް އެއާޕޯޓެއް ތަރައްގީކޮށް އިއްޔެ ވަނީ އެތަނުގައި ޓެސްޓް ފްލައިޓް ޖައްސާފަ އެވެ. އަދި މާމިނގިލީ އެއާޕޯޓް ވެސް ވަރަށް އަވަހަށް އިންޓަނޭޝަނަލް ކުރެވޭނެ ކަމުގެ އުއްމީދު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދެއްވާފައިވާއިރު އެ މަސައްކަތުގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށް ބުނާ ހަނިމާދޫ އެއާޕޯޓް ވެސް "އިންޓަނޭޝަނަލް ފެންވަރު" ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ސަރުކާރުން އޮތީ އަމާޒު ހިފާފަ އެވެ.  

މިނިސްޓަރު ނަހުލާ މިފަހުން ވިދާޅުވި ގޮތުގައި މުލި އަދި ބިލެއްފައްސާއި ތުޅާދޫގައި އެއާޕޯޓް އެޅުމުގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅެ އެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

އެއާޕޯޓްތަކުގެ އިތުރުން ބަނދަރާއި މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ކުރިއަށްދެ އެވެ. އެމްޓީސީސީއަށް ބަލާއިރު މިހާރު ވެސް 47 ތަރައްގީގެ މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާއިރު، މިވީ ދެ އަހަރުގެ ތެރޭގައި 81 ތަރައްގީގެ މަޝްރޫއެއް އެމްޓީސީސީން ނިންމާފައިވެ އެވެ. އޭގެ އިތުރުން ވެސް ތަފާތު އެކި ކުންފުނިތަކާއި ހަވާލުކުރެވިގެން މަގުތަކާއި ބަނދަރުތަކުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތައް ވެސް ކުރެވިގެން އެބަދެ އެވެ. 

your imageއެމްޓީސީސީން ހުޅުދޫ ބަނދަރު ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން-- 

ސިއްހީ ހިދުމަތް: އަތޮޅު ތެރޭގެ ތަރައްގީގެ ވާހަކަ ދައްކާއިރު އެންމެ މުހިއްމު އެއް ކަމަކީ ކޮންމެ ފަހަރަކު ސިއްހީ ހިދުމަތް ހޯދަން މާލެއަށް އަންނަ އައުން ނިމުމަކަށް ގެނައުމެވެ. ވަކިން ހާއްސަކޮށް މާލޭގައި ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ދިވެހިންނަށް ވަނީ އެކަމުގެ ހިތި އިހުސާސް ވެސް ކުރަން ޖެހިފަ އެވެ. މާލެއަށް އަރާއި ފައިބާ ކޮންމެ ފަހަރަކު އަނބުރާ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނެއް ވާން ޖެހުމުން މިއީ މިހާ އުނދަގޫ ކަމެއްކަން ހިތަށް ތަސައްވަރުވެގެން ގޮސްފި އެވެ. 

ކޮންމެއަކަސް މިކަމެއް ކުރިމަތިވުމުގެ ކުރިން ސަރުކާރުން ވަނީ ސިއްހީ ހިދުމަތް ހޯދަން މާލެއަށް އަންނަން ޖެހޭ ޖެހުން ނިމުމަކަށް ގެނެސް، ޖަޒީރާ ދިރިއުޅުމެއްގައި ރަށުގައި ތިބެގެން ހިދުމަތް ހޯދަން ފަސޭހަވާނެ ގޮތަކަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލު އަޅާނެ ކަމުގެ ވައުދުވެފަ އެވެ. އެ ވައުދަށް ވާސިލުވުމަށް ކުރި މަސައްކަތަށް ބަލާއިރު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކޮށް ހިދުމަތްދޭން ވަނީ ފަށާފަ އެވެެ. އަދި ހދ. ކުޅުދުފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބަޔަކު ހޯދަން އިއުލާންކޮށްފައި ވާއިރު އެ މަސައްކަތް ކުރަން ކުޅުދުއްފުށިން މިހާރު ވަނީ ބިން ވެސް ކަނޑައަޅާފަ އެވެ. 

your imageކުޅުދުއްފުށި ހޮސްޕިޓަލް ބޮޑުކުރުމުގެ މަަސައްކަތް ފެށުން-- އެމްޓީސީސީ 

ސަރުކާރުގެ ވައުދަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތައް ތަރައްގީކޮށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ފަސޭހަ ފެރީގެ ނިޒާމެއް ގާއިމުކުރުމެވެ. އެހެންނަމަވެސް، އަދި ރަނގަޅު ފެރީގެ ނިޒާމެއް ވެސް ނެތްއިރު އެކަން ކުރެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. 

ދެން އޮތީ އަތޮޅު ތެރޭގެ ސްކޫލުތަކުގެ ވާހަކަ އެވެ. އެތަންތަނުން ރަނގަޅު ތައުލީމެއް ދަރިންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވެ އެވެ. 

އެ ހިދުމަތްތައް އަތޮޅު ތެރެއަށް ފޯރުކޮށްދޭން ފެށުމާއެކު މާލޭގެ ބައިބޯ ދިރިއުޅުމަށް ހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކުނަސް އަދިއަދަށް ވެސް ޖަޒީރާ ދިރިއުޅުމެއް ލިބިދާނެ ކަމުގެ ކޮޅުމަތި ވެސް ރަނގަޅަށް ނުފެނެ އެވެ. ސަރުކާރުން ބުނަމުންދަނީ ކޮވިޑާއެކު މަންޒިލަށް ދަތުރުކުރުމުގައި ލަސްތަކެއް އުޅުނަސް މި ވައުދުތައް ފުއްދޭނެ ކަމަށެވެ. ދެން އުފެދޭ ސުވާލަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހަމަ ހަގީގަތުގައި ވެސް ދިވެހިންނަށް ޖަޒީރާ ދިރިއުޅުމެއް ލިބިދާނެތޯ އުފެދޭ ސުވާލެވެ. މިއީ އެހެން ސަރުކާރުތަކާއި އެއްގޮތަށް ހަމައެކަނި ގަނޑެއްގައި ލިޔެފައިވާ ލިޔުންކޮޅަކަށް ނުވާނެ ކަމަށް ހަމަގައިމުވެސް ރައްޔިތުން އުއްމީދު ކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް