ads
ޖޮއިންޓް ކޮމެޓީގެ މުގައްރިރު ހަސަން ލަތީފް: ފޮޓޯ މަޖްލިސް
އޮންބަޑްސްމަން އޮފީސް މާލީ ބަޔާން ކޮންމެ އަހަރަކު ފޮނުވަންޖެހޭނެ: ކޮމެޓީ
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ މައްސަލަތައް ބެލުމަށް އެކުލަވާލި "އިންތިގާލީ އިންސާފު" ގެ ބިލުގައި ކަނޑައަޅާފައިވާ އޮންބަޑްސްމަން އޮފީސްގެ ހަރަދުތަކާއި މިލްކިއްޔާތު ކޮންމެ އަހަރަކު އޮޑިޓުކޮށް އެކުލަވާލާ ރިޕޯޓުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަން ޖެހޭގޮތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ޖޮއިންޓް ކޮމެޓީން ނިންމައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖޮއިންޓު ކޮމެޓީގައި އެ ކޮމެޓީގެ މުގައްރިރު ހަސަން ލަތީފު އާންމު ކުރެއްވި ގޮތުގައި، އިންތިގާލީ އިންސާފުގެ ބިލުގެ 32 ވަނަ މާއްދާއަށް ވަނީ (ށ) އަކުރު ވަނީ އިތުރުކޮށްފައެވެ.

އެ ގާނޫނުގެ 32 ވަނަ މާއްދާއަކީ "އާމްދަނީ އާއި ހަރަދު އޮޑިޓުކުރުމުގެ" މާއްދާ އެވެ. އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ "އޮންބަޑްސްމަން އޮފީސްހުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކާއި ބެހޭ ހިސާބު ބަލަހައްޓާނެ ގޮތުގެ ގަވާއިދު އޮޓިޓާ ޖެނެރަލްގެ މަޝްވަރާއާއެކު އޮންބަޑްސްމަންގެ އޮފީހުން އެކުލަވާލަން" ވާނެ ކަމަށެވެ.  

މިއަދު ޖޮއިންޓު ކޮމެޓީން އިތުރު ކުރި އަކުރުގައި ބުނެފައިވަނީ އެ އޮފީހުގެ މާލީ ޒިންމާތަކާ ބެހޭ ހިސާބު އޮޑިޓާ ޖެނެރަލް އޮޑިޓްކުރުމަށްފަހު އެކުލަވާލާ މާލީ ބަޔާން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާއަށާއި، މަޖިލީހަށް ފޮނުވަން ޖެހޭނެ" ކަމަށެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. 

މި ބިލަކީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް އެކުލަވާލި ބިލެކެވެ. 

އިންތިގާލީ އިންސާފުގެ ގާނޫނުގެ ޒަރީއާއިން ހާސިލުކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ފަރުދުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި، ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ.

މި މަގުސަދުތައް ހާސިލުކުރުމަށްކައި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމުކޮށް، އެ އޮފީހާއި 7 މަސްއޫލިއްޔަތުތައް މަތިކުރުމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި ހިމެނޭ ކަންކަމަކީ:

1- ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަޤީޤަތާ ހަމައަށް ވާސިލުވުން؛

2- ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާ ހިލާފު ޢަމަލުތައް ހިންގުމަށް މެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ އެ އަމަލުތަކުގެ ޒާތާއި އެކަން ހިނގާފައިވާ ފުޅާމިން ދެނެގަތުން؛

3- ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވުން؛

4- އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހްގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުން؛

5- އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހްގީގުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދިނުން.

6- ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން؛

7- ކުރިއަށް އޮތް ތާނގައި، އެފަދަ އަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިސްލާހުތައް ފާހަގަކުރުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް