ads
ހުޅުމާލޭގައި ފްލެޓްތައް ތަރައްގީކުރުން--
ސަރުކާރަށް ދެ އަހަރު: ބޯހިޔާވަހިކަން ނުލިބުމުގެ ޝަކުވާ އިންތިހާއަށް!
ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލުކުރާނެކަމުގެ ވައުދާއެކު ކޮންމެ ސަރުކާރެއް ވެސް ވެރިކަަމަށް އަންނައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެސް ވަނީ މި މައްސަލައަށް ހައްލެެއް ހޯދުމުގެ މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކު ރައްޔިތުންނަށް އުއްމީދުތަކެއް ދެއްވާފަ އެވެ. މިއަދު މިވެރިކަމަށް ދެ އަހަރު ފާއިތުވެގެން ދިޔައިރު ފެނިގެން މި ދަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކުރިމަތި ނުވާ ވަރުގެ ބޯ، ކަޅު ވިލާގަނޑެއް ރާއްޖެއާ އަރާ ހަމަކުރި މަންޒަރެވެ. ފާއިތުވި އަށް މަސް ދުވަސް ބޮޑު ބަލިމަޑުކަމާއެކު އުޅެން ޖެހުނުއިރު ސަރުކާރުން ޕްލޭން ކުރި ގޮތަށް ކަންކަން ވެސް ކުރިއަކަށް ނުގެންދެވުނެވެ. އެކަމަކު ވެސް ވީވަރަކުން އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތްތަކެއް ކުރިއިރު ހާސިލުކުރެވުނު މިންވަރަށް ބަލާލާނަމެވެ.

ރައީސް ސޯލިހުގެ ފުރަތަމަ އަހަރަށް ބަލާލާއިރު ވެސް މާބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފެށުނު މަންޒަރެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ތަންތަން މަރާމާތުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ދިޔަ އެވެ. އަދި ހަތަރު ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން ފުރަތަމަ އަހަރުގެ ތެރޭގައި ހަވާލުކުރި އެވެ. 

your imageގިނަ ދުވަސްވެ ކުޅުދުއްފުށީ ހައުސިން ޔުނިޓްތައް މަރާމާތުކުރަން ޖެހިފައި-- ފޮޓޯ: ކޭއޯ

ސަރުކާރުގެ ފުރަތަމަ އަހަރު ހަވާލުކުރެވުން މަޝްރޫއުތައް

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް - މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާއި ޕީއީއެސް މެރިން ސާވިސަސް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ކޮޅުފުށީގައި ހައުސިން ޔުނިޓްތައް އިމާރާތްކުރާނީ 100 ގޯތީގައި ތިން ކޮޓަރިއާއި، ތިން ފާހާނާއާއި ސިޓިންގްރޫމާއި ބަދިގޭގެ އިތުރުން ސްޓޯރޫމެއް ހިމެނޭ ގޮތަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއީ 350 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށް 75.7 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ބ. ތުޅާދޫގެ 100 ހައުސިން ޔުނިޓް - މި މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާއި ފްލަކްސް އިންކް ޕްރައިވެޓް ލިމިޓެޑުގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ އެވެ. އެއީ 1100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ސްޓޯ ރޫމު އަދި ލޯންޑްރީއަކާއެކު ހަދާ ހައުސިން ޔުނިޓުތަކެކެވެ. މިއީ ޖުމްލަ 79.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ދިހަ ވަނަ ދުވަހު އެ މަސައްކަތް ހަވާލު ކުރީ 363 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓް - މިއީ ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކުރެވުން މަޝްރޫއެކެވެ. އެ މަޝްރޫއުގައި ވެސް އަޅަނީ 1100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ސްޓޯ ރޫމު އަދި ލޯންޑްރީއަކާއެކު ހަދާ ހައުސިން ޔުނިޓުތަކެކެވެ. އެ މަޝްރޫއުއަކީ 71.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ދިހަ ވަނަ ދުވަހު ހަވާލުކުރި، އެ މަޝްރޫއު ނިންމަން ޖެހެނީ 311 ދުވަސް ތެރޭގަ އެވެ. ތުޅާދޫ އާއި ނައިފަރުގައި އަޅާ ހައުސިން ޔުނިޓުތައް ވެސް އަޅަނީ ތިން ބުރި އާއި ހަތަރު ބުރީގެ އިމާރާތަތްކެއްގެ ގޮތުގަ އެވެ.

ޅ. އޮޅުވެލިފުށީގައި އެއް ރޯ ހައުސް އެޅުން - ޖުމްލަ 13 ރަށެއްގެ 1528 ހައުސިން ޔުނިޓެއްގެ މަސައްކަތް ސަރުކާރު ބަދަލުވިއިރު ހުއްޓިފައި އޮތްއިރު އެތަންތަން ހަލާކުވެފައި އޮތުމުގެ ސަބަބުން މި ސަރުކާރުން ކުރި ކަމަކީ އެތަންތަން މަރާމާތުކުރުމެވެ. ވީރާނާވެފައިވާ ހައުސިން ޔުނިޓްތަކަށް އަލުން މީހުންނަށް ވަދެވޭވަރުކުރަން އެ މަސައްކަތް ސަރުކާރުން އޭރުކުރަމުންދިޔައީ ހާއްސަ އިސްކަމެއްދީގެންނެވެ. 

ކޮވިޑާއެކު ހީކުރި ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނު!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުއެއް ފަށާނެކަން މިދިޔަ އަހަރުގެ ކުރީކޮޅު އިއުލާންކޮށްފަ އެވެ. އެގޮތުން ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 4200 ހައުސިން ޔުނިޓުގެ މަސައްކަތް ނޮވެމްބަރުގައި ފަށާނެ ކަމަށް ވިދާޅުވިޔަސް އެގޮތަށް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ. އަދި މާލޭ ސިޓީގެ ރައްޔިތުންނަށް ހާއްސަކޮށް 3000 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަން އިއުލާންކުރައްވާ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށޭނެކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ މަސައްކަތް ވެސް އަދި ފެށިފައެއް ނުވެ އެވެ.

އޭގެ އިތުރުން ދިގުލައިގެން ގޮސްފައިވާ ވެށިފަހި މާލޭ ޕްރޮގްރާމުގެ މަސައްކަތަށް ބަލާއިރު މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ފެށި އެވެ. އެގޮތުން އެ ލިބުނު މީހުންގެ ލިޔެލިޔުންތައް ސަރުކާރުތަކުން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ މި ސަރުކާރުން ވަނީ ގޯތި ލިބުނު މީހުން ހޯދުމަށް މަސައްކަތްތަކެއް ވެސް ފަށާފަ އެވެ. އެ ފަރާތްތަކަށް ވެސް އަދިއަދަށް ވެސް ބޯހިޔާވަހިކަން ހަމަޖެހިގެން ގޮސްފައެއް ނުވެ އެވެ. 

މިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މާލޭގެ ރައްޔިތުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް 3000 ފްލެޓުގެ ބިންގާ ޑިސެމްބަރު މަހު އަޅުއްވާނެ ކަން އިއުލާނުކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށް ވެގެން ދާނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށް ހިންގާ މަޝްރޫއުތައް ކަމަށެވެ. 

އޭގެ އިތުރަށް ދެން އޮތް ބޯހިޔާވަހިކަމުގެ އެންމެ މުހިއްމު އެއް މަޝްރޫއުއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ 7000 ފްލެޓެވެ. އޭރުގެ ސަރުކާރުން އެތަންތަން ލިބުނު މީހުންގެ ލިސްޓެއް އާންމުކުރިޔަސް އެ ތަން ލިބުނު އެންމެ "ހައްގުވެރިން" ހޯދުމަށް މި ސަރުކާރުން އެކުލަވާލި ކޮމިޝަނުގެ މަސައްކަތްތައް ލަސްވެ އެ ލިބޭ އެންމެންގެ ލިސްޓެއް ވެސް އަދި އާންމެއް ނުކުރެ އެވެ. ކޮވިޑާއެކު މަސައްކަތް ލަސްވީ ކަމަށް ކޮމިޝަނުން ބުނާއިރު އެތަންތަން ތަރައްގީކޮށް ވެސް ނިމިފައެއް ނުވެ އެވެ. މިހާރު ތަންތަން ދޭން ނިންމާފައިވާ ގޮތަށް ބަލާއިރު ބޭރު ދޮރު ފިޔަވައި ކޮޓަރީގެ ދޮރުތަކާއި ތަށިމުށި އަދި ފަންކާ އާއި ލައިޓް ވެސް ހަރުނުކުރާ ގޮތަށް ނިންމާފައި ވަނީ ހެޔޮ އަގެއްގައި އެތަންތަން ދިނުމުގެ ނިޔަތުގަ އެވެ. މުޅި ތަން އެއްކޮށް ނިންމާފައި ދޭނަމަ ދެކޮޅު ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ. 

your imageހިޔާ މަޝްރޫއުގެ ދަށުން އެޅި ދެކޮޓަރީގެ އެޕާޓްމަންޓް-- ފޮޓޯ: ސީއެންއެމް 

ކޮންމެއަކަސް މި ސަރުކާރުން ބުނަމުން ދަނީ އަންނަ އަހަރުގެ ކުރީކޮޅު އެތަންތަނަށް ވަދެވޭވަރުވާނެ ކަމަށެވެ. 

މި ސަރުކާރަށް ދެ އަހަރުވެގެން ދާއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާބޮޑު އާ މަޝްރޫއުއެއް ފެށިގެން ނުދިޔަ ނަމަވެސް ވީ ވައުދުތައް ފުއްދާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް