އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި މިހާތަނަށް އެންމެ ގިނަ ވޯޓް ލިބިލެއްވި މީހަކަށް ޖޯ ބައިޑެން ވެވަޑައިގެންނެވި ނަމަވެސް އަދި އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެކަން އިއުލާން ކޮށްފައެއްވެސް ނުވެއެވެ. އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖު ވޯޓު އަދި ބައިޑެން އާއި ޓްރަންޕް ކުރެން އެއްވެސް ބޭފުޅަކަށް ހޯއްދެވިފައެއް ނުވެއެވެ.
ނަމަވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން އާއި އިންތިހާބީ ނައިބު ރައީސް ކަމާލާ ހެރިސް ހޯއްދެއްވި ތާރީހީ ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމެރިކާއިން ޕެރިސް އެގްރީމެންޓުގައި އަލުން ބައިވެރިވެ މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުން ފަދަ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޓްރަންޕްގެ ރައީސްކަމުގައި އެމެރިކާއިން ޕެރިސް އެގްރީމެންޓުން ވަކިވި ނަމަވެސް އިންތިހާބު ކާމިޔާބުކުރުމަށް ފަހު ވައިޓްހައުސްއަސް ވަޑައިގަންވަނާ ފުރަތަމަ ދުވަހުން ފެށިގެން އަލުން އެމެރިކާއިން ޕެރިސް އެގްރީމެންޓުގައި ބައިވެރިކުރުވަން މަސައްކަތް ކުރަައްވާނެ ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ގުނިފައިވާ ވޯޓުގެ ނަތީޖާއަށް ބަލާއިރު ޓްރަމްޕަށްވުރެ ބައިޑެން އުޅުއްވަނީ ކުރީގައެވެ. މިހާތަނަށް ދައްކާގޮތުން ބައިޑަން ވަނީ 253 ކޮލެޖު ވޯޓު ހޯއްދަވާފައެވެ. ޓްރަމްޕަށް މިހާތަނަށް ކާމިޔާބުވެފައި ވަނީ 214 ވޯޓެވެ. ބައެއް މުހިންމު ސްޓޭޓްތަކުގެ ވޯޓް އަދި ގުނާ ނުނިމޭއިރު 300 އެލެކްޓޯރަލް ކޮލެޖު ވޯޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.