ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ސީއެންއެމްއަށް ވިދާޅުވީ އުމުރުން 46 އަހަރުގެ ރަޝިއާގެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ވަނީ ރަށުގެ ގިނަ ފިހާރަތަކާއި ރެސްޓޯރަންޓްތަކަށް ވެސް ގޮސްފައި ކަމަށެވެ. އެހެންކަމުން، މާދަމާ 28 ރެންޑަމް ސާމްޕަލެއް ނަގަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އީސަ ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި ފަތުރުވެރިޔާއަކީ އާއިލާއާއެކު އެރަށަށް ޗުއްޓީއަށް އައި މީހެކެވެ. އެގޮތުން އަނބިމީހާ އާއި އޭނާގެ ދެ ދަރިންނާއެކު ޗުއްޓީއަށް އައިއިރު ޕޮޒިޓިވްވެފައިވަނީ ހަމައެކަނި ފިރިހެން މީހާ ކަމަށާއި އަނެއް ތިން މީހުން ވެސް ނެގެޓިވް ކަމަށް ވިދާޅުވި އެވެ.
އީސަ ވިދާޅުވީ އެމީހާއާ ބައްދަލުވި އެންމެން ވެސް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށާއި އަދި ޕޮޒިޓިވްވި މީހާ ވެސް ހުރީ ގެސްޓްހައުސްގައި އައިސޮލޭޓްކޮށްފައި ކަމަށެވެ.
ހުރާގެ ގެސްޓްހައުސްތައް ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. މިހާރު ވެސް އެރަށުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް އީސަ ވިދާޅުވެ އެވެ.