މާދަމާ ރޭ 11:00 އިން ފެށިގެން ކާފިއު ހިންގަން ފަށާއިރު، އެގައުމުގައި ވަނީ 15 ދުވަހުގެ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ރޭ 11:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގަން ނިންމާފައި އޮތަސް، ދަންވަރު ވަޒީފާ އަދާކުރާ ފަރާތްތައް އިސްތިސްނާވާނެ އެވެ.
ޕޯޗުގަލްގެ ގާނޫނުގައިވާ ގޮތުން އެ ގައުމުގެ ކުއްލި ހާލަތު ކޮންމެ 15 ދުވަހަކުން ދިގު ދަންމާލެވޭނެއެވެ. އެ ގައުމުން މާޗް މަހުގައި އިއުލާން ކުރި ފުރަތަމަ ކުއްލި ހާލަތު ހަ ހަފްތާގެ މުއްދަތަކަށް ދެމިގެންދިޔަ އިރު، އެ ގައުމުގައި ކުރަމުން ދިޔަ ގިނަ ވިޔަފާރިތައް ހުއްޓުމަކަށް އައެވެ.
މިފަހަރު އިއުލާން ކުރި ކާފިއުގެ ސަބަބުން ޕޯޗުގަލްގެ 70 އިންސައްތަ އާބާދީއަށް އޭގެ އަސަރު ކުރާއިރު، އޭގެ ތެރޭގައި އެ ގައުމުގެ ޕޯތޯ އާއި ލިސްބަންގައި ދިރިއުޅޭ ރައްޔިތުންވެސް ހިމެނެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އެހެން ނޫނީ އަންނަ މަހު ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޯޗުގަލްގެ ބޮޑުވަޒީރު އެންތޯނިއޯ ކޮސްތާ ވަނީ ވިދާޅުވެފައެވެ.
10 މިލިއަން ރައްޔިތުންގެ އާބާދީގެ މައްޗަށް އެކުލެވޭ ޕޯޗުގަލް އިން ވަނީ މި އަހަރުގެ ކުރީކޮޅު ކޮވިޑް-19 ކޮންޓްރޯލްކޮށް އެއްވަރެއްގައި ހިފެހެއްޓިފައިވާ އިރު، މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ 4 ގައި ޕޯޗުގަލް އިން 7،497 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، މިއީ އެއް ދުވަހެއްގެ ތެރޭ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް އެ ގައުމުގައި ކޮވިޑް ޖެހުނު ދުވަހެވެ.
މިހާތަނަށް ޕޯޗުގަލްގެ 174،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 2،848 މީހުން ވަނީ މަރުވެފައެވެ.