އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓުގެ މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ރިޕޯޓު ނެރުނުއިރު އެ ޖަމިއްޔާގެ ރައީސް އަކަށް ހުންނެވީ ޝަމީމް ކަމަށް އެމްޑީއެންގެ އިސް ފަރާތެއް ކަމަށްވާ ޝަހިންދާ އިސްމާއިލް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
އެކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި އެހުންތެރިއަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ޝަމީމް ވިދާޅުވީ އެ ރިޕޯޓު ނެރުނުއިރު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި އަދި އޭރު ރައީސްކަމުގައި ހުންނެވި ހަނދާން ވެސް ނުވާ ކަމަށެވެ.
އެ ރިޕޯޓު ނެރުމުގެ އެއްވެސް ކަމެއްގައި އޭނާ އަމަލީ ގޮތުން ބައިވެރިވެފައި ނުވާނެ ކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ ރިޕޯޓު ނެރުމުގައި އޭގައި ހުރި އެއްޗެއް ކިޔާ ކޮމެންޓްކުރުމާއި އަދި ރިޕޯޓު ނެރުމަށް ހުއްދަ ދިނުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ އެމްޑީއެންގެ ބޯޑަކީ ޖަމިއްޔާއިން ނެރޭ ރިޕޯޓުތައް ނެރުމުގައި ހުއްދަ ދޭން އޮންނަ ތަނެއް ނޫން ކަމަށާއި އެތަނުން ކަނޑައަޅާނީ މައިގަނޑު ސިޔާސަތުތައް ކަމަށެވެ. އަދި އެތަން ހިންގުމާއި ހަވާލުވެ ހުންނަވާނީ އެގްޒެކެޓިވް ޑައިރެކްޓަރުކަން ފާހަގަކުރެއްވި އެވެ. ޝަމީމް ވަނީ ޖަމިއްޔާ ނެރެނީ ކޮން ރިޕޯޓެއްކަމާއި އޭގައި އޮތީ ކޮން ވާހަކައެއްތޯ ބޯޑުން ނުބަލާނެ ކަމަށާއި އެއީ ބޯޑުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ޝަމީމް އެގޮތަށް ވިދާޅުވުމުން އެ ރިޕޯޓު ނެރުނުކަން އެނގިވަޑައިގަތީ ކޮންއިރަކުތޯ ކުރި ސުވާލުގައި ޝަމީމް ވިދާޅުވީ އެ ރިޕޯޓުގެ މަސައްކަތް ކުރިއަށްދާކަމުގެ މައުލޫމާތު ލިބުން ކަމަށާއި އޭގައި ދެތިން ރިޕޯޓެއްވާ ކަމަށެވެ. އެގޮތުން އެ ރިޕޯޓުތައް ބެލިފައި ނެތުމުން އެއީ ކޮންކަމެއްގެ މައްޗަށް ނެރުނު ރިޕޯޓެއްކަން ސީދާ ބުނަން ހަނދާން ނެތް ކަމަށެވެ. ޝަމީމް ވިދާޅުވީ މިހާރު އެ ޖަމިއްޔާގެ މަސައްކަތެއްގައި އެއްވެސް ގޮތަކަށް ނޫޅުއްވާތާ ހަތަރު، ފަސް އަހަރު ވެދާނެ ކަމަށެވެ.
އަދި ދީނަށް ފުރާއްސާރަ ކުރާ މީހުންނަށް ދައުވާކުރާނެ ކަމަށް މީގެ ކުރިން ޝަމީމް ވިދާޅުވެފައިވާތީ އެމްޑީއެންއަށް ދައުވާ ކުރާނެތޯ ކުރި ސުވާލުގައި ޝަމީމް ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށާއި އެގޮތަށް އުޅުމަށް ހުއްދަ ވެސް ނުކުރާނެ ކަމަށެވެ. އެގޮތުން ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދައުވާކުރުމުގައި ޕީޖީގެ ދައުރަކީ އަބަދުވެސް ފުލުހުން ތަހުގީގުކޮށް ގެންނަ މައްސަލަތަކުގައި ފިޔަވަޅު އެޅުން ކަމަށާއި އެމްޑީއެންގެ މައްސަލައިގައި ވެސް ފުލުހުން ފުރިހަމަ ތަހުގީގެއްކޮށް ގެނައުމުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.