ads
ކަމަލާ ހެރިސް--
އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް، ކަމަލާ ހެރިސްއަކީ ކޮން ބޭފުޅެއް؟
ކަމަލާ ހެރިސް މި ވަނީ އެމެރިކާގެ ނައިބު ރައީސަކަށް ހޮވިވަޑައިގެންނެވި ފުރަތަމަ އަންހެން މީހާގެ ލަގަބު ހޯއްދަވާފަ އެވެ. އޭގެ އިތުރުން އޭނާއަކީ އެ މަގާމަށް އައި ފުރަތަމަ ކަޅު ނަސްލުގެ މީހާ އެވެ. އަދި ފުރަތަމަ އޭޝިއަން އެމެރިކަން ވެސް މެއެވެ. އެ ހިސާބަށް އާދެވުމުން ކަމަލާ އެކަން ފާހަގަކުރީ ބޮޑު ހިނިތުންވުމަކާ އެކު އެވެ.
Advertisement

ސޯޝަލް މީޑިއާގައި ޕޯސްޓުކުރެއްވި ވީޑިއޯއަކުން ފެނިގެން ދަނީ ކަމަލާ އެ ހަބަރު އިންތިހާބީ ރައީސް ޖޯ ބައިޑެންއާ ހިއްސާކުރައްވާ، އުފާފާޅުކުރައްވާ މަންޒަރެވެ. އަދި އިންތިހާބީ ރައީސްއަށް ވެވަޑައިގެންނެވި ބައިޑެންއަށް މަރުހަބާ ދަންނަވާ މަންޒަރު ފެނެ އެވެ. 

ބައިޑެންއަށް މަރުހަބާ ދަންނަވަމުން ގެންދެވި ކަމަލާއަށް ވެސް އެހާމެ ބޮޑު މަރުހަބާއެއް ހައްގެވެ. މީގެ އަހަރެއް ކުރިން އޭނާ ކެމްޕޭން ކުރައްވަމުން ގެންދެވީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބައިޑެންއާ ދެކޮޅަށެވެ. އެކަމަކު 2019 ވަނަ އަހަރު ނިމުމާ ގާތްވިއިރު، ކެމްޕޭނުގެ ކުރީގައި އުޅުއްވީ ބައިޑެން އެވެ. 

your imageކަމަލާ އަދި ބައިޑެން--

"ސްޕޮޓްލައިޓުން" ގެއްލޭ ހިސާބުގައި އުމުރުން 56 އަހަރުގެ ކަމަލާ ހުންނަވަނިކޮށް ރަނިންމޭޓަށް ވުމުގެ ފުރުސަތު ހުށަހެޅުއްވީ ބައިޑެންގެ ފަރާތުންނެވެ. ވައިޓް ހައުސްގެ ކެމްޕޭނުގައި ކުރިއަށް ދިޔުމުގެ ގާބިލްކަން ކަމަލާގެ ކިބައިގައި ނެތް ކަމަށް އެތައް ބަޔަކު ގަބޫލުކުރި އެވެ. އެކަމަކު އެ ހުރިހާ ކަމެއް ފަހަތަށް ޖައްސާލުމަށް ފަހު އޭނާ މިއަދު މި ވަނީ ތާރީހުގައި ނަން ފަވާލާފަ އެވެ. 

ކަމަލާ ހެރިސްގެ ތަފާތު އައިޑެންޓިޓީތައް

ކެލިފޯނިއާގެ އޯކްލޭންޑަށް އުފަން ކަމަލާގެ މަންމަ އާއި ބައްޕައަކީ އެމެރިކާއަށް ހިޖުރަ ކުރި ދެމަފިރިންނެވެ. އެއީ އިންޑިއާއަށް އުފަން މަންމައަކާއި ޖެމެއިކާއަށް އުފަން ބައްޕައެކެވެ. ކަމަލާގެ އުމުރުން އެންމެ ފަސް އަހަރުގެ މަންމަ އާއި ބައްޕަ ވަކިވުމުން، އޭނާ ބޮޑުކުރުމުގެ މައިގަނޑު ދައުރު އަދާ ކުރީ ހިންދޫ ދީނަށް ނިސްބަތްވާ މަންމަ އެވެ. މަންމަ ޝިޔަމަލާ ގޯޕާލަން ހެރިސް އަކީ މަދަނީ ހައްގުތަކަށް ވަކާލާތު ކުރި އެކްޓިވިސްޓެއްގެ އިތުރުން ކެންސަރު ބަލި ދިރާސާ ކުރާ މީހެކެވެ. 

your imageކަމަލާ، މަންމަ އަދި އަންހެން ކޮއްކޮ އާއެކު--

ކަމަލާ އާއި އަންހެން ކޮއްކޮ މާޔާ ބޮޑުވީ އިންޑިއާވަންތަ ކަމާއެކު އެވެ. ނަމަވެސް އޯކްލޭންޑުގެ ކަޅު ނަސްލުގެ ގޮތްތައް ވެސް އެމީހުންގެ ގައިގައި އަށަގެންފައި ވެއެވެ. ކަމަލާގެ އޮޓޯބަޔޮގްރަފީ "ދަ ޓްރުތްސް ވީ ހޯލްޑް" ގައި އޭނާ ލިޔުއްވާފައިވާ ގޮތުން ދެ ދަރިންނަކީ ކަޅު ނަސްލުގެ ދެ ކުދިން ކަމަށް އެމީހުންގެ މަންމަ ދެކުނެވެ. އެހެންކަމުން އެމީހުން ބޮޑެތިވީ ކަޅު ނަސްލުގެ މީހުންގެ ވިސްނުމުގަ އެވެ. 

ކަމަލާ ދޮން މަންމައަކަށް، "މަމާލާ"

ސެނެޓަރެއްގެ ގޮތުގައި ހުންނެވި ކަމަލާ ވަނީ 2014 ވަނަ އަހަރު ގާނޫނީ ވަކީލް ޑަގް އެމްހޯފް އާ ކައިވެނިކޮށް އޭނާގެ ދެ ކުދިންގެ ދޮން މަންމައަކަށް ވެފަ އެވެ. އެލް މެގެޒިންގެ އާޓިކަލްއަކަށް އޭނާ ލިޔުއްވި ގޮތުގައި ދޮން މަންމައިގެ ގޮތުގައި މުހާތަބު ކުރަން އެހާ ހިތްހަމަނުޖެހުނު ކަމަށާއި އެހެންވާ "މަމާލާ" ގެ ނަމުން އޭނާއަށް ގޮވަން ފެށި ކަމަށެވެ. 

އެއާއެކު ގިނަ ނޫސްތަކުގެ ސުރުހީގައި ކަމަލާއަށް މަމާލާގެ ނަމުން މުހާތަބުކޮށް ހަބަރު ލިޔުނެވެ. ކަމަލާ އާއި ޑަގް އަދި ދެ ކުދިން ކޯލް އާއި އެލާ ސިފަވަނީ "މިކްސް" އާއިލާއެއްގެ ގޮތުގައި ކަމަށް އެމެރިކާ ނޫސްތަކުން ބުނެ އެވެ. އެ "އިމޭޖުގެ" ސަބަބުން ކަމަލާއަށް ގިނަ ބައެއްގެ ތާއީދު ލިބުނެވެ.

ކަނާއަތު ފިޔަ އާއި ވައަތު ފިޔައާ ދެމެދުގައި

ކަމަލާގެ ސިޔާސީ ދާއިރާ ފެށިފައި ވަނީ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. އަލަމެޑާ ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހުން މަސައްކަތް ފެއްޓެވި ކަމަލާ ވަނީ 2003 ވަނަ އަހަރު ސޭން ފްރެންސިސްކޯގެ އެންމެ އިސް ޕްރޮސެކިއުޓަށް ވެފަ އެވެ. އޭގެ ފަހުން ހުންނެވީ ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އަށެވެ. ކަމަލާއަކީ އެ ސްޓޭޓުގެ އޭޖީ ކަމަށް ހޮވުނު ފުރަތަމަ އަންހެން މީހާ އަދި ކަޅު ނަސްލުގެ މީހާ އެވެ.

your imageކަމަލާ ކެރިއަރުގެ ކުރީކޮޅުގައި--

ކެލިފޯނިއާގެ ސެނެޓަރެއްގެ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ކަމަލާ ދިޔެއީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ކުރި ހޯއްދަވަމުންނެވެ. ޕާޓީގެ ތެރޭގައި ހިމެނޭ ކަނާއަތު ފިޔަ އާއި ވައަތު ފިޔައިގެ ވިސްނުންތަކަށް ވެސް އޭނާ ތާއީދު ކުރެއްވި އެވެ. އެހެންކަމުން އެ ދެ ބައި މީހުން ވެސް ކަމަލާއާ މެދު މާ ހިތްހަމައެއް ނުޖެހެ އެވެ.

ފުލުހުން އިސްލާހު ކުރުން ފަދަ މައްސަލަތަކުގައި ކަމަލާ ވާހަކަދައްކަވަނީ ދެ ފަހަރު ދެ ގޮތަށް ކަމަށް ތުހުމަތުތައް އައެވެ. ފުލުހުންނާ ގުޅުން ހުރި ދާއިރާއަކުން ކެރިއަރު ފެށި ކަމަލާ ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އޭނާ ނިސްބަތްވަނީ ކަޅު ނަސްލަށް ކަމަށް ވުމުން އެމީހުންގެ އިހުސާސްތައް ދަންނަ ކަމަށެވެ. އެހެންކަމުން ނައިބު ރައީސަކަށް ހޮވިވަޑައިގެންނެވުމާއެކު އެ ވިސްނުންތަކާ އެއް ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު މި ވަނީ ފަހިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް