ނ. އަތޮޅުގެ ޝެވަލް ބްލާންކް ރަންދެލި ރިސޯޓްގައި ޗުއްޓީ ހޭދަކުރަން އައި އެ ފަތުރުވެރިޔާ ވަނީ އެ އަތޮޅުގެ މިލަދޫ އާއި އެ އަތޮޅުގެ ވެލިދޫގެ ސްކޫލްތަކަށް ތަކެތި ހަދިޔާކޮށްފައެވެ.
އެގޮތުން މިލަދޫ ސްކޫލަށް ޓީވީއަކާއި ދެ ކޮމްޕިއުޓަރު ސިސްޓަމް އާއި ދެ ލެޕްޓޮޕް ހަދިޔާކޮށްފައިވާ އިރު، އޭނާ ވަނީ ވެލިދޫ ސްކޫލަށް ހަތަރު ޓީވީއެއް ހަދިޔާކޮށްފައެވެ.
ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ސްޕެއިންގެ އެ ފަތުރުވެރިޔާ އަކީ އާންމުކޮށް އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ މީހެއް ކަމަށާއި، އޭނާ ޒިޔާރަތްކުރާ ކޮންމެ ފަހަރަކުވެސް އެ ރިސޯޓްގެ މުވައްޒަފުންނަށް ހާއްސަކޮށް ފުޓްބޯޅަ މުބާރާތެއް ބާއްވާ ކަމަށް ރަންދެލި ރިސޯޓުން މައުލޫމާތުދެއެވެ. އަދި ވެލިދޫ އާއި މިލަދޫގެ ސްކޫލްތަކަށް ހަދިޔާ ކޮށްފައިވަނީ މި ފަހަރު ބޭއްވި މުބާރާތުގެ އިނާމުތައް ކަމަށްވެސް އެ ރިސޯޓުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކުން އާންމުކޮށް ރަށްތަކަށް ތަކެތި ހަދިޔާ ކުރާ އިރު، މަދުން ނަމަވެސް ފަތުރުވެރިންވެސް މިގޮތަށް ތަކެތި ހަދިޔާ ކުރެއެވެ.