
އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ ތަފާތު ރޮނގުތަކުން މުޖުތަމައަށް ލާބަހުރި މަސައްކަތްތައް ކުރުމާއި، އިހްތިރާމާއި، އަޅާލުމާއި ލޯތްބާއެކު، އެންމެންގެ ފައިދާއަށް މަސައްކަތް ކުރާ ކެރުންތެރި މުޖުތަމައުއެއް ބިނާކުރުން ކަަމަށް "އީއެމްސީ" އިން ބުނެއެވެ.
އެ ޖަމްއިއްޔާގެ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާ ބާއްވައިފައި ވަނީ، މިއަދު ހަވީރުގެ ވަގުތެއްގައި، މާލޭ ޕޮލިޓެކްނިކްގައި ހުންނަ ޔޫތު ބަޒް ކެފޭގައެވެ. އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އަހްމަދު ސައީދު ޝަރަފުވެރިކޮށްދެއްވި އެ ހަފްލާގައި، އީއެމްސީ ވުޖޫދަށް ގެނައުމަށް އެކި އެކި ފަންތީގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.
އެހަފްލާގައި، އަހްމަދު ސައީދު ވިދާޅުވީ، ޒުވާނުން ބާރުވެރިކޮށް މުޖުތަމައުގެ އަގުތަށް ނެގެހެއްޓުމަށްޓަކައި ޖަމްއިއްޔާއެއް ވުޖޫދުވުމަކީ ދިވެހި މުޖުތަމައު އަކީ އުންމީދުން ފުރިގެންވާ މުޖުތަމައެއް ކަމުގެ ހެއްކެއް ކަމަށެވެ. އަދި އިންސާނީ އަމަލުތަކުން ވެށި ތަގައްޔަރުވެ، އެކަމުގެ ސީދާ އަދި ނުސީދާ އަސަރު އިންސާނާއަށް ކުރާއިރު އެފަދަ އަމަލުތައް ތަކުރާރު ކުރުމާއި ތިމާ ފަދަ އަނެކާގެ އިހްސާސްތަކަށް އިހްތިރާމް ނުކުރުން ފަދަ ނޭދެވޭ ސިފަތައް އާއްމުވެގެން ދާއިރު އެފަދަ ސިފަތައް ދިރުވައި އާލާ ކުރުމަށް މުޖުތަމައުގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ގޮތަށް އީއެމްސީ އުފެދިގެން ދިއުމަކީ މުސްތަގުބަލަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި ހިތްވަރާއެކު ޖަމްއިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
އީއެމްސީގެ މައިގަނޑު މަގްސަދުތަކާއި ގުޅޭގޮތުން ވާހަކަދައްވަމުން، ޖަމްއިއްޔާގެ ކޯ-ފައުންޑިން ޕްރެޒިޑެންޓް ސަމާ އިބްރާހީމް ދީދީ ވިދާޅުވީ، ޖަމްއީއްޔާގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަތުރާލެވޭނީ، ޒުވާނުން ބާރުވެރިކޮށް، ހިތްވަރު ހުރި ބަޔަކަށް ހެދުމަށްޓަކައި ފަންނީ ތަރައްގީގެ ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމަށާއި އަދި އެ ޕްރޮގްރާމްތަކުގެ އަލީގައި، ޒިންމާދާރު ހަރަކާތްތެރި ރައްޔިތެއް ބިނާ ކުރުމަށް ކަމަށެވެ.
އީއެމްސީގެ ދެވަނަ ކޯ-ފައުންޑިން ޕްރެޒިޑެންޓް އާމިނަތު ރީމާ ރަޝީދު ވިދާޅުވީ، އެޖަމްއިއްޔާއިން އަބަދުވެސް މަސައްކަތްކުރާނީ، ދިވެހި މުޖުތަމައުއަކީ ކެރުންތެރި މުޖުތަމައުއެއްކަން ކަށަވަރު ކުރުމަށް ކަމަށާއި އެކަމަށްޓަކައި ފަރުދީ ތަރައްގީ އަކީ ނުހަނު މުހިއްމު ކަމަކަށް ވާތީ، އެކަމަށް ފުރުސަތު ލިބޭ ކޮންމެ ކަމެއް އެއީ، ޖަމްއިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ދާނެ ކަމެއް ކަމަށް ރީމާ ފާހަގަކުރެއްވިއެވެ.
އީއެމްސީ މިއަދު އިފްތިތާހު ވެގެން ދިޔައިރު، އެޖަމްއިއްޔާގެ ހިންގާ ކޮމީޓީގައި ވެސް ތަފާތު އެކި ދާއިރާތަކުން މުޖުތަމައަށް ފާހަގަކޮށްލެވޭ ފަރާތްތައް ހިމެނޭކަން ފާހަގަކޮށް ރީމާ ވިދާޅުވީ، ޖަމްއިއްޔާގެ އެންމެ ބޮޑު އަމާޒަކީ، އަސްލު ދިވެހި ސިފަތައް ކަމަށްވާ އިހްތިރާމާއި ލޯތްބާއި އަޅާލުން ބަދަލުވަމުންދާ މުޖުތަމައުން ނެތިގެން ނުދާނެކަން ކަށަވަރުކޮށް، ބަވަނަ ވެފައިވާ ދުނިޔެއާ ކުރިމަތިލުމަށް ދިވެހި ދަރީންނަށް ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށެވެ.