މާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މިއަހަރު އަލަށް ކިޔަވައިދޭން ނިންމި އިއްޒައްދީން ސްކޫލުގައި 240 ދަރިވަރުންނާއެކު މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

Advertisement
މާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މިއަހަރު އަލަށް ކިޔަވައިދޭން ނިންމި އިއްޒައްދީން ސްކޫލުގައި 240 ދަރިވަރުންނާއެކު މިއަދު ކިޔަވައިދޭން ފަށައިފި އެވެ.
މި ސްކޫލު ހުޅުވާފައި ވަނީ ކުރިން މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގަ އެވެ. އެތަނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްކޫލު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
މިއަހަރު ގްރޭޑް އެކަކުން ހަޔަކަށް އެ ސްކޫލުގައި ކިޔަވައިދޭން ނިންމާފައިވާއިރު މި ސްކޫލުގައި 26 ޓީޗަރަކު ކިޔަވައިދޭނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މި ސްކޫލުގެ ކޮންމެ ކްލާހެއްގައި ވެސް ކިޔަވާނީ 25 ދަރިވަރުންނެވެ.
ސްކޫލުގެ މޮޓޯއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހައްގު ތެދު ހޯދާށެ" އެވެ.
ގްރޭޑު ހަތަކުން 10 އަކަށް ގްރޭޑް ތައާރަފުކުރާނީ 2021 އިން ފެށިގެން ކޮންމެ އަހަރަކުވެސް ގްރޭޑެއް އިތުރުކޮށްގެން ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މި ސްކޫލަކީ މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ވެސް މެއެވެ.
މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިފައިވާއިރު މިއަހަރު 73،067 ދަރިވަރުން ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުންދާނެ އެވެ. މިނިސްޓްރީން ބުނީ މި އަހަރު ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށާއި އޭގެތެރެއިން 150 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ.
ބޮޑު ޗުއްޓީ އަކަށްފަހު ތައުލީމީ އާ އަހަރު ފެށުނުއިރު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ދިރާސީ އާ އަހަރުގެ ހެޔޮއެދުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފޮނުއްވާފަ އެވެ. އެގޮތުން ސްކޫލުގައި އާކަންކަން ދަސްކުރުމަށާއި އާ ތަޖުރިބާތައް ކުރުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސްކޮށްފަ އެވެ.