ads
އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
ބުރަބޮޑު އާސަންދަ ނިޒާމު: ލަފާ ދިންތާ ދެ އަހަރު ފަހުން ރިވިއު ކުރަނީ!
އާސަންދަ އިންޝޫރަންސް ސްކީމް ރިވިއު ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދިންތާ ދެ އަހަރު ފަހުން އަންނަ އަހަރު އެ މަސައްކަތް ކުރައްވާނެ ކަން އިއުލާނުކޮށްފި އެވެ.
Advertisement

އެކަން އިއުލާނު ކުރެއްވީ 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދ ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. 

"2021 ވަނަ އަހަރު އާސަންދަ ސްކީމަށް ވާނީ 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި. ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ޔަގީން ކޮށްދެވުމަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީއެއް ބިނާކުރުމަށް މަގު ފަހިކޮށްދޭ ކަމެއް. ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މިފަދަ ނިޒާމަކުން ރައްޔިތުންނަށް މާލީ ރައްކާތެރިކަން ވެސް ފޯރުކޮށްދޭ. މީގެ ފައިދާއާ މެދު އެއްވެސް ޝައްކެތް ނެތް،" އަމީރު ވިދާޅުވި އެވެ. 

ނަމަވެސް އެފަދަ ބޮޑު ސްކީމެއްގެ ތެރެއިން އިސްރާފަށް ފުރުސަތު ހުންނާނެ ކަމަށާއި ހަރަދު ބޮޑުވުމަށް ފުރުސަތު އުފެދޭ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

"ޚަރަދު ބޮޑުވުމަށް މި ނިޒާމުގެ ތެރެއިން އިންސެންޓިވްތަކެއް އުފެދޭކަން ވެސް ގަބޫލުކުރަން ޖެހޭ. ހަގީގަތަކީ މި ބޭކާރު ވެގެންދާ ފައިސާއަކީ ވެސް ޓެކްސް އާމްދަނީ އިން ނުވަތަ ދަރަނި ނަގައިގެން ހަމަޖައްސަން ޖެހޭ ޚަރަދުތަކެއްކަން،" އޭނާ ވިދާޅުވި އެވެ. 

"ވީމާ 2021 ވަނަ އަހަރު ވެގެންދާނީ ސިއްހީ އިންޝޫރެންސްގެ ނިޒާމުގައި ހުރި އިންއެފިޝަންސީތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރެއް ކަމަށް،" އަމީރު ވިދާޅުވި އެވެ.

އާސަންދައިގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް އަންނަ އަހަރު މަސައްކަތް ކުރައްވާނެ ކަމަށް އަމީރު ވިދާޅުވިއިރު، މީގެ ދެ އަހަރު ކުރިން ޑަބްލިއުއެޗްއޯއިން ވަނީ އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް ލަފާ ދީފަ އެވެ. 

އެ ޖަމިއްޔާއިން ރާއްޖެއަށް ހެދި "ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓެޖީ 2018-2022" ގައި ވަނީ އާސަންދަ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ ރިޕޯޓް

އެ ރިޕޯޓުގައި ބުނެފައި ވަނީ އާސަންދައަކީ ދެމެހެއްޓެނިވި އެދި ގެއްލުން ނުވާނެ ފަދަ ނިޒާމަކަށް ހެދުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 

އާސަންދަކީއަކީ 2012 ވަނަ ތައާރަފު ކުރި ސްކީމެކެވެ. އެ ސްކީމް ހުސްނުވާ އާސަންދައަށް ބަދަލުކުރީ 2014 ގައެވެ. އެ ސްކީމުގައި ބައިވެރިވުމަށް އެއްވެސް ދިވެހި ރައްޔިތަކުން ބައިވެރިވާކަށް ނުޖެހެ އެވެ. އަދި އެއްވެސް ލިމިޓެއް ނެތި އޭގެ ބޭނުން ކުރެވެ އެވެ. 

ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ބުނާ އާސަންދައަކީ ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް ހަރުދަނާ މޮޑެލްއެއް ބިނާ ކުރަން ޖެހޭ ކަމަށެވެ. އަދި އަވަސް ފިޔަވަޅު ނާޅައިފި ނަމަ އެ ނިޒާމުގެ ސަބަބު ހަރަދު ބޮޑެވު، ކުއްލިއަކަށް އެ ނިޒާމު ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެއެވެ.

ނަޝީދުގެ ފާޑުކިޔުން އާސަންދައަށް

އާސަންދަ ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރައްވާނެ ކަމަށް އަމީރު ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެ ސްކީމް ބޭނުންކޮށްގެން ބައެއް މީހުން ނާޖައިޒު ފައިދާ ހޯދާ ކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

އިންޝޫރަންސް ބިލުގެ ބަހުސް ކުރިއަށް ދަނިކޮށް ނަޝީދު ވިދާޅުވީ އެއީ އިންޝުއަރެންސް ސްކީމެއް ނަމަވެސް ހިނގަމުން އަންނަނީ އެ ގޮތުގައި ނޫން ކަމަށެވެ. އަދި އާސަންދައަށް އަހަރަކު ދައުލަތުން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާ ކަމަށް ވިދާޅުވި އެވެ. 

"އާސަންދަ ފެށިގެން އައީ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ވިސްނުމުގެ ތެރޭގައި. އެހެން ނަމަވެސްް މިހާރު އާސަންދަ ވަކިން ހިނގަމުން އަންނަނީ. އެލައިޑް އިންޝުއަރެންސާއި އާސަންދަައާ މިވަނީ ވަކިކުރެވިފައި. ދެން އާސަންދަ ހިނގަމުން ދަނީ އިންޝުއަރެންސްގެ އުސޫލުތަކުން ނޫންކަމަށް ފެންނަމުން ދަނީ،" ނަޝީދު ވިދާޅުވި އެވެ.

އެކަން އެގޮތަށް ހިނގަނީ މަޖިލީހުން ނުބަލާތީ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އެމްޑީޕީން ވިސްނާފައިވާ ގޮތަށް އަދި ގާނޫނު އަސާސީގައިވާ ގޮތަށް ދައުލަތް ހިންގާ ނަމަ ދައުލަތް ނެގެހެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް