ކޮވިޑް-19 ޕެންޑެމިކް ހާލަތުގައި ހިތާން ކުރުމާގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އަމަލުކުރަންޖެހޭނެ ގޮތުގެ އުސޫލެއް އެޗްޕީއޭއިން ވަނީ މިއަދު އާއްމުކޮށްފައެވެ. އެ އުސޫލްގައި ވަނީ ހިތާން ކުރާ ގިނަ ކުދިން އެކުގައި އެއްތަނެއްގައި ބޮޑެތި ހޯލް ފަދަ ތަންތަނުގައި ނުބޭތިއްބުމަށް އަންގާފައެެވެ.
އަދި ކުދިން ހިތާނުކުރުމަށް އަމިއްލަ ގޭގައި ކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ އަންގާފައެވެ. އެޗްޕީއޭއިން ވަނީ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން އެއްތަނެއްގައި ބޭއްތިއްބޭނީ އެއްގޭގައި އެއްކޮށް ދިރިއުޅޭ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން ކަމަށްވެސް އަންގާފައިވެއެވެ.
އެ އުސޫލްގައި ވަނީ އެކުދިން ބައިތިއްބާ ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ ކޮވިޑްގެ މިހާލަތުގައި ކުދިން ހިތާނު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެެދޭކަމަށެވެ. އަދި ކޯވިޑް-19ގެ ޓްރާންސްމިޝަން ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތްތަނެއްގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް މާސްކް އަޅައިގެން އުޅުމާއި މަދުވެގެން ތިން ފޫޓުގެ ގައިދުރުކަން ބެހެއްމުގެ އިތުރުން ގޭގެއަށް ޒިޔާރަތް ނުކުރުންފަދަ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ.
އެޗްޕީއޭއިން ބުނީ ގެއަށް މީހުން ޒިޔާރަތްކުރާއިރުވެސް ގިނަ މީހުން އެއްފަހަރާ ގެއަށް ޖަމާނުވާނެގޮތަށް ޒިޔާރަތްކުރުމުގެ އިންތިޒާމް ހަމަޖެއްސުމާާއި، ކޮވިޑް-19ގެ އަލާމާތް ފެންނަ މީހުން ގެއަށް ޒިޔާރަތް ނުކުރުމަށް އެދޭކަމަށެވެ. އަދި އެގޮތަށް ގޭގެއަށް ޒިޔާރާތް ކުރާއިރު ވެސް ގެއަށް ގިނައިރު މަޑުނުކުރުމަށް ބާރުއެޅުމަށް އެދިފައިވެއެވެ. އޭގެއިތުރުން ގިނަ މީހުން އެއްވާގޮތަށް ޕާޓީ ތަކާއި، މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ހަފްލާތައް ނުބޭއްވުމަށް ވެސް އަންގާފައިވެއެވެ.