ads
މީރާ--
މި އަހަރުގެ އޮކްޓޯބަރު މަހު މީރާގެ އާމްދަނީ 57.9 އިންސައްތަ ދަށަށް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އަށް ވުރެ މި އަހަރުގެ އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި ލިބުނު އަދަދު 57.9 އިންސައްތަ ދަށްވެއްޖެ އެވެ.

މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ އޮކްޓޯބަރު މަހު މީރާ އަށް އާމްދަނީގެ ގޮތުގައި 390.57 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި 927.61 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރު މީރާ އަށް ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު 57.9 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި 843.04 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި 390.57 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ސެޕްޓެމްބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދާއި އަޅާ ބަލާއިރު 53.7 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރުގެ ޖެނުއަރީ މަހުން އޮކްޓޯބަރު މަހަށް 8.97 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 14.07 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި މީރާ އަށް ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރު މީރާ އަށް މި މުއްދަތުގައި ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު 63.8 އިންސައްތަ ދަށް އަދަދެކެވެ.

މީރާ އިން ބުނީ މިއަހަރުގެ އޮކްޓޯބަރު މަހުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ދަށްވެ، ރާއްޖޭގެ އިގްތިސާދު މަޑު ޖެހިފައި އޮތުމުގެ ސަބަބުން ގްރީން ޓެކްސް އާއި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.

މިހާތަނަށް މަހެއްގެ މައްޗަށް މީރާ އަށް އެންމެ ގިނަ އަދަދަކަށް އާމްދަނީ ލިބިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެއީ 1.033 ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް