އަލީ ހުސެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންގެ އާއިލާތައް ބިކަވުމުގެ ކުރިން އެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށް މީޑިއާތަކުގައި ދާދި ފަހުން ވަނީ ހަބަރު ފަތުރާފަ އެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން އެކަމުގެ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ދީފަައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީން އެހެން ބުނި ނަމަވެސް ލަންކާގެ އާ ޓެކުހުގެ ރޭޓުތަކާއި އެކު ރާއްޖެއިން ލަންކާއަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެކުހުގެ ރޭޓު ވަނީ ބޮޑުކޮށްފަ އެވެ.
މިދިޔަ އަހަރު 5000 ޓަނުގެ ހިކިމަސް ލަންކާއަށް ފޮނުވި
އެގައުމުގައި އަލަށް އަމަލުކުރަން ފަށާފައިވާ މަހުގެ ބާވަތްތަކުން ނަގާ އާ ޓެކުހުގެ ރޭޓުތަކާއި އެކުއެކު ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެކްސްގެ ގޮތުގައި ކިލޯއަކަށް 62.49 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.
އަދި އެހެން ގައުމުތަކުން ލަންކާއަށް އެތެރެކުރާ ގަނޑުކުރި މަހުގެ ކިލޯއަކަށް ނަގާ ޓެކްސް ރޭޓް 41.39 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ހިކި މަސް ކިލޯއަކަށް ނަގާ ޓެކްސް ރޭޓްގެ އަދަދުވެސް ވަނީ 26.28 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ރާއްޖެއިން ލަންކާއަށް އާއްމުކޮށް އެކްސްޕޯޓު ކުރަމުންދަނީ ވަޅޯމަހެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ވެސް ރާއްޖެއިން ލަންކާއަށް 5000 ޓަނުގެ ވަޅޯމަސް އެކްސްޕޯޓްކޮށްފައިވާ ކަމަށް ފިޝަރީޒް މިިނިސްޓްރީން ބުނެއެވެ.
މަސްވެރި ފަރާތްތަކުގެ ކަންބޮޑުވުން
ސޯޝަލް މީޑިއާގައި މަސްވެރިކަމާ ގުޅުން ހުރި ފަރާތްތަކުން އަންނަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ ލަންކާ ސަރުކާރުން ނެރުނު ބަޔާނެއް އާއްމުކޮށް، އެ ނިންމުން ކުށްވެރިކޮށްފަ އެވެ.
އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ ލަންކާގެ ނިންމުމުގެ ސަބަބުން އއ. އުކުޅަހުގެ ގިނަ މަސްވެރިންތަކެއް ގޮތް ހުސްވެ، މާޔޫސްވެފައިވާ ކަމަށެވެ.
އިތުރު މީހަކު ބުނެފައި ވަނީ ލަންކާއިން އެގޮތަށް ނިންމި ކަމަށް ބުނެ، މަސް ބޭރު ކުރާ ވިޔަފާރިވެރިން މަސް ގަތުން ހުއްޓާލާފައިވާ ކަމަށެވެ. އޭގެ ސަބަބުން ރ. އަތޮޅާއި ބ. އަތޮޅުގެ މަސްވެރިން ވެސް ބިކަވެފައިވާ ކަމަށް ބުނެފައި ވެއެވެ.