ads
ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހުލޫފް—
ކުޅިވަރުގެ ތާރީހުގައި އެންމެ ކާމިޔާބު ދެއަހަރު!
ގައުމެއް ތަރައްގީވެ ކުރިއަރައި ދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ޒުވާނުން ކަމާއިމެދު ޝައްކު އުފައްދާނެ ޖާގައެއް ނެތެވެ. އެހެނީ އެއީ މިއަދު ދިވެހި ދައުލަތް ހިންގުމުގައި އެންމެ އިސްކޮށް ތިއްބެވި ބޭބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަމެވެ. ނަތީޖާއަކީ މީގެ ކުރިން އެންމެ ބޮޑަށް އިހުމާލުވެފައި އޮތް ޒުވާނުންނާއި ގުޅުން ހުރި ދާއިރާތަކުން ފެންނަމުންދާ ތަރައްގީ މިއަދު އިތުރުވެފައިވާ ކަމެވެ. ވަކިން ހާއްސަކޮށް ކުޅިވަރުގެ ދާއިރާއަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި އެތައް ގޮތަކުން ކުރިއަރާފައިވާ ކަމެވެ.
Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ދެ އަހަރު ވާއިރު، މިސަރުކާރަށް ކުރެވުނު ކަންކަމާއި، ނުވަތަ މިވީ ދެއަހަރުގެ ތެރޭގައި ތަރައްގީއާއި ތަހުޒީބުގެ ގޮތުން އައިސްފައިވާ ބަދަލުތަކަކީ ކޮބައިތޯ މިއީ ކޮންމެ މީހަކުވެސް ބަލާލަން ބޭނުންވާނެ ކަމެކެވެ. މިކަމަށް ނަޒަރު ހިންގާލާއިރު ނަތީޖާ ފެނި އެންމެ ބޮޑު ހިނިތުންވުމެއް ގެނުވަނީ، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޒުވާނުންނަށެވެ. ސަބަބަކީ، މިސަރުކާރަށް ދެއަހަރުވީރު މަޝްރޫއުތައް ހިންގުމުގައި އެންމެ ކުރީގައި ޔޫތު މިނިސްޓްރީ އޮތުމެވެ.

އެހެން ހުރިހާ ދާއިރާތަކަކާއި އަޅާބަލާއިރު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އޮތީ ނިސްބަތުން ބަލައިފިނަމަ އެތައް ގުނައެއް ކުރިއަށް ޖެހިލާފައެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހެދުނު ތަފާސްހިސާބުތަކަށް ބަލާލަމާތޯއެވެ.

ފާއިތުވި ދެއަހަރުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން 78 މަޝްރޫއުއެއް ވަނީ ކުރިއަށް ގެންގޮސް ނިންމާލެވިފައެވެ. މިއާ ގާތަށް އެހެން އެއްވެސް ދާއިރާއަކުން މަޝްރޫއުތައް ނިންމާލެވިފައެއް ނެތެވެ. ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން އޮންގޮއިން ނުވަތަ މިހާރުވެސް ކުރިއަށްދާ މަޝްރޫތަކުގެ އަދަދުވެސް އެހެން ހުރިހާ ދާއިރާއަކަށް ވުރެ ގިނައެވެ. އެގޮތުން މިހާރުވެސް 48 މަޝްރޫއުއެއް ދަނީ ކުރިއަށެވެ. ޓެންޑާކުރެވިފައި 16 މަޝްރޫއުއެއް އޮތްއިރު، މި މަރުހަލާތަށް ނިމި 49 މަޝްރޫއުއެއްގެ މަސައްކަތް ވަނީ ބަޔަކާއި ހަވާލުކުރެވިފައެވެ. ޕްރީ ޓެންޑަރިން މަރުހަލާގައި އޮތީވެސް އެންމެ މަޝްރޫއުއެކެވެ. އަނެއް ކޮޅުން ކޮވިޑް-19 ހާލަތާއި ގުޅިގެން ސަރުކާރުން ގިނަ މަޝްރޫއުތަކެއް މަޑުޖައްސާލިއިރު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން 18 މަޝްރޫއުއެއްގެ މަސައްކަތް މިވަގުތު އޮތީ މަޑުޖައްސާލާފައެވެ.

your imageރައީސް ސާލިހު، ދުވުންތެރިޔާ ހުސައިން ފަޒީލް އާއިއެކު 

މި ތަފާސްހިސާބުތަކަށް ބަލާލި ކަމުގައި ވިޔަސް، މަޝްރޫއުތައް ހިންގުމުގައި އެންމެ ކުރީގައި އޮތީ ޔޫތު މިނިސްޓްރީކަން، ނުވަތަ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާކަން ސާފުކޮން އެނގެން އެބަ އޮތެވެ. ނަމަވެސް މިވަރުން އަދި ނިންމާނުލައި، އިސްވެ ފާހަގަކުރެވު އަދަދުތަކަކީ ކޮންކޮން މަސައްކަތެއްތޯ، ނުވަތަ ފާއިތުވި ދެއަހަރުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކޮށްފައިވާ އަދި ކުރަމުން އަންނަ ކަންކަމަށް ކުރު ގޮތަކަށް ބަލާލަމާތޯއެވެ.

ގައުމެއްގެ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ ޒުވާނުންނެވެ. އެކަން އެމަގުން ހިންގާނީ، ގައުމު ކުރިއަށް ގެންދިއުމުގައި ޒުވާނުންނަށް ބަސް ބުނުމުގެ ފުރުސަތު ހޯދައިދީ، ޒުވާނުންގެ ހިއްސާ އެފަދަ ކަންކަމުގައި އެކަށީގެންވާ މިންވަރަކަށް ހިމަނައިގެންނެވެ. ހާއްސަކޮށް ޒުވާނުންނާއި ގުޅުން ހުރި ދާއިރާތަކުގެ ކަންކަމުގައެވެ. އެގޮތުގެ މަތީން މި ސަރުކާރުން ވަނީ ޒުވާނުންގެ ގައުމީ މަޖިލީހެއް އެކުލަވާލައި، އެ މަޖިލީހުގެ ތެރެއިން ޒުވާނުންގެ މަޝްވަރާ އާއި ހިޔާލު ކަންކަމުގައި ހިމަނަން ފަށާފައެވެ.

your image"ޒުވާނުންގެ ހޮޅުއަށި" ފޮޓޯ: ޔޫތު މިނިސްޓްރީ

އެގޮތުން "ޒުވާނުންގެ ހޮޅުއަށި" މި ނަމުގައި ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުނެވެ. މި ބައްދަލުވުންތަކުގެ ކޮންމެ ސިލްސިލާއެއްގައި ވެސް ޒުވާނުންނާއި ގުޅުންހުރި ދާއިރާއަކުން ޒުވާނުންގެ ހިޔާލު ހޯދައި، އަދި އެ ހިޔާލުތައް އެކަމަކާއި ގުޅުންހުރި މުއައްސަސާއަކާއި ހިއްސާކުރުމަށް އެ މުއައްސަސާއެއް ބައްދަލުވުމުގައި ބައިވެރި ކުރުވައިގެން ކުރިއަށް ގެންދެވުނެވެ. ބައެއް ބައްދަލުވުންތަކުގައި ވުޒާރާއާއި ގުޅުން ހުރި މައުލޫތަކަށް ހިޔާލު ހޯދާ ނަމަ ސީދާ ވަޒީރު ވެސް ބައިވެރުވެވަޑައިގެންފައި ވާކަން ފާހަގަކޮށްލަމެވެ. މިކަން މިގޮތަށް ކުރިއަށް ގެންދިޔައީ ޒުވާނުންގެ ހޮޅުއަށީގައި އެކަންޏެއް ނޫނެވެ. "ލެޓްސް ޓޯކް ޔޫތު" ނަމުގައި ވާޗުއަލް ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން މީގެ 16 ޝޯ ވަނީ ކުރިއަށް ގެންގޮސްފައެވެ.  

މުޖުތަމައުއަށް ފައިދާ ހުރި ނަމޫނާ ޒުވާނުން ބިނާ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރިއަށް ގެންދެވުނެވެ. އެގޮތުން "ލާމަސީލު ޒުވާނާ" ގެ ނަމުގައި ޔޫތް ކޭންޕެއް ކުރިއަށް ގެންދިޔައެވެ. ޒުވާނުންގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ނޭޝަނަލް ޔޫތު ކޭމްޕް" ގެ ނަމުގައި ރާއްޖޭގައި މިހާތަނަށް އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ވާޗުއަލް ކޭމްޕު ކުރިއަށް ގެންދިޔައެވެ. އަދި "ޒުވާނުންގެ ދިސާ" ގެ ނަމުގައި ވެސް ޔޫތު ކޭމްޕެއް ކުރިއަށް ގެންދިޔައެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން "އެނގިލަމާ" ގެ ނަމުގައި ލައިފް ސްކިލްސްގެ ޕްރޮގްރާމްތަކެއް 19 ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

your image"ލާމަސީލު ޒުވަނާ" ފޮޓޯ؛ ޔޫތު މިނިސްޓްރީ

ގިނަ އަދަދެއްގެ ޒުވާނުން އެ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ އާޓްސްގެ ދާއިރާއިން، އާޓީސްޓިކް ކޮމިއުނިޓީއާއި ގުޅިގެން، "އަންވެލިންގް ވިޝަންގެ" ނަމުގައި އާޓްސް އެގްޒިބިޝަނެއް ކުރިއަށް ގެންދިޔައެވެ. މި އެގްޒިބިޝަނުގައި ހަ ކެޓަގަރީއަކުން 52 އާޓީސްޓުން ވަނީ ބައިވެރިވެފައެވެ. އަނެއް ކޮޅުން އާޓިސްޓުންނަށް ރާއްޖޭން ބޭރުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

ދެން ކުޅިވަރަށް ބަލާމާތޯއެވެ. އެންމެ ފުރަތަމަ ކުޅިވަރުތަކުގެ ހިންގުމުގެ ނިޒާމެވެ. 2015 ވަނަ އަހަރު އަލަށް އެކުލަވާލެވުނު ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމަކީ މިސަރުކާރުގެ ވައުދެކެވެ. އެކަން ކުރުމަށް ކަނޑައެޅި ތާރީހަށްވުރެ ލަސްވި ކަމުގައިވީ ނަމަވެސް މިހާރު އެ މަސައްކަތް އޮތީ ފެށިފައެވެ. ގާނޫނަށް އިސްލާހު ގެނައުމަށް ބިލު އެކުލަވާލެވި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ވެއްދިފައެވެ. ނަމަވެސް މިކަން ލަސްވެގެން ދިޔަ ނަމަވެސް، ކުޅުންތެރިންނާއި ގުޅުން ހުރި ކަންކަމާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފަށައިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނޭޝަނަލް ސްޕޯޓްސް ކައުންސިލް އެކުލަވާލެވި، ސިޔާސީ ނުފޫޒުން އެސޯސިއޭޝަންތައް މިންޖުކޮށް މިނިވަން މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

ކުޅިވަރުތަކުން ގައުމަށް ރީތި ނަން ހޯދައިދިނުމުގެ މާތް މަގުސަދުގައި ދާއޮހޮރުވައިގެން މަސައްކަތް ކުރަމުންދާ ކުޅުންތެރިންގެ އަގުވަޒަންކުރުގައި އިހަށް ވެވިފައި އޮތް އިހުމާލު ނައްތާލައި މި ސަރުކާރުން ފާއިތުވި ދެއަހަރުގެ ތެރޭގައި އެކަން ހައްލުކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އަންހެން އަދި ފިރިހެން، ވަކި ކުޅިވަރުތަކެއް ތަފާތު ކުރުމެއް ނެތި ގައުމީ ކުޅުންތެރިންގެ މުސާރައިގެ ފަރަގު ނައްތާލިއެވެ. ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާ އަދި ކޮންމެ އޮފިޝަލަކަށް 2500 ރުފިޔާ ދޭން ފެށިއެވެ. ކުޅިވަރުތަކުން ބައިނަލްއަގްވާމީ ކާމިޔާބީ ގެނައުމުން އެކަމުގެ އަގުވަޒަންކޮށް އިނާމާއި ފައިސާ ދިނުމުގައި އިހު ހުރި ފަރަގު ނައްތާލިއެވެ. އަދި އެތްލީޓުންނަށް ހާއްސަ އިންޝޫރެންސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

your imageސައުތް އޭޝިއަން ގޭމްސްގެ ތެރެއިން ގައުމީ ބާސްކެޓްބޯޅަ އަންހެން ޓީމް

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމުގެ ލާމަރުކަޒީ ސިޔާސަތު ތަންފީޒުކުރުމަށް މަޝްރޫއުތަށް އަތޮޅުތެރެއަށް ބަހާލެވުނެވެ. އެގޮތުން 114 ސްޕޯޓްސް ކައުންސިލަރުން ތަމްރީންކޮށް ރާއްޖޭގެ ގިނަ ރައްތަތަކަށް ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް ފުޅާކުރެވުނެވެ.

ދެން އޮތީ ކުޅިވަރުގެ ދާއިރާއިން އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމެވެ. ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ ކުޅިވަރުގެ ދާއިރާއަށް މިސަރުކާރުން ގެނައި "ކޮންކްރީޓް" ތަރައްގީއެވެ. މިކަމުގައި މިސަރުކާރާއި ކުރީގެ ސަރުކާރުތަކާއި އަޅާ ކިޔާނެ ޖާގައެއް ނެތެވެ. ޕީއެސްއައިޕީގެ 347 މަޝްރޫއުއެވެ. މިހާތަނަށް 345 މިލިއަން ރުފިޔާ ވަނީ ހަރަދުކުރެވިފައެވެ. ހާއްސަކޮށް ކުރިން އިހުމާލުވެ ބާކީކޮށްލެވިފައި ހުރި އެތައް ކުޅިވަރަކަށް ވަންނާނެ ތަނެއްގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރަށް އެ ކުޅިވަރުތަކުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މާލޭގައި އެކަންޏެއް ނޫނެވެ. ލާމަރުކަޒީކޮށް އަތޮޅުތެރެއަށް ބަހާލެވިގެން ފަތުއަޑުކިޔާފައި ދަނީ ކުރިއަށެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ ޓެނިސް ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ޓެނިސް އެސޯސިއޭޝަނާއި ގުޅިގެން އެއް ކޯޓު އިތުރުކޮށް ފެންވަރު ރަނގަޅު ފެސިލިޓިއެއް ވަނީ ގާއިމްކުރެވިފައެވެ. އަދި އަންނަ އަހަރު ހުޅުމާލޭގައި 5 ކޯޓު ގާއިމްކުރުމަށް އެސޯސިއޭޝަނާއިއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް ގައިމްކުރުމުގެ މަސައްކަތުގެ ދަށުން، ސްޓޭޑިއަމް އެޅުމަށް ހުޅުމާލެއިން ބިން ވަނީ ހަމަޖެހިފައެވެ. މިއީ 22000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ސްޓޭޑިއަމް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

މާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ބާސްކެޓް އިންޑޯ ހޯލެއް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ހޯލު ޑިސައިން ކުރުމުގެ މަރުހަލާގައި އޮތްއިރު، 20 އަހަރަށްފަހު ހިތަދޫ ކޯޓު ތަރައްގީކޮށް ވަނީ ނިންމާލާފައެވެ. ފުވައްމުލައްސިޓީގެ ދެ ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ހއ. ދިއްދޫ އާއި ގއ. ވިލިނގިލީ ކޯޓުތައް ތަރައްގީކުރުމަށް މިހާރު ވަނީ ރޭވިފައެވެ.

your imageފޮޓޯ: ޔޫތު މިނިސްޓްރީ

މާލޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އިންޑޯ ވޮލީކޯޓު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން އިންޑޯ ޑިޒައިން ކުރުމުގެ މަރުހަލާގައި އޮތްއިރު، ކ. ހުރާ، އއ. އުކުޅަސް، އަދި ހއ. އިހަވަންދޫގެ ކޯޓުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އދ. ދިއްދޫ އާއި ރ. ކިނޮޅަސް ކޯޓުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު އަންނަ އަހަރު އިތުރު 20 ރަށެއްގައި އައުޓްޑޯ ވޮލީކޯޓުތައް އަޅަން މިހާރު ވަނީ ނިންމާފައެވެ.

ފުޓުބޯޅަ އާއި ފުޓްސަލްގެ އިންފްރާސްޓްރަކްޗާގެ މަސައްކަތުގައި އެހެން ސަރުކާރުތަކަށް ވުރެ ކުރީގައެވެ. މިހާތަނަށް 39 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށްޓަކައި ސަބް-ބޭސް ތައްޔާރުކުރުމަށް ހަވާލުކުރެވި 17 ރަށެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 37 ރަށެއްގެ ދަނޑުގައި ޓާފް އަޅަން ހަވާލުކުރެވި 7 ރަށެއްގެ ދަނޑުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. 57 ރަށެއްގެ ރަށެއްގެ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތުގެ ދަށުން މަސައްކަތް ކުރިއަށްދާއިރު އެއްކޮށް ނުނިމި އޮތީ އެންމެ 6 ރަށުގައެވެ. ބާކީ 51 ރަށުގެ ދަނޑުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

your imageފޮޓޯ: ޔޫތު މިނިސްޓްރީ

ސްވިމިންގެ އިންފްރާސްޓަރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު އޮލީމްޕިކް ފެންވަރުގެ ސްވިމިންގް ޕޫލެއް އެޅުމުގެ މަސައްކަތުގެ ދަށުން ކުރެހުން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ބިން ސާފުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އަނެއްކޮޅުން މާލެ ފަތާ ޓްރެކުގެ މަސައްކަތް އަންނަ މަހަށް ނިންމާލެވޭނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އަދި ފަތާ ޓްރެކް ސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ގާއިމްކުރެވިގެންދާނެ އެވެ.

24 އަހަރަށްފަހު މާލޭ ދުވާ ޓްރެކް ސީންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ސަބް-ބޭސްގެ މަސައްކަތް ކޮށް ނިންމާލާފައި ވާއިރު ސީންތެޓިކް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ މުބަރާތްތައް ބޭއްވޭ ފެންވަރަށް ބެޑްމިންޓަން އިންޑޯ ކޯޓު ވަނީ ތަރައްގީކުރެވި މުބާރާތްތައް ބާއްވަން ފަށާފައެވެ. އައްޑޫސިޓި ހިތަދޫ ބެޑްމިންޓަން ކޮމްޕްލެކްސް މަސައްކަތް ނިމި ފުރަތަމަ ވެސް ބޭއްވުނީ ސަރަހައްދީ މުބާރާތެކެވެ. އަނެއްކޮޅުން އިތުރު ހަ ރަށެއްގައި ކޯޓުތަށް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ފުރާޅުގަނ ޑުވެއްޓި ހޯލަށް ވާރޭވެހޭ ފެންވަރުގައި އޮތް ޓީޓީހޯލު މަރާމާތުކޮށް ޓީޓީ އެސޯސިއޭޝަނަށް މާލެއިން ވަކި ހާއްސަ ބިމެއް ހަމަޖެއްސިއެވެ. އަދި 46 އަހަރަށްފަހު މާލެއިން ބޭރުގައި ޒަމާނީ ފެންވަރުގެ ޓީޓީ ހޯލެއް ގާއިމްކުރެވުނެވެ. އެގޮތުން ހުޅުމާލޭ ޓީޓީ ހޯލު ހުޅުވުމާއި ގާތަށް ވަނީ ގޮސްފައެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައި ހުރި މާލޭ ބިލިއާޑް ހައުސް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލޭ ބިލިއާޑް ހައުސް ގާއިމްކޮށް މިހާރު ވަނީ ނިންމާލާފައެވެ.

your imageނާއިބު ރައީސް ފައިސަލް ނަސީމް 

ހޭންޑްބޯޅަ ބައިނަލްއަގްވާމީ ފެންވަރުގެ ކޯޓެއް އެޅުމުގެ މަސައްކަތުގެ ދަށުން، ސަރަހައްދީ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ހޭންޑްބޯޅަ ފެސިލިޓީއެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ބައިނަލްއަގްވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އެޅުމަށް އެ މަސައްކަތް މިހާރު އޮތީ ބިޑު މަރުހަލާގައެވެ. މާޝަލް އާޓްސް ތަރައްގީކުރުމުގެ ގޮތުން ގައުމީ މާޝަލް އާޓްސް އެސޯސިއޭޝަނެއް މިހާރު ވުޖޫދަށް ގެނެވި ރާއްޖޭގައި ފުރަތަމަ ފަހަރަށް މާޝަލް އާޓްސް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗެސް ކުޅުމަށް ހާއްސަ ނޭޝަނަލް ޗެސް އާކޭޑް ވަނީ ގާއިމްކޮށްފައެވެ. ސާފިން އެސޯސިއޭޝަނަށް ހާއްސަ އޮފީހެއް ހަމަޖެހި 10 ރަށެއްގައި ސާފް ޝެކް ގާއިމްކުރުމަށް އެސޯސިއޭޝަނާއިއެކު ޑިޒައިން ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަތޮޅުތެރޭގެ 61 ރަށެއްގައި އައުޓްޑޯ ޖީމް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ހަމަ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 104 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް މިބައިގަ ހިމަނާލާނަމެވެ.

މި ނިމުނީކީ ނޫނެވެ. ތަރައްގީއަކީ ކޮންކްރީޓް މަސައްކަތުގެ އިތުރުން ފުރުސަތު ވެސް ހޯދައިދިނުމެވެ. އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށެވެ.

މިގޮތުން އެންމެ ފުރަތަމަ ކަމަކަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އަދި ސްޕެޝަލް އޮލީމްޕިކްސް މޯލްޑިވްސް އުފެއްދިއެވެ. އަދި މޯލްޑިވްސް ޕެރަލީމްޕިކް ކޮމިޓީއަށް އިންޓަނޭޝަނަލް ޕެރަލީމްޕިކް ކޮމިޓީގެ ފުރިހަމަ މެމްބަޝިޕްކަން ލިބިގެންދިޔައެވެ. މީގެދަށުން ހޯދައިދިން ފުރުސަތުތަކުގެ ބޭނުން ހިފައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާތަނަށް މިފަދަ އެތްލީޓުން ވަނީ ރާއްޖެއަށް ބައިނަލްއަގްވާމީ ތިން މެޑަލް ގެނެސްދީފައެވެ.

ފާއިތުވި ދެއަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ދިގު ތާރީހުގައުވެސް އެންމެ ކާމިޔާބު ދެއަހަރެވެ. އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރަށް އެކަން އެގޮތަށްވީ ކުޅުންތެރިންނަން ސަރުކާރުން ހޯދައިދިން ފުރުސަތުތަކާއި ޓްރެއިނިންތަކުގެ ސަބަބުންނާއި ވެސް އެކުގައެވެ. ސީދާ ވަޒީރު ގޮސް ކުޅުންތެރިންނާއިއެކު ނާޑުވާ ބާރުކޮށްލައިގެން ފަރިތަކުރުންތަކުގައި ބައިވެރިވެސް ގެންނެވެ. ނަތީޖާއަކީ ކޮބައިތޯއެވެ.

your imageއައިއޯއައިޖީގެ ތެރެއިން (ޓީޓީ) ފޮޓޯ:އެމްއޯސީ

ފާއިތުވި ދެއަހަރުގެ ތެރޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި ސައުތް އޭޝިއަން ގޭމްސްއާއި، އަދި މިނޫންވެސް ސަރަހައްދީ ބޮޑެތި މުބާރާތްތަކުން ރާއްޖެއަށް ޖުމްލަ 38 މެޑަލް ވަނީ ހޯދިފައެވެ. ހީވެސް ނުކުރާފަދަ ކުޅިވަރުތަކުން ގެއްލިފައި ތިބި ތަރިންގެ ވިދުން ގަދަވެ ބައިނަލްއަގްވާމީ 12 ރަން މެޑަލް އާއި ހަތް ރިހި މެޑަލް އާއި 19 ލޯ މެޑަލްއެވެ. ކުޅިވަރު ތާރީހުގައި ވެސް އެންމެ ކާމިޔާބު ދެއަހަރަކީ ފާއިތުވި ދެއަހަރެވެ. ތަރައްގީ ގެނެސްދެއްވައިފިއެވެ. މަޝްރޫއުތަށް ކުރިއަށް ގެންގޮސްދެއްވައިފިއެވެ. ފުރުސަތުތަށް ހޯދައިދެއްވައިފިއެވެ. އަދި ނަތީޖާ ނެރެދެއްވައިފިއެވެ. ކުރިއަށް އޮތް ތިން އަހަރު ވެސް އަދި އޮތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް