ads
ތޫފާން ވެމްކޯގެ ސަބަބުން މެނީލާގެ އަވަށެއްގެ މަގަކަށް ވެއްޓިފައި އޮތް ގަހެއް--- ފޮޓޯ: ރޮއިޓާސް
ތޫފާން ވެމްކޯގެ ސަބަބުން ފިލިޕީންސްގެ ސަރަހައްދުތަކަށް ގެއްލުން ވެއްޖެ
ތޫފާން "ވެމްކޯ" ފިލިޕީންސްގެ ސަރަހައްދުތަކަށް އަރައި، އެ ގައުމުގެ މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މިއީ ފިލިޕީންސް އަށް މި އަހަރުގެ މިހާތަނަށް އެރި 21 ވަނަ ތޫފާން ކަމަށްވާ އިރު، މި މަހު ކުރީކޮޅު އެ ގައުމަށް އެރި ވަރުގަދަ ތޫފާން "ގޮނި" އާއި ގުޅިގެން 25 މީހުން މަރުވެ، ގިނަ ގޭބިސީތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ދާދިފަހުން އެރި ތޫފާން "ވެމްކޯ" އާއި ގުޅިގެން ފިލިޕީންސް އިން ދެ މީހަކު މަރުވެ، ހަތަރު މީހަކު ގެއްލި، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާ އިރު، މިއީ ގިނަ އަހަރުތަކަކަށް ފަހު އެގައުމުގެ ވެރިރަށް މެނީލާގައި ފެންބޮޑުވުމުގެ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

އެގޮތުން ތޫފާންގެ ސަބަބުން މެނީލާގެ ގިނަ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑި، ގިނަ ގެއްލުންތަކެއް ލިބިފައިވެ އެވެ. މީގެ އިތުރުން ފިލިޕީންސްގެ މަރިކިނާ ސިޓީގެ 40،000 އަށް ވުރެ ގިނަ ގެތަކަށް ތޫފާންގެ ސަބަބުން ގެއްލުން ލިބިފައިވާ އިރު، ބައެއް ގެތައް ފެނު އަޑީގައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ތޫފާން ވެމްކޯގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ ގޮވާލައްވައިފަ އެވެ. ޑުޓާޓޭ ވަނީ ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ހިޔާވަހިކަމާއި، މާލީ އެހީތެރިކަމާއި، ކައުންސެލިން ދޭން ނިންމަވާފަ އެވެ.

ތޫފާން ވެމްކޯގެ ބާރު ދަށްވެފައިވާ އިރު، އެ ތޫފާން މިހާރު މިސްރާބު ޖަހާފައި ވަނީ ވިއެޓްނާމްގެ ސަރަހައްދުތަކަށެވެ. މިދިޔަ މަހު ވިއެޓްނާމްގައި ހިނގައިދިޔަ ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި 160 އެއްހާ މީހުން މަރުވެ، 390،000 އަށް ވުރެ ގިނަ ގެތަކަށް ގެއްލުން ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް