ads
ފިނޮޅަކަށް ކުނި އަޅާފައި--
ޕިކްނިކް ގޮސް، ހުދު ދޮންވެލި ފިނޮޅުތައް ގޮނޑަކަށް!
ކޮވިޑާއެކު ބޮޑު ބަންދެއްގައި ގޭގައި ތިބުމަށް ފަހު ލިބުނު ލުއިތަކާއެކު ފެނިގެންދަނީ ވީކެންޑެއް އަންނައިރަށް ތޮއްޖެހިފައިވާ މާލެ ދޫކޮށް ގިނަ ބަޔަކު ޖަޒީރާ ދިރިއުޅުމެއް ހޯދުމަށް ޑިންގީތަކާއި ދޯނި ފަހަރަށް އަރައިގެން ފުރައިގެންދާ މަންޒަރެވެ. ވިލިނގިލީ ބީޗާއި ހުޅުމާލޭ ބީޗަށް ކުރިން ބާރުބޮޑުވިޔަސް މިހާރު ބާރުބޮޑުވަނީ މާލޭ ސަރަހައްދުގެ ފިނޮޅުތަކަށެވެ. ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މިގޮތަށް ގްރޫޕް ހަދައިގެން ދަތުރު ނުދިއުމަށް އެދުނަސް އެ އާދޭސްތަކުގައި ކޮޅުފައިން ޖަހާ މިކުރާ ދަތުރުގައި ވެސް ނިކަން ނޭދެވޭ ކަންކަން އެބަ ކުރެ އެވެ.

މިފަހުން ސޯޝަލް މީޑިއާއިން ލޮލުގައި އަޅައިގަތީ މިފަދަ މަންޒަރަކަށެވެ. ހުދު ދޮންވެލި ފިނޮޅުތަކަށް ޑިންގީ ބީއްސާލުމަށް ފަހު، ފައިބައިގެން ދާއިރު އެ ކުރެވޭ ކަންކަމާއި މެދު ނިކަން ރަނގަޅަށް ވިސްނާލަން ޖެހޭ ފަދަ ކަމެކެވެ. 

ޕިކްނިކް ހަދާލުމަށް ހިފައިގެންދާ ޓެންޓާއި ކަރުދާސް ފޮއްޓާއި ފޮއްޗާއި ޖަންބޯ ބޭގާއި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅިތަކުން ފިނޮޅެއް ގޮނޑުކޮށްލާފައި ހުރި މަންޒަރެވެ. އެއް ފުންޏަކަށް ކުނިތައް އެޅުމަށް ފަހު މުޅި ތަން ގޮނޑުކޮށްލާފައި އޮތްއިރު މިކުރެވުނު ކަމަކާއި މެދު ވިސްނާ ވެސް ނުލެވެ އެވެ. އެފަދަ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ހިއްސާކުރި މީހަކު ވަނީ އެތަނަށް ކުނި ބަލާއި ވެމްކޯ ލޮރީ ނުދާނެ ކަމަށާއި އެ ކުނިތައް ގެންދަން ޖެހޭނީ އެ ހިފައިގެން އެތަނަށް ދިޔަ ބައެއް ކަމަށް ބުނެ ފާޑުކިޔާފަ އެވެ. 

ތެދެކެވެ. މާލޭގެ މަގުމައްޗަށް ޖެހުނުތާކަށް ކުނި އެޅިޔަސް އެ ކުނިތައް ވެމްކޯގެ މުވައްޒަފުން ނަގާއި ސާފުކުރިޔަސް މިފަދަ ތަންތަނުން ކުނި ނަގާއި ސާފުކުރަން ވަކި މީހަކު ނުހުންނާނެ އެވެ. މިހެންކަމުން ދަތުރުދިޔަސް އެ އަޅާ ކުނިތައް ނަގާއި ސާފުކުރުމަކީ މުހިއްމު ކަމެކެވެ. 

ދިވެހިން މިއަދު މިވަނީ ދިރިއުޅޭ މާހައުލު ގޮނޑު ކުރުމުން ވެސް އެއްވަނަ ހޯދާފައެވެ.  

އޮސްޓްރޭލިއާގެ "ފްލިންޑާސް ޔުނިވާސިޓީ" އިން މިއަހަރުގެ އޮގަސްޓު މަހުގެ ޝާއިއުކުރި ދިރާސާއެއްގައި ބުނާގޮތުން ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ޕުލާސްޓިކު ޕޮލިއުޝަން ގިނަ ގައުމެވެ. މިގޮތުން ރާއްޖެ ވަށައިގެންވާ މޫދާ ކަނޑާ ވެއްޔާއި ވައިގައި ގިނައަދަދަކަށް މައިކްރޯ ޕްލާސްޓިކުން ވަނީ ޕޮލިއުޓުވެފައެވެ. 

މައިކްރޯ ޕްލާސްޓިކުގެ ސަބަބުން އަޅުގަނޑުމެން އިންސާނުންނަށް ވެސް އެތައް ސިއްހީ ގެއްލެއްވާއިރު އެއީ އީކޯ ސިސްޓަމެއްވެސް ހަލާކުކޮށްލަން އެންމެ ކަމުދާނެ "ވިހަ" އެވެ. 

ދިވެހިރާޖެއާއި ގުޅޭގޮތުން ކުރި ދިރާސާގައި އެ ޔުނިވާސިޓީގެ ޓީމުން ހަރަކާތްތެރިވެފައިވަނީ ޅ. ނައިފަރުގައެވެ.

އެ ޓީމުން ހޯދި ހޯދުމުން ނައިފަރުގެ ވަށައިގެންވާ މާހައުލުގައި ކޮންމެ 1 ކިލޯއެއްގައި 55-1127 ދެމެދުގެ އަދަދަކަށް މައިކްރޯ ޕްލާސްޓިކު ހިމެނެއެވެ. އެއީ ކުރިން އެ ޓީމުން ޓެމިލް ނާޑޫގައި ކުރި ތަހުލީލުތަކަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ. ރާއްޖޭގެ ކުރިން އެއްވަނައިގައި އޮތް ޓެމިލްނާޑޫން ފެނިފައިވަނީ ކޮންމެ 1 ކިލޯއަކަށް 3-611 ދެމެދުގެ މައިކްރޯ ޕްލާސްޓިކެވެ. 

ރާއްޖޭގެ ސަރަހައްދުން ފެނުނު މައިކްރޯ ޕްލާސްޓިކު ކޮޅުތަކުގައި އެވަރެޖުގޮތެއްގައި 0.4 މިލިމީޓަރު ހުރި އިރު އެއީ ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ކަނޑުތަކާއި ދޮންވެލިގަނޑުވާ ދިރުންތައް ނެތިކޮށްލުމަށް އެންމެ އެކާށީގެންވާ މިންވަރުގެ ޕްލާސްޓިކު ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ. 

ކަން މިހެން އޮތްއިރު، ވަގުތީ އުފަލަކަށްޓަކައި ނުވަތަ ވިސްނާނުލާ ރާއްޖެ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކު ކުނި އުކާއިރު އެއީ އަމިއްލައަށް ވެއްޓޭނެ އަނދަވަޅެއް ކޮނުން ފަދަކަމެކެވެ. ރާއްޖޭގެ ދޮންވެލި ފިނޮޅުތަކާ، ރައްތަކަކީ ބަޔަކު އެއްއިރުލާފަ އެއްލާލާ އަންނައުނެއްކަމަށް ދެކިއްޖެނަމަ ސަލާމަތަކީ ކޮބައިތޯއެވެ؟

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް