ރައީސް މިހެން ވިދާޅުވީ، ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާހް ކުރުމުގެ ގޮތުން ބޭއްވި ވާޗުއަލް ހަފްލާގައި ތަގުރީރު ކުރައްވަމުންނެވެ.
ގިނަ ގައުމުތަކެއްގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި ހަފްލާގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ އިގްތިސާދު ދަށްވުމާއިއެކު ރާއްޖެފަދަ ކުދި ގައުމުތަކުގެ ކުރިމަގަށް އެޅިފައިހުރި ހުރަސްތަައް ވަޒަންކުރެވިއްޖެކަމަށެވެ.
ރައީސް ވިދާޅުވީ މިއީ ބައިނަލްއަގްވާމީ މުޖުތަމައުއިން ކުދި ގައުމުތަކުގެ ހާލަތާއިމެދު ވިސްނަންވީ ވަގުތުކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަންނަން ދަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތާއިއެކު މުހިންމު ދެފިލާވަޅެއް ލިބިގަންނަން ޖެހޭކަމަށެވެ. އެގޮތުން ފުރަތަމަ ފިލާވަޅަކީ ދުނިޔެއަށް ކުރިމަތިވާ މި ފަދަ އެކިއެކި ކާރިސާތަކަކީ ގައުމުތަކުގެ ބޯޑަރުތަކަށް އިހުތިރާމުކުރާ, ނުވަތަ ވަކި ގައުމަކާމެދު ތަފާކުރާނެ ކާރިސާތަކެއް ނޫން ކަމަށެވެ. އަދި ދެވަނަ ފިލާވަޅަކީ، ދުނިޔޭގެ ހުރިހާ ގައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ މިފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެ ކަމަށެވެ.
ޕެރިސް ޕީސް ފޯރަމް އަކީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ މުއާހަދާއެކެވެ. އެގޮތުން ރައީސްގެ ވާހަކަފުޅުގައި މިކަމަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދުމަ ނައްތައިލެވެން ނެތް ކަމަށެވެ. އަދ އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޮވިޑް-19 އަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.